ކުޅިވަރު

ދެ ޓާގެޓެއް މަތިކޮށް، ޤައުމީ ކޯޗާއެކު އެއްބަސްވުމަކަށް


ރާއްޖެ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި، ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދައިދިނުމަށް ޤައުމީ ފުޓްބޯޅަ ޓީމް ޑަރެން ސްޓެވާޓާ ހަވާލުކޮށް، އެއްބަސްވުން ހަދައިފިއެވެ. 

އެންމެ ފަހުންވެސް ޤައުމީ ޓީމަށް އިރުޝާދުދިން އޮސްޓްރޭލިޔާގެެ ކުރީގެ ޑިފެންޑަރ ޑަރެން ސްޓެވާޓް ގައުމީ ޓީމް ހަވާލުކުރެއްވުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއަހަރަކީ ޤައުމީ ޓީމަށް ވަރަށް ބާރު ބޮޑު އަހަރެއް ކަމަށާއި، ޤައުމީ ކޯޗު ޑަރެން ސްޓެވާޓާ ހަވާލުކުރި ދެ ޓާގެޓަކީ ރާއްޖެއަށް ހާސިލް ކުރެވޭނެ ދެ ޓާގެޓްކަމަށް ގަބޫލްކުރައްވާކަމަށެވެ. ކޯޗާއެކު ސޮއިކުރި އެއްބަސްވުމުގައިވެސް މިދެ ޓާގެޓް ހާސިލް ކުރުމަށް މުހިންމު ކަންތަައްތަކެއް ހިމަނާފައިވާނެކަމަށް ބައްސާމް ވިދާޅުވިއެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަނަކީވެސް މުޅިން ތަފާތު ސީޒަނެއްކަމަށާއި، ފުޓްބޯޅަ ސީޒަން ތަފާތު ވެގެންދާއިރު، ގައުމީ ޓީމުންވެސް މިއަހަރު ނަތީޖާތަކެއް ނެރުން މުހިންމުކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އެފްއޭމްއިން ޤައުމީ ކޯޗަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ފާހަގަކުރެއްވި ގޮތުގައި އޭޝިއަން ކަޕްގައި ރާއްޖެ ވާދަކުރާ ޓީމްތަކަކީ ރާއްޖެއަށް ބަލިކުރެވޭ ވަރުގެ ޓީމްތަކެކެވެ. ހާއްސަކޮށް މިއަހަރު ފަހުކޮޅު އޮންނަ ސާފް ޗެންޕިއަންޝިޕަކީ އެފްއޭއެމްގެ އިތުރުން ދިވެހި ރައްޔިތުންވެސް ރަން މެޑައްޔަކަށް އުއްމީދު ކުރާނެ މުބާރާތެއްކަމަށް ބައްސާމް ވިދާޅުވިއެވެ.

" ކޯޗާ ހަވާލުކޮށްފައިވާ ދެ ޓާގެޓަކީ މިއަަހަރު ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް މުހިންމު ދެ މުބާރާތް. އެފްއޭއެމްއިން ފުރިހަމަ އެއްބާރުލުން ދޭނަން ކޯޗަށް. އަދި ގައުމީ ޓީމްގެ ކަންތައްތައް ބަލަހައްޓަމުންދާ ކޮމެޓީންވެސް ކޯޗަށް ބޭނުންވާ ކަންތައްތައް ފުރިހަމައަށް ކޮށްދޭނެ. މިއަހަރަކީ މުބާރާތްތައް ގިނަ އަދި ޤައުމީ ޓީމްގެ މެޗުތައްވެސް ގިނަ އަހަރެއް. ނަމަވެސް ފީފާގެ ތާރީޚުތަކުގައި އެކުވެރިކަމުގެ މެޗްތައް ކުޅުމަށް އެފްއޭއެމްއިން ވަރަށް ބޮޑު އިސްކަމެއްދޭނެ" ބައްސާމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14888766564553.jpg|ޤައުމީ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-ޕީއެސްއެމް

