ކުޅިވަރު

އިމްރާންގެ ނިންމުން ބަދަލް ކުރާނެކަމަށް އުއްމީދު ކުރަން - ކޯޗް


ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް އިމްރާން މުހައްމަދު ނިންމި ނިންމުން، ބަދަލް ކުރަން ބޭނުންވާކަމަށް ގައުމީ ޓީމްގެ ކޯޗް ޑަރެން ސްޓުވާޓް ބުނެފިއެވެ.

 ރަސްމީކޮށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްކަމާ ހަވާލްވުމަށްފަހު ޑަރެން ސްޓުވާޓްބުނީ އިމްރާންއަކީ ރާއްޖޭގެ ތާރީހުދުއް އެންމެ ކުޅަދާނަ އެއް ކީޕަރުކަމަށާއި ހާއްސަކޮށް އިމްރާން ނެތްތަން ފޫބެއްދުމަކީ ވަރަށް އުނދަގޫކަމެއްކަމަށެވެ. ގައުމީ ޓީމްގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދުވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާ އެކަން ރަސްމީކޮށް އެފްއޭއެމްއަށްވެސް އަންގާފައެވެ.

 ގައުމީ ކޯޗް ޑަރެން ސްޓުވާޓްބުނީ ކޮންމެ ގޮތެއްވިއަސް އިމްރާންއާ ނުލާ މިހާރު މިއޮތީ ކުޅެންޖެހިފަކަމަށާ އިމްރާން ވަރުގެ ކީޕަރެއް މިވަގުތު ރާއްޖޭގައި ނެތްކަމަށް ވީނަމަވެސް، ރާއްޖޭގައި ތިބި ކީޕަރުންނަކީވެސް މޮޅެތި ކީޕަރުންކަމަށެވެ. ގައުމީ ޓީމަށް މިހާ މުހިންމު އަހަރެއްގައި އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ޓީމްއަށް ލިބުނު ހީނަރުކަމެއްކަމަށާ ނަމަވެސް އިމްރާންގެ ނިންމުމަށް އިޙުތިރާމް ކުރާކަމަށް ކޯޗް ޑަރެން ސްޓެވާޓްބުނެފިއެވެ.