ކުޅިވަރު

ޓީސީއާއެކު އައްޒާމްވެސް ތާރީހުގެ ތެރެއަށް


ދިވެހި ފުޓްބޯޅައިގެ ތާރީޚުން ޓީސީ ސްޕޯޓްސް ކްލަބް ޖާގަ ހޯދިއިރު، އެކްލަބަކީ ދިވެހި ފުޓްބޯޅައިގައި މިހާރު އެންމެ މަތީފަންތީގައި ފިޔަޖަހަމުންދާ އެއްކްލަބެވެ. އެހެންނަމަވެސް ޓީސީއަކީ ދިވެހި ފުޓްބޯޅައިގެ ތެރޭގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ޅަ އެއް ޓީމުވެސްމެއެވެ. މާބޮޑު ތާރީޚެއް އޮތް ޓީމެއް ނޫނެވެ. ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް އާނަމެކެވެ. އެހެންނަމަވެސް ޓީމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށެވެ. ޓީމުގެ ކުރިމަގު އުޖާލާކޮށް ފެނުމުގެ އެއް ސަބަބަކީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނެވެ.

ދިވެހި ފުޓްބޯޅައިގައި އާ ޓިމެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ފެނިގެންދިޔަ އިރު ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީވެސް ފުޓްބޯޅަައިގައި މާބޮޑު ކާމިޔާބީތަކެއް މީގެ ކުރިން ހޯދިފައިވާ ކުޅުންތެރިންތަކެއް ނޫނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ކްލަބާއެކު ދިވެހި ފުޓްބޯޅައިގެ ތާރީޚްގެ ތެރެއަށް ވަދެގެންދިޔަ ޒުވާން މިޑްފިލްޑަރު މުހައްމަދު އައްޒާމެވެ.

ޓީސީ، ކްލަބް ލެވެލްގައި ކުޅުނު ބައިނަލްއަޤްވާމީ މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ދިވެހި ޓީމުގެ ގޮތުގައި ތާރީޚުުން ޖާގަ ހޯދާފައިވާއިރު މުހައްމަދު އައްޒާމް ތާރީޚްގެ ތެރެއިން ޖާގަ ހޯދީ ބައިނަލްއަޤްވާމީ ކްލަބް މުބާރާތެއްގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދައިގެންނެވެ. ފައިނަލް މެޗުގައި އައްޒާމް ޓީސީއަށް ކާމިޔާބުކޮށްދިން ގޯލަކީވެސް އެންމެ މަތީ ފަންތީގެ ގޯލެއްކަން ފާޙަގަކޮށްލަން ޖެހެއެވެ. ފައިނަލް މެޗުގައި އޭނާގެ ފަރާތުން ފެނިގެންދިޔައީ ގޯލް އެކަންޏެއްވެސް ނޫނެވެ. 

ނ.ކެނދިކުޅުދުއަށް އުފަން މުހައްމަދު އައްޒާމް، ސްކޫލް ދުވަސްވަރުގައިވެސް ފާހަގަކުރެވިގެންދިޔައީ އެހެން ކުޅުންތެރިންނަށްވުރެ ތަފާތު، ކުރިމަގު އުޖާލާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ފުޓްބޯޅަ ކުޅުމުގެ ހުނަރު އެންމެ ކުޑައިރުއްސުރެވެސް އޭނާއަށް ވަނީ ލިބިފައެވެ. އެހެންނަމަވެސް އައްޒާމް ފުރަތަމަ ވިދާލާފައިވަނީ ފުޓްސަލް މުބާރާތް ތަކުންނެވެ. ފުޓްސަލްގައި ދިވެހި އެހެން ކުޅުންތެރިންނަށްވުރެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފާހަގަކުރެވުނުވެ.

އެއަށްފަހު ފުޓްބޯޅައިގެ މައިދާނުން އޭނާ އެންމެ ފުރަތަމަ ފެނިގެންދިޔައީ ތިން ވަނަ ޑިވިޝަނުންނެވެ.

img:http://s2.psmnews.mv/images/660x400/14887956626864.jpg|ޓީސީ ސްޕޯޓްސް ކުލަބްއިން ހޯދި ކާމިޔާބީއާ ގުޅިގެން އެޓީމްއަށް މަރުހަބާ ކިއުމުގެ ތެރެއިން (ފޮޓޯ: ޓީސީ)

އައްޒާމް ވަނީ ތިންވަނަ ޑިވިޝަންގައި ކުޅުނު ހަމައެކި މުބާރާތުގައިވެސް އޭނާއަކީ ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅެވޭނެ ވަރުގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ. އެހެންނަމަވެސް އޭނާ ދެން ގުޅުނީ ދެވަނަ ޑިވިޝަންގެ ބީޖީ ސްޕޯޓްސް އާއެވެ. އެއީ ބީޖީ ފުރަތަމަ ޑިވިޝަނަށް އެރުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރުއެެވެ. އައްޒާމް އެއަހަރު ބީޖީގައި މޮޅު ކުޅުމެއްދައްކާ ޓީމު ފުރަތަމަ ޑިވިޝަނަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރިއެެވެ. އެއަށްފަހު ފުރަތަމަ ޑިވިޝަންގައި ބީޖީއާއެކު އޭނާ ދެ އަހަރު ހޭދަކުރިއެވެ. އަދި ދެވަނަ ސީޒަންގައި އޭނާ ވަނީ ބީޖީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން ކަމުގެ މަޤާމްވެސް އަދާކޮށްފައެވެ.

އައްޒާމް ޓީސީ ސްޕޯޓްސް އާއި ގުޅުނީ 2015 ވަނަ އަހަރެވެ. އައްޒާމާ އަކީ މިޑްފިލްޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ ކުޅުންތެރިއެއް ނަމަވެސް އޭނާއަކީ އެހެން ކުޅުންތެރިންނާއި ވަރަށް ތަފާތު ކުޅުންތެރިއެކެވެ. ބީޖީއަަށް ކުޅުނު ދުވަސްވަރުވެސް މިކަން ފާހަގަކުރެވިގެންދިޔައެވެ. އެއީ ފުޓްބޯޅައަށް ލޯ ހުޅުވިފައިވާ މިންވަރާއި ދަނޑުމަތީގައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރުމުގެ ޤާބިލްކަން އޭނާއަށް ލިބިފައިވުމުވެ. އެގޮތުން އައްޒާމް ވަނީ ބީޖީއަށް ކުޅުނު ދުވަސްވަރުގައިވެސް އެކި މަޤާމްތަކަށް ކުޅެފައެވެ. ކީޕަރުގެ މަޤާމް ނޫން އެހެން ހުރިހާ މަޤާމަކަށް ކުޅުމުގެ ޤާބިލްކަން ލިބިފައިވާކަން އޭނާ ވަނީ ގަލޮޅު ދަނޑުގައި ސާބިތުކޮށްދީފައެވެ. އެގޮތުން އެކި މެޗު ތަކުގައި އެކި މަޤާމްތަކަށް ކުޅުމަކީ އައްޒާމްއަށް އާކަމެއް ނޫނެވެ.

img:http://s2.psmnews.mv/images/660x400/14887956318909.jpg|ޓީސީ ސްޕޯޓްސް ކުލަބްއިން ހޯދި ކާމިޔާބީއާ ގުޅިގެން އެޓީމްއަށް މަރުހަބާ ކިއުމުގެ ތެރެއިން (ފޮޓޯ: ޓީސީ)

ޓީސީގައި އޭނާ ކުޅުނު މެޗެއްގައި ޓީމުގެ ސެންޓަރ ފޯވާޑްގެ މަޤާމުން މެޗް ފެށި އައްޒާމް އެމެޗް ނިންމާލީ ޑިފެންސިވް މިޑްފިލްޑަރުގެ މަޤާމުގައެވެ. އެހެންނަމަވެސް އެމެޗުގެ ވަކި ހިސާބަކުން އޭނާ ވަނީ އެޓޭކިން މިޑްފިލްޑަރުގެ ރޯލާއި ސެންޓްރަލް ޑިފެންޑަރުގެ ރޯލުވެސް އަދާކޮށްފައެވެ. މިއިން ކޮންމެ މަޤާމަކަށްވެސް ކުޅުމުގެ ޤާބިލްކަން ލިބިފައިވާ ކުޅުންތެރިއެއް ހުރުމަކީ ކޮންމެ ކޯޗެއްވެސް ބޭނުންވާނެ ކަމެއްކަން ޔަޤީނެވެ.

އޭނާ ވަނީ ގަލޮޅު ދަނޑުގައި ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކީޕަރުގެ މަޤާމް ނޫން އެހެން ހުރިހާ މަޤާމެއްވެސް އަދާކޮށްފައެވެ.

މިއާއެކު އޭނާ މިވަނީ ކްލަބް ލެވަލްގައި ރާއްޖެއިން ބޭރުގައި ކުޅުނު މުބާރާތެއްގެ ތަށި ޓީސީއަށް ކާމިޔާބުކޮށްދިނުމުގައި ތަފާތު މޮޅު ކުޅުމެއްދައްކާ ތާރީޚްގެ ތެރެއަށް ޓީމާއެކު ވަދެގެން ގޮސްފައެވެ. މުޅި ޤައުމު ޓީސީއަށާއި އައްޒާމަށް މަރުޙަބާ ކިޔައެވެ.