ކުޅިވަރު

ރަން މެޑެއްޔަށް ޖުނެއިދު މުހިއްމު! އޭނާގެ އުއްމީދުވެސް ބޮޑު!


ރާއްޖޭގެ ޤައުމީ ބޮލީ ޓީމް ރަން މެޑަލް ހޯދުމުގެ އުއްމީދުގައި އެ އަމާޒަށް ވާޞިލްވުމުގެ މަސައްކަތް ކުރަމުންދާއިރު މުޙިންމު ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ހުރިހާ ޑިޕާރޓްމަންޓެއް ވަރުގަދަ ވުމާއި، ތަޖުރިބާއަކީވެސް މުޙިންމު ކަންކަމެވެ.

ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް މިމަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ފަށާއިރު، ރާއްޖޭގެ ސީނިއަރ ޤައުމީ ވޮލީ ޓީމުން އެފަދަ މުހިންމު ކަންކަން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއްދެއެވެ. ޓީމް ފުރިހަމަކޮށް، ޒުވާން ކުޅުންތެރިންނާއެކު ތަޖުރިބާ ހުރި ކުޅުންތެރިންގެ ބޭނުން ހިފައިގެން ވަރުގަދަ ޓީމެއް ބިނާކޮށް، ތައްޓަށް އެދަނީ މަސައްކަތްކުރަމުންނެވެ.

އޭގެ އެއް ހެއްކަކީ އަބުދުﷲ ޖުނައިދު ޓީމްގައި ހިމެނުމެވެ. 2014 ވަނަ އަހަރު ސީނިއަރ ޓީމަށް ކުޅުން ހުއްޓާލައިގެން ހުއްޓާ މިފަހަރުގެ ޓީމަށް އޭނާ ނެގީ ކޯޗުންގ ބޭނުންވެގެންނެވެ. އޭނާގެ އެހީއަށް ކޯޗުންގ މާބޮޑަށް އެދުމުން ޤައުމީ ޓީމަށް ޓަކައި އެ ނިންމުން ނިންމަން މަޖުބޫރުވީއެވެ. 2013 ވަނަ އަހަރު ރާއްޖޭގެ ވޮލީ ޓީމް ނޭޕާލްގައި ފުރަތަމަ މެޑަލް ހޯދިއިރު ޓީމްގައި ހިމެނި، މުބާރާތުގެ އެންމެ މޮޅު ލިބަރޯގެ މަޤާމް ހޯދި އަބުދުﷲ ޖުނައިދު އަލުން ޓީމަށް ގެނައީ ސިލްވަރ ރަނަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގައިވެސް އެވަރުގެ ތަޖުރިބާހުރި ލިބަރޯއެއް ބޭނުންވާތީއެވެ.

2013 ވަނަ އަހަރުގެ ކުރިން މެދަށް ކުޅެމުން އައި ޖުނައިދު އެފަހަރު ޤައުމީ ޓީމްގައި ލިބަރޯއަކަށް ބަދަލުވީވެސް ކޯޗުންގ އެދިގެންނެވެ. އޭރު މެދަށް ކުޅޭ ކުޅުންތެރިންގެ ވާދަވެރިކަންވެސް ބޮޑުވެ، ޓީމަށް އެރެން އޮތް އެންމެ ރަނގަޅު ފުރުޞަތަކީވެސް އަދި ޓީމަށް އެވަގުތު އެންމެ ފައިދާ ބޮޑު ގޮތަކީވެސް އެއީކަމަށް ވާތީއެވެ. ކޯޗުންނާއި، ޖުނައިދުގެ އެނިންމުންވެސް ރަނަގޅުކަން ސާބިތުވީ ފުރަތަމަ މެޑެއްޔާއެކު، އެންމެ މޮޅު ލިބަރޯގެ މަޤާމްވެސް ޖުނެއިދުއަށް ލިބުމުންނެވެ.

2014 ވަނަ އަހަރު ކޮރެއާގައި އޮތް މުބާރާތަށްފަހު ޤައުމީ ޓީމަށް ނުކުޅެން ނިންމާ، ޓީމަށް ދުރުގައި ހުއްޓާ އަލުން އޭނާ ޓީމަށް ގެނައީ 2013 ވަނަ އަހަރު މެޑަލް ހޯދައިދިން ކޯޗު މުޙައްމަދު ޝަރަފެވެ. ޝަރަފްގެ އެނިންމުމުގެ ފަހަތުގައިވަނީ މެޑަލް ހޯދަން ބަލާއިރު ޖުނެއިދު މުޙިއްމުވުމެވެ.

