ޚަބަރު

"ރެހެންދި އެވޯޑް" 4 ފަރާތަކަށް ދެއްވައިފި


"ރެހެންދި އެވޯޑް" މިއަހަރު 4 ފަރާތަކަށް ދެއްވައިފިއެވެ. މި އެވޯޑްތައް ދެއްވާފައިވަނީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭއްވެވި ޙާއްސަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

"ރެހެންދި" ގެނަމުގެ ނަމުގައި ސަރުކާރުން އަންހެނުންނަށް ޚާއްޞަ އެވޯޑެއް ދެއްވަން ކަނޑައެޅުއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. މިނިންމެވުން ތަންފީޒްކުރެއްވުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިއެވޯޑް ސަރުކާރުން އަންނަނީ ދެއްވަމުންނެވެ. މިހާތަނަށް 14 އަންހެން ކަބަލަކަށް މި އެވޯޑް ލިބިވަޑައިގެންފައިވެއެވެ.

މިއަހަރު ރެހެންދި އެވޯޑް ހާސިލް ކުރެއްވި ފަރާތްތަކަށް، ބުރޫޗް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.

މިއަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް ބަލާއިރު، ދެފަރާތަކަށް ޢިޖްތިމާއީ ދާއިރާއިން އެވޯޑް ލިބިފައިވެއެވެ.

ޢިޖްތިމާއީ ދާއިރާއިން ރެހެންދި އެވޯޑް ހާސިލްކުރެއްވި 2 ބޭފުޅުންނަކީ:

-އިފްހާމް ޙުސައިން

-އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ

ސިޔާސީ އަދި ޢާންމު ޚިދުމަތުގެ ދާއިރާއިން މިއަހަރު ރެހެންދި އެވޯޑު ހާސިލު ކުރައްވާފައިވަނީ ނަޒީރާ އިބްރާހީމްއެވެ.

އިޤްތިޞާދީ ދާއިރާއިން މިއަހަރު ރެހެންދި އެވޯޑު ހާސިލު ކުރައްވާފައިވަނީ އާމިނަތު މަޖީދާއެވެ.

މިއަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ކަނޑައެޅު ކޮމިޓީގައި ފަސްމެމްބަރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.