ޚަބަރު

ކަސްޓަމުން އެއަރޕޯޓުގައި ދޭ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެންމެބޮޑު ދައުރެއް އަދާކުރާ އެއްތަނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނާއި ފުރާ ފަސިންޖަރުންގެ ކަންކަން ބެއްލެވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސުން އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކޮށްލެވެއެވެ. 

މިކަމުގައި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޝް ވިދާޅުވީ، އެއަރޕޯޓުން ޚިދުމަތް ހޯދާ ފަސިންޖަރުން ބަލައި ފާސްކުރުމުގައި މިއަދު ކަސްޓަމްސްއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. ބަލައި ފާސްކުރުމުގައި މިހާރު ގެންގުޅޭ އެންމެ ޒަމާނީ އާލާތްތަކާއެކު ކަސްޓަމްސްއިން ދެއްވަމުންގެންދަވާ ޚިދުމަތްތަކަށް ވަރަށްބޮޑު ހަލުއިކަމެއް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ސްޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ހޯދާ ފަސިންޖަރުން ބަލައި ފާސްކުރުމުގައި މިހާރު ގެންގުޅޭ ނިޒާމުގެ ސަބަބުން ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިފައިވާކަމަށެވެ. މީގެކުރިން ކޮންމެ ފޮށްޓެއް ވަކިވަކިން ފާސްކުރިނަމަވެސް، ޒަމާނީ އާލާތްތައް އެއަރޕޯޓްގައި ޤާއިމްކުރައްވައި، މިހާރު އެކަން މުޅިން ބަދަލުވެފައިވާކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ސިޔާދަތާ ގުޅިފައިވާ އެންމެ މުހިއްމު އެއް ތަނުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރޯށްޓެވެ. އެއަރޕޯޓުގައި ދަތުރުވެރިންނަށް ދެމުންގެންދާ ޚިދުމަތްތައް ތަރައްޤީވެގެން ދިއުމަކީ އެކަމުގެ މަންފާ އެތައް ގޮތަކުން ދިވެހިރާއްޖެއަށް ކުރާނޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ.