ޚަބަރު

"ތަރިކަ" މަޝްރޫޢު ރައީސް ޔާމީން އިފްތިތާޙުކޮށްދެއްވައިފި


ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު ޢާލާކުރެއްވުމުގެ މަޝްރޫޢު، "ތަރިކަ" މިނަމުގައި ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ތަރިކަ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އިސްލާމީ ވަޙުދަތާއި އިސްލާމީ ޙަޟާރަތާއި ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ސަރުކާރުން އިފްތިތާޙުކުރެއްވީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް ދިވެހި މުޖުތަމަޢަކީ އިސްލާމީ ރީތިސިފަތަކާއި ޤައުމިއްޔަތުގެ ރޫޙު ހުރި މުޖުތަމަޢަކަށް ހެއްދެވުމުގެ މަޤުސަދުގައެވެ.

އިސްލާމީ ވަޙުދަތާއި އިސްލާމީ ޙަޟާރަތާއި ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢަށް ދެއްވާފައިވާ ނަމަކީ " ތަރިކަ"އެވެ. މިމަޝްރޫޢުގެ ޝިޔާރަކީ "ދީނާއި ޤައުމިއްޔަތު ދިވެހިންގެ ނާރެސް"މިއެވެ. މިމަޝްރޫޢުގެ ލޯގޯއިން ފެނިގެންދަނީ، ދިވެހި ޤައުމިއްޔަތާއި އިސްލާމް ދީނެވެ.

img:http://s1.psmnews.mv/images/660x400/14888203093583.jpg|ތަރިކަ މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިދިޔަމަހު ދެއްވި ރިޔާސީ ބަޔާނުގައި ދެތިން މަސްދުވަހުގެ ތެރޭގައި މި މަޝްރޫޢު އިފްތިތާޙުކޮށް ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކޮމެޓީއެއް އެކުލަވާލައްވައި މިމަޝްރޫޢު ފަށްޓަވާފައިމިވަނީ ބަރާބަރު އެއްމަސް ދުވަހުގެތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތީންނެވެ.

ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު ޢާލާކުރެއްވުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކައި އެކުލަވާލެއްވި ކޮމެޓީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސްގެ އިސްނެންގެވުމުގެ މަތީން ކޮމެޓީން މަސައްކަތް ކުރެއްވީ، ވީހާވެސް އަވަހަށް ތަރިކަ މަޝްރޫޢު ފެއްޓެވުމަށްކަމަށެވެ. އެގޮތުން މިމަޝްރޫޢު ރައީސް ފަށްޓަވައިދެއްވާފައި މިވަނީ މަޝްރޫޢުން ހާސިލްކުރައްވާނެ ކަންތައްތައް ކޮމެޓީން ދެނެގަނެފައިވާއިރު، ކުރިމަގުގެ ރާސްތާ ކަނޑައެޅުއްވުމަށް މަގުޗާޓެއްވެސް އެކުލަވާލައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14888203486780.jpg|ތަރިކަ މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

"މިމަސައްކަތްތައް ކުރިއަށް އޮތްތަނުގައި ދައުލަތުގެ މުއައްސަސާތަކުން، ޚާއްސަ ގޮތެއްގައި ދިވެހި އަސްކަރިއްޔާއާއި ފުލުހުންނާއި ޕަބްލިކް ސަރވިސް މީޑިއާއާއި، ސްކޫލްތަކާއި، ޒުވާނުންނާއި، އެތަށް ބައެއް ގުޅިގެން، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި ގުޅިގެން، މިމަޝްރޫޢު ކުރިއަށްގެންދާނީ މީގެ ކުރިން މިފަދަ މަޝްރޫޢެއް ކުރިއަށް ގެންގޮސްފައި ނުވާތީ، މުޅި ޤައުމަށް ހެވާ، ލާބަޔާ މަންފާ ލިބޭނެ ގޮތަކަށް." މިނިސްޓަރ ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޚާއްސަ އިސްނެންގެވުމުގެ މަތީން ފެށުނު "ތަރިކަ" މަޝްރޫޢަށް ހުރިހާ މުއްއަސަސާތަކުގެ އެއްބާރުލެއްވުންވެސް ލިބިގެންދާނެ ކަމަށާއި، މިއީ ޤައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މަޝްރޫޢެއްކަމަށެވެ.

ތަރިކަ މަޝްރޫޢުގެ ސަބަބުން ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ވީދި ހަލާކުވެފައިވާ އިޖްތިމާޢީ ފޭރާން އަލުން އަނބުރާ ގެނެވޭނެކަމަށް ޖަލްސާގައި ވާހަކަފުޅުދެއްކެވި ފަރާތްތަކުންވަނީ ފާޙަގަކުރައްވާފައެވެ. އަދި އިސްލާމީ ހަޟާރަތުގައި ރަންގަޅު މުޖުތަމައެއް ބިނާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ވަނީ ޚާއްސަ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވާފައެވެ.