ޚަބަރު

މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ


ސަރުކާރުގެ އެކި މަޤާމުތަކުގައި ދިވެހި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށްވާ، ހެންވޭރު ފޭދޫ މައިޒާން އިބްރާހީމް މަނިކު މިރޭ އަވަހާރަވެއްޖެއެވެ. 

އޭނާ އަވަހާރަވީ، އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ސްރީލަންކާގެ ލަންކާ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ، 82 އަހަރުއެވެ. މަރުޙޫމް މައިޒާން އިބްރާހީމް މަނިކަކީ ދިގުމުއްދަތަކަށް ދިވެހި ސަރުކާރުގެ އެކި މަޤާމުތަކުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. 

އޭނާ ފުރަތަމަ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވީ ވަރަށް ޒުވާން އުޅުރުފުޅުގައި ކަސްޓަމްސްގެ ވަޒީފާއެއް އަދާކުރައްވަން ފެށްޓެވުމާއެކުއެވެ. އޭގެ ފަހުން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ވުޒާރަތުލް ދާޚިލިއްޔާއާއި ވަޒީރުލްއަޢުޒަމްގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މި ނޫންވެސް ސަރުކާރު މުހިންމު މުއައްސަސާތަކުގައި މަސައްކަތްކުރައްވާފައިވެއެވެ. އެންމެފަހުން ސަރުކާރުގައި މަސައްކަތްކުރައްވާފައިވަނީ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓްގައެވެ. އެންމެ ފަހުން އެންމެ ފުޅާދާއިރާއެއްގައި ޚިދުމަތްކުރެއްވީ ރާއްޖޭގެ ރަށްރަށުގެ ފަޅުފުންކުރެއްވުމާއި ބަނދަރު ހައްދަވައިދެއްވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢުތަކުގެ ކަންކަން ބެލެހެއްޓެވި އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެނެވެ.

މައިޒާން އިބްރާހީމް މަނިކު އަވަހާރަވިއިރު އަނބިކަނބަލަކު ދުނިޔޭގައި އެބައިންނެވިއެވެ. އަދި ފިރިހެން ދެބޭފުޅުންނާއި އަންހެން ހަތަރު ބޭފުޅުންނާއެކު 6 ބޭފުޅުން އެބަތިއްބެވިއެވެ.

މައިޒާން އިބްރާހީމް މަނިކުގެ އެއްބަނޑު އެއްބާފާ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ޤައުމަށް އެކި ރޮނގުތަކުން މުހިންމު ޚިދުމަތްތަކެއް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މައިޒާން ޢުމަރު މަނިކާއި މައިޒާން އަޙްމަދު މަނިކާއި މައިޒާން އާދަމް މަނިކާއި މައިޒާން ޢަލި މަނިކާއި ޢާއިޝާ މަނިކެއާއި ޚަދީޖާ މަނިކެއާއި ފާޠިމާ މަނިކެއާއި ޙައްވާ މަނިކެ ހިމެނިވަޑައިގަންނަވައެވެ.