ދުނިޔެ

މެލޭޝިޔާ ރައްޔިތުން އުތުރުކޮރެޔާއިން ފުރުން މަނާކޮށްފި !


އުތުރުކޮރެޔާގައި ތިބި މެލޭޝިޔާގެ ރައްޔިތުން އެޤައުމުން ފުރުން މަނާކޮށްފިއެވެ. 

އުތުރުކޮރެޔާއިން މިކަން އިޢުލާންކޮށްފައި މިވަނީ، އުތުރުކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުންގެ ބޭބޭފުޅު، ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. 

އުތުރުކޮރެޔާގެ ރަސްމީ މީޑިއާއިން މިއަދު ބުނީ، ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލަ ހައްލު ނުވަނީސް، އުތުރުކޮރެޔާގައި ތިބި މެލޭޝިޔާ ރައްޔިތުން އެޤައުމުން ފުރުން މަނާކޮށްފައިވާކަމަށެވެ. އަދި މިއީ މެލޭޝިޔާގައި ތިބި އުތުރުކޮރެޔާގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރިކަމެއްކަމަށް އުތުރުކޮރެޔާއިން ބުނެއެވެ. އަދި އުތުރުކޮރެޔާގައި ތިބި މެލޭޝިޔާ ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށްވެސް އުތުރުކޮރެޔާއިން ބުނެއެވެ. 

img:http://s1.psmnews.mv/images/660x400/14888910574637.jpg|އުތުރުކޮރެޔާގައި ހުންނަ މެލޭޝިޔާގެ އެމްބަސީ / އުތުރުކޮރެޔާގައި މެލޭޝިޔާގެ 11 މީހަކު އެބަތިބިކަމަށް މެލޭޝިޔާއިން ބުނޭ

އުތުރުކޮރެޔާގެ ނިންމުމާއި ގުޅިގެން މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ވިދާޅުވީ، މިއީ ޑިޕްލޮމެޓިކް އުޞޫލުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޙިލާފު، ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ. ނަޖީބް ވިދާޅުވީ، މެލޭޝިޔާ ރައްޔިތުން ތިބީ އުތުރުކޮރެޔާގައި ރަހީނުކޮށްފައިކަމަށާއި، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރައްވާނޭކަމަށެވެ. 

އުތުރުކޮރެޔާގެ އަމަލަށް ރައްދު ދެމުން، މެލޭޝިޔާއިން ވަނީ އެޤައުމުގައި ތިބި އުތުރުކޮރެޔާ އެމްބަސީގެ މުވައްޒަފުންނާއި އޮފިޝަލުންނާއި މެލޭޝިޔާގައި ތިބި އުތުރުކޮރެޔާގެ ރައްޔިތުން ފުރުން މަނާކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/14888913497156.jpg|ދެ ޤައުމުގެ ދެމެދުގައި މައްސަލަ ފުރަތަމަ ހޫނުވުމުން، މެލޭޝިޔާގައި ހުންނަ އުތުރުކޮރެޔާގެ ސަފީރު އަނބުރާ ގައުމަށް ވަޑައިގަންނަވަނީ

މެލޭޝިޔާ ސަރުކާރުން ހާމަކުރާ ގޮތުގައި އެޤައުމުގެ 11 ރައްޔިތަކު އުތުރުކޮރެޔާގައި މިވަގުތު އެބަތިއްބެވެ. މީގެ ތެރޭގައި ގިނައީ ޑިޕްލޮމެޓިކް ބޭފުޅުންކަމަށް މެލޭޝިޔާއިން ބުނެއެވެ. އަނެއްކޮޅުން އުތުރުކޮރެޔާގެ ހާހެއްހާ މީހުން މެލޭޝިޔާގައި އެބައުޅެއެވެ. މިދިޔަ ހަފްތާއާ ހަމައަށް އުތުރުކޮރެޔާގެ ރައްޔިތުންނަށް މެލޭޝިޔާއަށް ވަނުމަށް ވިސާއެއްވެސް ބޭނުމެއްނުވެއެވެ. 

ޤައުމުތަކުގެ ރައްޔިތުން ފުރުން މަނާކުރުމަކީ ޢާއްމުކޮށް ހިނގާ ކަމެއްނޫނެވެ. އދގެ އިންސާނީ ހައްޤުތަކާބެހޭ މުއާހަދާގެ 13 ވަނަ މާއްދާގައިވާ ގޮތުން، "ކޮންމެ މީހަކަށްވެސް އެމީހަކު ހުރި ޤައުމަކުން ފުރުމުގެ ހައްޤު ލިބިގެންވެއެވެ. އެއީ އަމިއްލަ ޤައުމުކަމަށްވިޔަސް، އަދި ބޭނުންވުމުން އަމިއްލަ ޤައުމަށް ދިއުމުގެ ހައްޤުވެސް ކޮންމެ މީހަކަށް ލިބިގެންވެއެވެ". 

img:http://s1.psmnews.mv/images/660x400/14888914783334.jpg|މެލޭޝިޔާގައި ހުންނަ އުތުރުކޮރެޔާގެ އެމްބަސީގެ ބޭރުގައި މެލޭޝިޔާ ފުލުހުން ހަރަކާތްތެރިވަނީ / އެމްބަސީއަށް ވަނުންވެސް، ނިކުތުންވެސް ވަނީ މަނާކޮށްފައި

މެލޭޝިޔާއިން މުއާހަދާގައި ސޮއިކޮށްފައި ވީނަމަވެސް، އުތުރުކޮރެޔާއިން މުއާހަދާގައި ސޮއިކޮށްފައެއްނުވެއެވެ. ނަމަވެސް މިއީ ދެޤައުމުން ސޮއިކޮށްފައިވާ ވިއެނާ ކޮންވެންޝަނާ ޙިލާފު އަމަލެެކެވެ. 

1970 ވަނަ އަހަރު އުތުރުކޮރެޔާއާއެކު ރަސްމީ ގުޅުން ޤާއިމްކުރި މެލޭޝިޔާއަކީ، އުތުރުކޮރެޔާއާއެކު ގާތް ގުޅުމެއް އޮންނަ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ދެ ޤައުމުގެ ގުޅުން ގޯސްވީ، މިދިޔަ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހު އުތުރުކޮރެޔާގެ ލީޑަރުގެ ބޭބޭފުޅު މޭލޭޝިޔާގެ ކުއަލަލަންޕޫރު އެއަރޕޯޓުގައި ހުންނަވަނިކޮށް، ބަޔަކު ވެގެން އޭނާއަށް ޙަމަލާދީ އަވަހާރަކޮށްލި ހާދިސާއަށްފަހުއެވެ. މިމައްސަލައިގައި އުތުރުކޮރެޔާއިން އެއްބާރުލުން ނުލިބޭއިރު، ކިމްގެ ހަށިގަނޑު އުތުރު ކޮރެޔާއާ ހަވާލުނުކުރުމުން މައްސަލަ ބޮޑަށް ހޫނުވީއެވެ. 

img:http://s4.psmnews.mv/images/660x400/14879204359573.jpg|އުތުރުކޮރެޔާގެ ލީޑަރުގެ ބޭބޭފުޅު ކިމް ޖޮންގް ނަމް

މެލޭޝިޔާގެ ތަހްޤީޤީ އިދާރާތަކުން ބުނެފައިވަނީ، ކިމްއަށް ހަމަލާދީފައިވަނީ އެންމެ ނުރައްކާތެރި ބާވާތުގެ ކެމިކަލުންކަމަށެވެ. މެލޭޝިޔާއިން މިކަމުގެ ޒިންމާ އުތުރުކޮރެޔާގެ ބޮލުގައި އަޅުވާފައި ނުވިނަމަވެސް، މިއީ އުތުރުކޮރެޔާގެ ސަރުކާރުން އަޑީގައި އޮވެގެން ކޮށްފައިވާކަމެއްކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް އުތުރުކޮރެޔާއިން މިކަން ދޮގުކުރެއެވެ. އުތުރުކޮރެޔާއިން ބުނަނީ މެލޭޝިޔާއާއި ދެކުނު ކޮރެޔާއިން މަސައްކަތް ކުރަނީ މައްސަލަ ސިޔާސީކޮށް، އުތުރުކޮރެޔާގެ އަގު ވައްޓާލުމަށްކަމަށެވެ.