ކުޅިވަރު

އާސެނަލްއަށް ބޮޑު ލަދެއް، ބަޔާން ކްއާޓަރއަށް


އެހާ ބޮޑު ތަފާތަކުން މެޗުން ބަލިވީ ރެފްރީގެ ނިންމުންތަކުގެ ސަބަބުން ކަމަށް އާރސެނަލްގެ ކޯޗް އާރސެން ވެންގަރ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގައި ރޭ އާރސެނަލްގެ ދަނޑުގައި 5 ލަނޑު 1 ލަނޑުން ބަޔާން މިޔުނިކް އަތުން ބަލިވި މެޗަށްފަހު ވެންގަރ ބުނީ މެޗް ފަށައިގެން އާރސެނަލްގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި، އެހެންނަމަވެސް މެޗްގެ ދެވަނަ ހާފްގައި ބަޔާންމިޔުނިކަށް ލިބުނު ޕެނަލްޓީއާއެކު އެ ޓީމުގެ ޑިފެންޑަރ ކޮޝިއެލްނީއަށް ދެއްކި ރައްކާޑާ ގުޅިގެން މުޅި މެޗްގެ އޮއިވަރު އެނބުރިގެން ދަޔައީ ކަމަށެވެ. އަދި މެޗުގެ ރެފްރީ އެ ފައުލަށް ރީނދޫ ކާޑު ދެއްކުމަށްފަހު ބަދަލު ރެފްރީގެ ނިންމުމަށް ފަހުން ރަތްކާޑު ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެންގަރ ބުންޏެވެ. މީގެ އިތުރުންވެސް މެޗްގައި ރެފްރީގެ ބައެއް ނިންމުންތަކާ މެދު ވެންގަރ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. 

" މެޗްގައި އާރސެނަލްގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ، ހާއްސަކޮށް ފުރަތަމަ ހާފްގައި ވަރަށް ރަނގަޅަށް ކުޅުނު. އެހެންނަމަވެސް މެޗްގެ އޮއިވަރު ބަދަލުވެގެން ދިޔައީ ބަޔާންއަށް ޕެނަލްޓީއެއް ދީ އާރސެނަލްގެ ކުޅުންތެރިޔަކަށް ރަތްކާޑު ދެއްކި ހިސާބުން. ޕެނަލްޓީއާ މެދު އެއްޗެއް ބުނާކަށް ނެތިން. އެހެންނަމަވެސް ރަތްކާޑާ ދޭތެރޭ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ" ވެންގަރ ބުންޏެވެ. 

މެޗަށްފަހު ބަޔާން މިޔުނިކްގެ ކޯޗް ކާލޯ އެންޗެލޮޓީ ބުނީ މެޗްގައި އާރސެނަލްގެ ކުޅުންތެރިޔަކަށް ރައްކާޑު ދެއްކުމުގެ ކުރިން އެ ޓީމުގެ ފަރާތުން ވަރަށް ޕްރެޝަރު ކުރި ކަމަށާއި، އެހެންނަމަވެސް އޭނާގެ ކުޅުންތެރިންގެ ފަރާތުން ރޭގެ މެޗްގައި ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށް އެންޗެލޮޓީ ބުންޏެވެ.

 " މެޗްގެ ފުރަތަމަ ހާފްގައި އާރސެނަލްގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ. އެހެންނަމަވެސް ދެވަނަ ހާފްގައި ޓީމުގެ ކުޅުން ރަނގަޅުކޮށް އާރސެނަލްގެ ގޯލަށް ނުރައްކާކުރި. މި ނަތީޖާއަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނު ނަތީޖާއެއް" އެންޗެލޮޓީ ބުންޏެވެ. 

ރޭގެ މެޗްގައި ބަޔާން މިޔުނިކުން ޖެހި ފަސް ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފްގައިކަން ފާޙަގަކޮށްލެވެއެވެ. ބަޔާންގެ 5 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށްދިނީ ވިދާލްއެވެ. އަނެއް 3 ލަނޑު ކާމިޔާބުކޮށްދިނީ ޑަގްލިސް ކޮސްޓާއާ ރޮބެންގެ އިތުރުން ލެވަންޑޮސްކީއެވެ. ލެވަންޑޮސްކީގެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުރި ލަނޑެކެވެ.  އާރސެނަލްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓްއެވެ. 

މި ދެ ޓީމު ބަޔާން މިޔުނިކްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗްވެސް ނިމިފައިވަނީ ހަމަ މި ނަތީޖާއިންނެވެ. އެހެންކަމުން ބަޔާން މިޔުނިކަށް ކުއާރޓާ ފައިނަލުން ޖާގަ ލިބެނީ 10 ލަނޑު 2 ލަނޑުގެ އެގްރިގޭޓުންނެވެ.