ސިއްހަތު

އަމާޒުހިފި އުމުރުފުރާގެ %32 މީހުންނަށް ހިމަބިހި ވެކްސިން ދީފި


ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން މިދިޔަމަހުގެ ސައްބީސްވަނަ ދުވަހު ވަނީ "ހިމަ ބިހި ނައްތާލުމުގެ ޤައުމީ ކެމްޕޭން" އެއް ފައްޓަވާފައެވެ. ދެހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދަވާ މިކެމްޕޭންގެ ދަށުން، މީސަލްސް އަދި ރުބެއްލާއިން ރައްކާތެރިވުމަށް ޖަހާ އެމް.އެމް.އާރ ވެކްސިން ދިނުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް އެބަގެންދަވައެވެ.  

އުމުރުން 15 އަހަރުން ފެށިގެން 25 އަހަރުގެ އެންމެންނަށް މިކެމްޕޭންގެ ދަށުން ވެންސިން ދެއްވުމަށް ހަމަޖެހިފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޢަމާޒަކީ، މި އުމުރުފުރާގެ މަދުވެގެން %95 މީހުންނަށާއި އުމުރުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން މީސަލްސް ހިމެނޭ ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ކުދިންނަށް ވެކްސިން ދިނުމަށެވެ. 

އެޗް.ޕީ.އޭއިން ވިދާޅުވީ، ވެކްސިން ދިނުމުގެ މި ކެމްޕޭންގައި އިއްޔެއާ ހަމައަށް ވެކްސިން ދިނުމަށް އަމާޒުކޮށްފައިވާ އާބާދީގެ ގާތްގަނޑަކަށް %32 މުޅި ރާއްޖެއިން ކަވަރު ކުރެވިފައިވާކަމަށެވެ.

ހިމަ ބިހި ނައްތާލުމުގެ ޤައުމީ ކެމްޕޭންގައި އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްދެއްވާ ތަންތަނުންނާއި މާލޭގައި ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިޔަށްގެންދަވާއިރު، އެކުއެކީގައި މި ޢުމުރުފުރާއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މުވައްޒަފުން އުޅުއްވާ މުޢައްސަސާތަކާއި ކުންފުނިތަކަށް ޓީމުތައް ފޮނުވައިގެން ވެކްސިން ދިނުމުގެ ޚިދުމަތް މިހާރު ދަނީ ފޯރުކޮށްދެއްވަމުންނެވެ. މީގެ އިތުރުން ރިސޯޓްތަކުގެ މުވައްޒަފުންނަށް ލުއި ފަސޭހަގޮތަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ރިސޯޓްތަކަށް ޓީމްތައް ގޮސްގެން ނުވަތަ އެންމެ ކައިރި ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް މުއައްޒަފުން ފޮނުވައިގެން ވެކްސިން ދިނުމުގެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސަވާފައެވެ.  

މިކެމްޕޭންގެ ދަށުން، ބައެއް ކުންފުނިތަކާއި ސަރުކާރުގެ ބައެއް އޮފީސްތަކުގެ މުއައްޒަފުންނަށާއި ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އެތަންތަނުގައި ވެކްސިން ދިނުމުގެ ކަންތައް ކުރިޔަށްގެންދަވާއިރު، ރިސޯޓްތަކުގައާއި އިންޑަސްޓްރިއަލް ރަށްރަށުގައި މަސައްކަތްކުރާ މި އުމުރުފުރާގެ މުއައްޒަފުންނަށް ވެކްސިން ދިނުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން އަދި މާލެ އަތޮޅުގެ ރިސޯޓްތަކަށް މާލޭގެ ޓީމުތަކުން ވެކްސިން ދިނުން ކުރިއަށް ގެންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ދައުލަތުން މީހުން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގެ މީހުންނަށާއި ޕޮލިސް އަދި އެމް.އެން.ޑީ.އެފްގެ ސެނަހިޔާގައި ވެކްސިން ދިނުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ. އެޗްޕީ.އޭއިން ވިދާޅުވީ މިހަފްތާގެ ތެރޭގައި މާލޭގެ ސްކޫލްތަކުގައި ވެކްސިން ދެއްވަން ފަށްޓަވާނޭކަމަށެވެ.

ހިމަ ބިހި ރޯގާއެއްގެ ގޮތުގައި ދިވެހިރާއްޖޭގައި އެންމެ ފަހުން ފެތުރިފައިވަނީ 2005 ވަނަ އަހަރު އެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައެއްނުވެއެވެ.