ތަޢުލީމު

އިނގިރޭސީ ބަހުގެ ފެންވަރު މަތިކުރުމަށް ޕްރޮގްރާމެއް ފަށްޓަވައިފި


ޓީޗަރުންގެ އިނގިރޭސީބަހުގެ ފެންވަރު މަތިކުރުމަށް ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އެޑިއުކޭޝަން ކުންފުނި، އެޑިއުކޭޝަން ފަސްޓް "އީ އެފް" އާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަސައްކަތް ފަށްޓަވާފައެވެ. ޓީޗަރުންގެ އިނގިރޭސީ ބަހުގެ ފެންވަރު މަތިކުރުމުގެ މި ތަމްރީނު ޕްރޮގްރާމް ފެށުމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީއާއި، އެޑިއުކޭޝަން ފަސްޓްއާ ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

އެޑިއުކޭޝަން ފަސްޓާ އެކު ފެށޭ މަސައްކަތަކީ ޤާބިލް ޓީޗަރުން އުފެއްދެވުމަށް އަދި ވަޒީފާގައި ތިއްބެވި ޓީޗަރުންގެ ޤާބިލްކަން އިތުރު ކުރެއްވުމަށް މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައި ވަނީ ދެބުރަކަށް ބައްސަވާލައްވާގެނެވެ. އެގޮތުން ފުރަތަމަ ބުރު އަންނަ މަހުގައި ފަށްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދެވަނަ ބުރު ދެހާސް އަށާރަވަނަ އަހަރު ފެށްޓެވުމަށް ވަނީ ނިންމަވާފައެވެ. މިއިން ކޮންމެ ބުރެއްގައި ދެހާސް ފަސް ސަތޭކަ ޓީޗަރުން ތަމްރީނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14888985673672.jpg|ޓީޗަރުންގެ އިނގިރޭސިބަހުގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމް ހިންގެވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޝިހާމް ވިދާޅުވީ، މި ޕްރޮގްރާމަކީ ޓީޗަރުން ހުނަރުވެރި އަދި އިނގިރޭސީ ބަހަށް ފަރިތަ ބަޔަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށެވެ.

"ދުނިޔޭގެ އެންމެ މޮޅަށް ޓީޗަރުންނަށް ޓްރެއިނިންގެ ފަދަ ކަންތައްތައް ހިންގާ ފަރާތާއި އެކު ޕާރޓްނަރވުމަށް ލިބޭތީ މިކަމާއި ވަރަށް އުފާވޭ. ޓީޗަރުންނަށް ބޭނުންވާ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެއިނިންތަކާ ނުލާ އަޅުގަނޑުމެންގެ ދަރިވަރުންނަށް، ނުވަތަ ޤައުމުގެ ކުރިޔަށް އޮތް ޖީލްތަކަށް، އެންމެ އެކަށޭނަގޮތަށް އިލްމު އުންގަންނައެއް ނުދެވޭނެ. މިޕްރޮގްރާމްގެ ދަށުން އަޅުގަނޑުމެންގެ ޓީޗަރުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމުގެ އެއްވެސް ޝައްކެއް ނެތް. އަދި ޓީޗަރުންގެ ކުރިއެރުމުގެ ސަބަބުން ދަރިވަރުން ދުވަހުން ދުވަހަށް ސްކޫލްތަކުގައި ކުރާ މަސައްކަތަށާއި، ކިޔެވުމުގެ ވައްޓަފާޅިއަށް އަދި އެކުދިންގެ މުސްތަޤްބަލަށް ބޮޑެތި ފައިދާތަކެއް ކުރާނެކަން ޔަޤީން" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން ފަސްޓްގެ ރައީސް ކްލައިސް ސިޑަރ ވިދާޅުވި ރާއްޖޭގެ މުސްތަޤްބަލް ފާގަތިކުރުމަށް ކުރިޔަށްގެންދާ ޚާއްޞަ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ ފަޚުރުވެރިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14888986051212.jpg|އެޑިއުކޭޝަން ފަސްޓްގެ ރައިސް ކްލައިސް ސިޑަރ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"މިޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއާ، އެމިނިސްޓްރީގެ މާހިރުންނާއިއެކު ވަރަށް ޝައުގުވެރިކަމާއިއެކު ގާތުން ކުރިޔަށް އޮތް އަހަރުތަކުގައި މަސައްކަތްކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް"  ކްލައިސް ސިޑަރ ވިދާޅުވިއެވެ.

އީއެފް އަކީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އެޑިއުކޭޝަން ކުންފުންޔެވެ. 1965 ވަނަ އަހަރު އުފެދިގެން އައި މި ކުންފުނިން މިހާރުވެސް 50 ޤައުމެއްގައި 500 ސްކޫލް ހިންގަމުން ގެންދެއެވެ. އީއެފްގެ 15 ގްލޯބަލް ޑިވިޝަންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވެއެވެ. އަދި އެތައް މިލިއަން ދަރިވަރުންނަކަށް ވޯލްޑް ކްލާސް ތަޢުލީމް ދިނުމުގައި މި ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.