ކުޅިވަރު

ސާއިދުއަށް އަނެއްކާވެސް ރަނުގެ ފުރުޞަތެއް


އޭޝިޔާގެ އެންމެ ބާރު ދުވުންވެރިން ވާދަކުރާ އޭޝިއަން ގްރޯން ޕްރީއިން ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދަށް ފުރުޞަތު ލިބިއްޖެއެވެ.

 އޭޝިއަން ގްރޯން ޕްރީއަކީ އޭޝިޔާގެ އެންމެ ބާރު ދުވުންތެރިން ހޮވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތަށް އެތްލީޓުން ހޮވަނީ އޭޝިއަން އެތްލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން އެތްލީޓުން ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީއަށް ބެލުމަށްފަހުއެވެ. މިއީ ދިވެހި ރާއްޖޭގެ ތާރީޚުގައިވެސް އޭޝިއަން ގްރޭޑް ޕްރިކްސް އެތްލެޓިސް މުބާރާތަށް ދިވެހި އެތްލީޓަކު ހޮވުނު ފުރަތަމަ ފަހަރެވެ. އެތްލެޓިސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ ސާއިދުއަށް މިފުރުސަތު ލިބިފައިވަނީ މިދިޔަ އަހަރު ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ސާއިދު ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންކަމަށެވެ.

 ޕާފޯމަންސްގެ އިތުރުން އޭޝިއަން އެތްލެޓިކްސް އެސޯސިއޭޝަނުން އެތްލީޓުންގެ ރޭންކިންގއާއި، ބައިނަލްއަޤްވާމީ މުބާރާތްކުގައި ކުރިއެރުން ހޯދަމުން އަންނަ ވަރުވެސް އޭޝިއަން އެތްލެޓިކްސް އެސޯސިއޭޝަނުން ބަލާކަމަށް ތޮލާލު ވިދާޅުވިއެވެ. ތޮލާލު ވިދާޅުވީ މިއީ ކޮންމެ އެތްލީޓަކަށްވެސް ހުޅުވާލެވިފައިވާ ފުރުސަތެއްކަމަށާއި، އަންނަ އަހަރު މިމުބާރާތަށް ރާއްޖެއިން އިތުރު އެތްލީޓުން ހޮވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އޭޝިއަން ގްރޯން ޕްރީ އޮންނާނީ އަންނަ މަހުއެވެ.

ހަސަން ސާއިދު ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ. ސާއިދު ޖެމެއިކާގައި ތަމްރީން ހޯދަމުންދަނީ އިންޓަރނޭޝަނަލް އެތުލެޓިކްސް އެސޯސިއޭޝަންގެ ސްކޮލަރޝިޕެއްގައެވެ.