" އަޅުގަނޑުމެން ފުރަތަމަ ސްކޮޑް ނެގިއިރު ޖުނެއިދު ނުވެސް ހުންނާނެ. ވަކި ހިސާބަކުން އަޅުގަނޑުމެން ޖުނެއިދު މިއަށް ޖޮއިން ކުރީވެސް ތަޖުރިބާ މުޙިއްމުވުމުން. އަޞްލް ތަޖުރިބާ ވަރަށް މުޙިއްމު މެޑަލް ހޯދައިރު. ތަޖުރިބާކާރު ލިބަރޯއެއް ހުރުން. މެޑަލްއެއް ހޯދަން ބެލިއިރުގަ އަޅުގަނޑުމެން ބެލީ ޖުނެއިދަކީ މިޓީމްގައި ކޮންމެހެންވެސް ހުންނަން ޖެހޭނެ މީހެއްކަމަށް. އެގޮތުން ބަލާފަ އަޅުގަނޑުމެންގެ ހެޑްކޯޗު ޖުނެއިދު ފަހުން މިޓީމާ ޖޮއިން ކުރުވާފަ އެހުރީ " ޖުނެދިއުއާއެކު ޤައުމީ ޓީމަށް ކުޅެ، މިހާރު އެސިސްޓެންޓް ކޯޗަކަށް މަސައްކަތްކުރަމުންދާ މުޙައްމަދު ސާޖިދު ބުންޏެވެ.

img:http://s2.psmnews.mv/images/660x400/14894693777947.jpg|ޓީމްގެ ދެ ލިބަރޯއިން ޕްރެކްޓިސްގައި

ސިފައިންގޭގައި މަސައްކަތްކޮށް، ސިފައިންގެ ޓީމަށް ކުޅެމުން އަންނަ ޖުނެއިދުވެސް ހުރީ އަލުން ޓީމަށް އައިސް ޤައުމީ ޓީމަށް ރަން މެޑަލް ހޯދައިދޭން އޭނާގެ ތަޖުރިބާގެ ބޭނުން ފުރިހަމައަށް ކުރަން އަޒުމް ކަނޑައަޅައިގެންނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި މިހާރު އޮތް ޓީމަށް ރަން މެޑަލް ހޯދޭނެއެވެ. އަދި އެނބުރި އައިސް ޤައުމީ ޓީމާ ދުރަށް ދާން ބޭނުންވަނީ އަމިއްލަ ޤައުމުގައި ކުޅެ ރަން މެޑަލް ހޯދައިދީފައެވެ.

" މިހާރު މިއޮތް ޓީމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އެއީ މިހާރު މިއޮތް ޓީމަކީ ރިހި މެޑެއްޔެއް ނޫން ރަން މެޑަލް ހޯދޭވަރު ޓީމެއް. ރާއްޖޭގައި ބާއްވާ މުބާރާތުން އަޅުގަނޑު ހަމަ ބޭނުންވަނީ ރަން މެޑަލް ހާޞިލްކުރަން. އަޅުގަނޑުގެ ވޮލީ ކެރިއަރ ނިންމާލާއިރު އަޅުގަނޑު ބޭނުން ރަން މެޑަލްއަކާއެކު ކެރިއަރ ނިންމާލަން " މިއަހަރު 37 އަހަރު ފުރޭ ތަޖުރިބާކާރު ކުޅުންތެރިޔާގެ އުއްމީދުތައް މައްޗެވެ.

2004 ވަނަ އަހަރުން 2014 ވަނަ އަހަރަށް ޤައުމީ ޓީމަށް ކުޅުމަށްފަހު، ކުރިއަށް އޮތް މުބާރާތަށް އެނބުރި އައި ކުޅުންތެރިޔާއާއެކު ޒުވާން ލިބަރޯއެއް ހުރުމަކީވެސްވެސް ބޮޑު އުއްމީދެކެވެ. ޓީމްގެ ކުރިމަގަށް ބަލާއިރު ވަރަސް ބޮޑު ހިތްހަމަޖެހުމެކެވެ. ޒުވާން ލިބަރޯ އަލީ ޖަވާމްގެ ފަރާތުން ފެންނަ ކުޅުމުން ދޭހަކޮށްދެނީ ޤައުމީ ޓީމްގެ ކުރިމަގުގެ އުޖާލާކަމެވެ. ޓީމްގެ ހުރި އެންމެ ދުވަސްވީ ކުޅުންތެރިޔާއާއެކު ދެވަނަ ލިބަރޯއެއްގެ ގޮތުގައި ހުރީ ޓީމްގެ އެންމެ ހަގު އަލީ ޖަވާމެވެ. ދެ ލިބަރޯއިންވެސް ތިބީ ރަން މެޑަލް ހޯދައިދިނުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކުރާށެވެ. އެހިތްވަރާއި، އުއްމީދާއެކުގައެވެ.