ޚަބަރު

ތިނަދޫ މިއުޒިއަމް ޕާކުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ


ގދ. ތިނަދޫ މިއުޒިއަމް ޕާކުގައި ހަދާ މިއުޒިއަމްގެ ބޭރުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުހައްމަދު ހުޝާމް ވިދާޅުވީ، މިއުޒިއަމްގެ ބާކީ ނުނިމިހުރީ އެތެރޭގައި އަޅަންޖެހޭ ޑެކް އެޅުމާއި، ސީލިންގގެ މަސައްކަތް ކަމަށެވެ. މިއުޒިއަމްގެ މުޅި ޢިމާރާތަކީ ޗައިނާއިން ފެބްރިކޭޓްކޮށްގެން ގެނެސް، ރާވާގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ.

އެމްޓީސީސީން ބުނީ މިއުޒިއަމްގެ މަސައްކަތް ނިންމުމުގައި ލަސްތަކެއް އަންނަނީ، ފެބްރިކޭޓް ކުރާ ބައެއް ސާމާނު އައުން ލަސްވާތީކަމަށެވެ. އެހެންނަމަވެސް މިހާރު މިއުޒިއަމްގެ އެތެރޭގައި ނުނިމިހުރި މަސައްކަތްތަކަށް ބޭނުންވާ ސާމާނު މިމަހުގެ ތެރޭގައި ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.  

މިއުޒިއަމް ޢިމާރާތް ތިން ބަޔަކަށް ބަހާފައިވާއިރު އެތަނުގައި ހިމެނެނީ، ދާރުލްއާޘާރާއި، އޮޑިޓޯރިއަމަކާއި، ލައިބްރަރީއެކެވެ. ތިނަދޫގެ މިއުޒިއަމް ޕާކު ތަރައްޤީ ކުރައްވަމުންގެންދަވަނީ ހައުސިންގ މިނިސްޓްރީއާއި އެމް.ޓީ.ސީ.ސީ އަދި އެމް.އާރު.ޑީ.ސީ ގުޅިވަޑައިގެނެވެ.

ތިނަދޫ މިއުޒިއަމް ޕާކަކީ، ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، އެރަށުގެ ސަޤާފަތާއި، ރާއްޖޭގެ ސަޤާފަތް ދައްކުވައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ތަރައްޤީކުރައްވާ ތަނެކެވެ.

މިއުޒިއަމް ޕާކުގެ އިތުރުން އިސްލާމީ މަރުކަޒެއްވެސް ތިނަދޫގައި ގެންދަވަނީ ބިނާކުރައްވަމުންނެވެ. މިއުޒިއަމް ޕާކާއި، އިސްލާމީ މަރުކަޒު ރަސްމީގޮތުން ހުޅުއްވުމަށް ހަމަޖެހިފައިވަނީ، ތިނަދޫގައި މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި، މެއި މަހު އެރަށުގައި ބޭއްވެވުމަށް ސަރުކާރުން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ރަސްމިއްޔާތުގައެވެ.