ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލުން ރިއަލް ޖާގަ ހޯދައިފި


މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އެނބުރިގެން ދިޔައީ ދެވަނަ ހާފްގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށް ރިއަލް މެޑްރިޑްގެ ކޯޗް ޒައުނުއްދީން ޒިދާން ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގައި ރޭ ނަޕޯލީގެ ދަނޑުގައި ކުޅެ 3 ލަނޑު 1 ލަނޑުން މޮޅުވި މެޗަށްފަހު ޒިދާން ބުނީ ފުރަތަމަ ހާފްގައި ނަޕޯލީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށާ ފުރަތަމަ ހާފްގައި ރިއަލް މެޑްރިޑަށް އެޓީމުގެ ފަރާތުން ވަރަށް ޕްރެޝަރ ކުރިކަމަށެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި ރިއަލް މެޑްރިޑްގެ އަސްލު ގޭމް ފެނިގެންދިޔަ ކަމަށާއި، މެޗުން މޮޅުވީ ދެވަނަ ހާފްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރުން ކަމަށް ޒިދާން ބުންޏެވެ.

" މެޗް ފަށައިގެން ނަޕޯލީން ވަރަށް ރަނގަޅަށް ކުޅުނު އަދި އެކަމުގެ ސަބަބުން ރިއަލް މެޑްރިޑަށް އެންމެ އެކަށީގެންވާ ކުޅުން ނުދެއްކުނުކަން ފާޙަގަކުރެވޭ. އެހެންނަމަވެސް ދެވަނަ ހާފްގައި ރިއަލް މެޑްރިޑްގެ އަސްލު ގޭމް ޖެއްސުނު. އޭގެ ފައިދާ ޓީމަށް ވަރަށް ބޮޑަށް ފެނިގެންދިޔަ" ޒިދާން ބުންޏެވެ. 

ނަޕޯލީގެ ކޯޗް މައުރިޒިއޯ ސައްރި ބުނީ މެޗްގެ ފަންސާސް މިނެޓާ ޖެހެންދެން އޭނާގެ ޓީމުން ކުޅެފައިވަނީ މޮޅު ކުޅުމެއް ކަމަށާއި، އެ ވަގުތުގައި ރިއަލް މެޑްރިޑަށް އެއްގޮތަކަށްވެސް ނުކުޅެވޭކަމަށެވެ. އަދި މިފަދަ ބޮޑު ޓީމަކާ ދެކޮޅަށް އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ތަޢުރީފް ހައްޤުކަމަށް ސައްރި ބުންޏެވެ. އޭނާ ބުނީ ދެވަނަ ހާފްގައި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފެނުނުކަމަށާއި، އެކަމުގެ ފައިދާ ރިއަލް މެޑްރިޑުން ވަރަށް ރަނގަޅަށް ނެގިކަމަށެވެ.

" ރިއަލް މެޑްރިޑް ކަހަލަ ޓީމަކާ ދެކޮޅަށް ފުރަތަމަ ހާފްގައި ނަޕޯލީން ދެއްކި ކުޅުމަށް ތައުރީފް ކުރަން. ފުރަތަމަ ފަންސާސް މިނެޓް ނިމުނުއިރު ނަޕޯލީ ގޯލަށް ބޯޅައެއް ގޮސްފައިވަނީ ވަރަށް މަދުން. އެހެންނަމަވެސް ދެވަނަ ހާފްގައި ޓީމުގެ ފަރާތުން ވަރުބަލިކަން ފެންނަން ފެށި ހިސާބުން މެޗްގެ އޮއިވަރު ބަދަލުވެގެން ދިޔަތަން ވަރަށް ބޮޑަށް ފެނުނު. އެކަމުގެ ފައިދާ ރިއަލް މެޑްރިޑުން މި ވަނީ ވަރަށް ފުރިހަމައަށް ނަގާފައި" ސައްރި ބުންޏެވެ. 

މި ދެ ޓީމު ރިއަލް މެޑްރިޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗްވެސް ނިމިފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. އެހެންކަމުން ރިއަލް މެޑްރިޑް ކުއާރޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ 6 ލަނޑު 2 ލަނޑުގެ އެގްރިގޭޓުންނެވެ. ރިއަލް މެޑްރިޑްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ސާޖިއޯ ރާމޯސްއާއި، މޮރާޓާއެވެ. އަނެއް ލަނޑަކީ މާޓެންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަޕޯލީގެ ލަނޑު ޖަހައިދިނީވެސް މާޓެންސްއެވެ.