ޚަބަރު

ދޫނިދޫގައި އަލަށް ޢިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި


ދޫނިދޫގައި އަލަށް ޢިމާރާތް ކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްމިނިސްޓަރު އަޒުލީން އަޙުމަދާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއެވެ. 

ދޫނިދޫގައި އަލަށް ބިނާކުރާ މިސްކިތަކީ އެރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެކިއެކި ބޭނުންތަކުގައި ދޫނިދޫއަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ބިނާކުރެވޭ މިސްކިތެއްކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މަޢުލޫމާތުދެއްވައެވެ. 

ދޫނިދޫގައި ޢިމާރާތްކުރައްވާ މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެ މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ބިނާކުރެވޭ މިސްކިތެއްކަމަށް މޯލްޑިވްސް ޕިލިސް ސަރވިސްއިން ވިދާޅުވެއެވެ. އެމިސްކިތުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން އަމިއްލައަށް ކަމަށާ، އަލަށް އިމާރާތްކުރެވޭ މިސްކިތުގެ ސަބަބުން ގިނަ މުވައްޒަފުންނަށް އެކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. 

ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން ނަމާދުކުރުމަށް މިހާރު ބޭނުންކުރަމުންދަނީ ކުރިން ފުލުހުންގެ ބެރެކްސްއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ.