ކުޅިވަރު

ޓީސީން އެދެއްކީ އެހެން ކްލަބްތަކަށް މިސާލެއް- ސާންތި


ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ކަޕް ކާމިޔާބުކޮށް، ޓީސީން އެހެން ކްލަބްތަކަށް އެދެއްކީ މިސާލެއްކަމަށް އީގަލްސްގެ ކޯޗް އިހުސާން އަބްދުލް ޣަނީ، (ސާންތި) ބުނެފިއެވެ.

ބަނގްލަދޭޝްގައި ބޭއްވި މުބާރާތް ކާމިޔާބުކޮށް ޓީސީ ވެފައިވަނީ ރާއްޖޭގެ ތާރީޙުގައި ކްލަބަކުން ހޯދި ފުރަތަމަ ރަން މެޑަލް ރާއްޖެއަށް ހޯދައިދިން ޓީމަށެވެ.

މިދިޔަ އަހަރު ޓީސީ ބަލިކޮށް، ޕްރެޒިޑެންޓްސްކަޕްގެ ތަށި އީގަލްސްއަށް ހޯދައިދިން ކޯޗް، ސާންތި ބުނީ ބަނގްލަދޭޝް މުބާރާތް ކާމިޔާބުކޮށް ޓީސީން އެހެން ކްލަބްތަކަށް މިދިނީ ވަރަށް ބޮޑު މެސެއްޖެއްކަމަށާއި، ޓީސީ މިސާލެއްގެ ގޮތުގައި ނަގަންޖެހޭކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއަރމަން ސާންތި ބުނީ އެގޮތަށް މަސައްކަތްކޮށްފިނަމަ އެހެން ކްލްބަތަކަށްވެސް ކާމިޔާބު ހޯދޭނެކަން ޓީސީން ދައްކުވަދީފިކަމަށެވެ.

ސާންތި އުންމީދުކުރަނީ ޓިސީ ހޯދި މި ތައްޓާއެކު ރާއްޖޭގެ ފުޓްބޯޅައަށް ހެޔޮ ބަދަލުތަކެއް އައިސް ކްލަބްތަކުގެ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށެވެ.

އަދި ބައިނަލްއަޤްވާމީ މުބާރާތެއްގައި ރާއްޖޭގެ ކްލަބަކުން ވާދަކުރާނަމަ އެ ކްލަބަކަށް މިހާރު އިތުރަށް މަސައްކަތްކުރަން މަޖުބޫރުވާނެކަމަށް ޤައުމީ ޓީމްގެ ކުރީގެ އެސިސްޓެންޓް ކޯޗް ފާހަގަކުރިއެވެ.

"ޓިސީ ދެއްކި މިސާލުގައި ހިފާށޭ އަޅުގަނޑު ބުނާނީ، އޭތި މިސާލެއްގެ ގޮތުގައި ނަގައިގެން. އެހެން ކްލަބްތަކަށްވެސް އެ ލިބޭ ފުރުސަތުތަކުގައި ދަތުރުދާ އުސޫލުން ނުގޮސް ކާމިޔާބީއެއް ހޯދަން މަސައްކަތްކުރަން، އެ މެސެޖް ޓީސީ އެދިނީ. ހުރިހާ ކްލަބަކަށްވެސް ދިން މެސެޖެއް އެއީ" ސާންތި ބުންޏެވެ.

މަތީ ފަންތީގައި ޓިސީ ހޯދި ފުރަތަމަ ތަށި ބަނގްލަދޭޝްގައި ހޯދިނަމަވެސް މުޙައްމަދު ނިޒާމް(ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ޓީސީ ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފުރަތަމަ އަހަރުވެސް ލީގުގެ ދެވަނަ ހޯދާ، މިދިޔަ އަހަރު އެމަޤާމް ދިފާއުކުރިއެވެ. އެފް.އޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައިވެސް ޓީސީ ވަނީ ވާދަކޮށްފައެވެ.