ވިޔަފާރި

އިންޝުއަރެންސް ސިނާޢަތް އިތުރަށް ކުރިއެރުވަންޖެހޭ - މުނައްވަރު


ރާއްޖޭގެ އިންޝުއަރެންސް ސިނާޢަތް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. 

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި އިންޝުއަރެންސްގެ ފަރާތުން އިންޝުއަރެންސާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ސެމިނަރ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ހޮޓެލް ޖެންގައި ބޭއްވި " ކޯޕަރޭޓް ލައެބިލިޓީ ސެމިނާރ" އަކީ އިންޝުއަރެންސާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހި އިންޝުއަރެންސް ކުންފުނިން ބޭއްވި މިފަދަ ފުރަތަމަ ސެމިނަރއެކެވެ. ސެމިނަރ އިފްތިތާޙުކޮށްދެއްވައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރު ދެއްކެވި ވާހަކަފުޅުގައިވަނީ ރާއްޖޭގެ އިންޝުއަރެންސްގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ މިންގަނޑުތަކާ އަޅާބަލާއިރު، ރާއްޖޭގެ އިންޝުއަރެންސް ޕެނެޓްރޭޝަން ޑެންސިޓީ ރޭޝިއޯ ދަށް ކަމަށެވެ.

ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުން އިންޝުއަރެންސާއިމެދު އިތުރަށް ހޭލުންތެރިވެ، އިންޝުއަރެންސްގެ ބޭނުން ހިފުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

ހުސްވި އަހަރުގެ އޮގަސްޓުމަހު ޚިދުމަތްދޭން ފެށި ދިވެހި އިންޝުއަރެންސް ކުންފުނިން ބޭއްވި މި ސެމިނަރއަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ސެމިނާރތައް ބާއްވާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.