ގައުމީ ޓީމްގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވުމަށްފަހު ޑަރެން ސްޓެވާޓް ބުނީ މިއަހަރަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައިވެސް ތަފާތު ބަދަލުތަކެއް އަންނަމުންދާ އަހަރެއްކަމަށެވެ. އޭޝިއަން ކަޕްގައި ރާއްޖެ ވާދަކުރަނީ ފަލަސްތީން، ބޫޓާން އަދި އޮމާނާއެވެ. ކޯޗް ޑަރެން ސްޓެވާޓް ބުނީ މިޓީމްތަކަކީ ރާއްޖެއަށް ބަލިކުރެވޭ ވަރުގެ ޓީމްތަކެއްކަމަށާއި، އެންމެ ފުރަތަމަ އަމާޒަކީ މިމަހުގެ  28 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފަލަސްތީން މެޗުކަމަށެވެ. މެޗަށް ނިކުންނައިރު ޓީސީ ސްޕޯޓްސް ކުލަބުން ހޯދާފައިވާ ކާމިޔާބީގެ ސަބަބުންވެސް ޤައުމީ ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ކޯޗު ޤަބޫލުކުރެއެވެ.

" މިއީ ވަރަށް ޗެލެންޖިންގ އަހަރެއް އަހަންނަށް. އަދި އެފްއޭއެމްއިން ހާސިލް ކުރަން ބޭނުންވާ ދެ ޓާގެޓް ހާސިލްކުރުވޭނެކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ. ޤައުމީ ޓީމްގެ ކޯޗުކަމާ ހަވާލްވުމުގެ ކުރިން އޭޝިއަން ކަޕްގައި ރާއްޖެ ލައްވާލާފައިވާ ގުރޫޕާމެދު ވަރަށް ބޮޑަށް ވިސްނިން. އަދި މިއީ ރާއްޖޭގެ ޓީމަށް ނުވާނެކަމެއް ނޫން. މިހާރު އަލަށް އަރަމުން އަންނަ ގިނަ ޒުވާން ކުޅުންތެރިން ވަނީ އަހަރެން ވަރަށް ބޮޑަށް ހައިރާންކޮށްލާފަ. މިފަހަރު ޓީމް ނެގުމުގައިވެސް ވަރަށް އުނދަގޫވާނެ." ކޯޗް ޑަރެން ސްޓެވާޓް ބުންޏެވެ.

ޤައުމީ ޓީމްގެ ކަންތައްތައް ބެލެހެއްޓުމަށް އެކުލަވާލި ހާއްސަ ކޮމެޓީގެ ޗެއާރމަން އަލީ ނާޝިދު ވިދާޅުވީ ޤައުމީ ޓީމަށް އެެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް މިހާރުވެސް ފުރުސަތުތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް ގިނަ ފުރުސަތުތަކަކީ ރަށުން ބޭރުގައި ކުޅުމަށް ލިބިފައިވާ ފުރުސަތުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްދީން މެޗުގެ ކުރިން އެކުވެރިކަމުގެ މެޗެއް ކުޅުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް އަލީ ނާޝިދު ވިދާޅުވިއެވެ.

" ފަލަސްތީނާ އެއްކަހަލަ ޤައުމުތަކެއް މިހާރު ބަލަމުން މިދަނީ. އަފްޣާނިސްތާނުންވެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ދަޢުވަތުވަނީ ލިބިފަ. އަފްޣާނިސްތާނަކީ ފަލަސްތީނާ ވަރަށް އެއްގޮތް ޓީމެއް. އިސްކޮޅާ ފިޒިކަލްއަށް ބެލިޔަސް މިއީ ވަރަށް އެއްގޮތް ދެ ޓީމް. ޔަމަނުންވެސް ވަނީ މެޗެއް ކުުޅުމަށް ފުރުސަތު ލިބިފަ. ނަމަވެސް މިމެޗްތައް ކުޅުމަށް އެ ޤައުމތތަކަށް ދާންޖެހޭތީ މައްސަލައަކީ. ރަށުން ބޭރަށް ގޮސް މެޗެއް ކުޅޭނެހާ ވަގުތެއް މިހާރަކު ނެތް. އެހެންވީމަ މިހާރު މިބަލަނީ މާލޭގައި މެޗެއް ކުޅެވޭތޯ" ކުރިން ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗުކަންވެސް ކޮށްފައިވާ އަލީ ނާޝިދު ވިދާޅުވިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ފަލަސްތީނާ ދެކޮޅަށް ނިކުންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޮމާންގައި އޮމާނާ ދިވެހި ރާއްޖެ ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ. މާލޭގައި ދިވެހިރާއްޖެއާ އޮމާން ވާދަކުރުމަށް ހަމަޖެހިފައިވާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 10 ވަނަ ދުވަހުއެވެ. ފަލަސްތީންގައި ފަލަސްތީނާ ދިވެހި ރާއްޖެ ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 14ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.