ކުޅިވަރު

ބައްޕަގެ ހުވަފެން ހަޤީޤަތަކަށް ހަދައިދިނުމުން، މަންމަގެ އިޙްޞާޞް


" އޭނާ ބައްޕަ ދުނިޔޭގެ ހުރިނަމަ ވަރަށް އުފާވާނެ. އެއީ އޭނާ ދެކޭ ހުވަފެނެއް، އޭނާއަކީ ފުޓްބޯޅަ ކުރިއަރުވަން ވަރަށް މަސައްކަތްކޮށްފައިވާ މީހެއް " ޓީސީގެ ފަޚްރުވެރި ކާމީޔާބީގެ މަންޒަރުތައް ޓީވީގެ ޒަރިއްޔާއިން ބަލަމުން ދިޔަ އެންމެގިނަ މީހުންގެ ސަމާލުކަން ހުއްޓުނީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ ވީއައިޕީ ލައުންޖްގައި އިނދެ ޓީސީގެ ކޯޗު މުޙައްމަދު ނިޒާމްގެ މަންމަ ދައްކަމުން ދިޔަ އުފާވެރި އަދި އަސަރު ގަދަ ވާހަކަތަކަށެވެ. އުމުރުން ދުވަސްވީ ނަމަވެސް ލިބިފައިވާ އުފާވެރިކަން ބަޔާންކޮށްދެމުން ދިޔައީ ނުހަނު އަސަރާއެކުގައެވެ.

" އަޅުގަނޑުގެ ކުޅިވަރުގެ ހަޔާތުގައި ނުދެކެން މިވަރުގެ އަގު ބޮޑު އިންޓަވިއުއެއް " ޓީވީއެމްގެ ސްޓޫޑިއޯގައި އިނދެ އެމަންޒަރުތައް ބަލަމުން، ލޮލުން ވެއްޓުނު ފެންތިކި ފޮހެލުމަށްފަހު ކޯޗު އަލީ ސުޒޭން ބުންޏެވެ. 

ހަޤީޤަތުގައިވެސް އެވާހަކަތަކަކީ އެތައްބައެއްގެ ސަމާލުކަމާއި ޝައުޤުވެރިކަން ހުއްޓުނު ވާހަކަތަކެކެވެ. މުޙައްމަދު ނިޒާމްގެ ބައްޕަ މަރުހޫމް ހުސެއިން ދީދީ (ޖޯޖް) އަކީ 1960 ން 1980 ގެ އަހަރުތަކާ ދެމެދު އައްޑު އަތޮޅު ޚާއްޞަކޮށް، ފޭދޫގެ ފުޓްބޯޅަ ކުރިއަރުވަން ނުހަނު ގިނަ މަސައްކަތްތައް ކޮށް، ޤުރުބާނީތަކެއް ވެފައިވާ ފަރާތެކެވެ. ޑީއެންސީ އުފައްދަވައި އެކްލަބް ހޯދި ކާމިޔާބީ ތަކުގައި މުޙިންމު ޙިއްޞާދާރަކީ މިއަދު ކުޅިވަރު ކުރިއެރުވުމުގައި އަގުހުރި ވަގުތުތައް ހޭދަކުރަމުން އަންނަ މުޙައްމަދު ނިޒާމްއާއި އޭނާގެ ކޮއްކޮ އަހުމަދު މަރުޒޫޤުގެ ބައްޕައެވެ. އެބައްޕަ ދުނިޔޭގައި ހުރިނަމަ ކުރެވޭނެ އިޙްޞާޞްތައް އެންމެ ބޮޑަށް ވަޒަން ކުރެވޭނީ އެދެމީހުންގެ މަންމަ ހަދީޖާ ނިސްރީންއަށެވެ. 

img:http://s2.psmnews.mv/images/660x400/14887747294747.jpg|ކަނާތްފަރާތުގައި ނިޒާމްގެ ބައްޕަ ޑީއެންސީ ހޯދި ތައްޓާއެކު، ވާތް ފަރާތުގައި ނިޒާމް ތައްޓާއެއެކު: އޭނާ ކުރަމުން އައި އުއްމީދަކީ މިއީ.

ދަރިންގެ ފަރާތުން މިފަދަ ކާމިޔާބީއަކަށް އެމަންމަ އަންނަނީ އިންތިޒާރުކުރަމުންނެވެ. މުޙައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން ޓީސީ ކުޅުނު ފުރަތަމަ ފައިނަލް މެޗު ބެލުމަށް ރަސްމީ ސްޓޭޑިއަމްއަށް ދިޔައީވެސް އެފަދަ އުއްމީދެއްގައެވެ. އެދުވަހު ނާކާމިޔާބުވި ނަމަވެސް މިއަދު އެމަންމަގެ އުފާވެރިކަން މާބޮޑެވެ.

" އަޅުގަނޑުގެ މުޅި އާއިލާވެސް ވަރަށް އުފާވޭ. ރާއްޖެއަށް މިވަރގެ ކާމިޔާބީއެއް އޭނާ ފަހަތުގައި ހުރެ ހޯދައިދިނުމުން. ވަރަށް ބޮޑަށް އުފާވޭ. " ޓީވީއެމްގެ ލައިވް ކަވަރޭޖްއަށް ދިން އަސަރުގަދަ އިންޓަރވިއުގައި އުފަލުން އިން ނިޒާމްގެ މަންމަ ބުންޏެވެ.

ކޯޗު މުޙައްމަދު ނިޒާމްއަކީ ކުޅިވަރުގެ އާއިލާއެއްގެ ކުޅިވަރު ކުޅުންތެރިއެކެވެ. އަދި ކުޅިވަރު ކޯޗެކެވެ. އޭނާ ގުޅިފައިވަނީވެސް ކުޅިވަރު އާއިލާއަކަށެވެ. އޭނާގެ ކޮއްކޮ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤް ޤަބޫލުކުރާ ގޮތުގައި ނިޒާމްއަކީ މިހާރު ރާއްޖޭގެ އެންމެ މޮޅު ކޯޗެވެ. އެކަން ނިޒާމް ސާބިތުކޮށްދީފިއެވެ. މަރުޒޫޤް ބުނީ ނިޒާމް ކާމިޔާބު އެހޯދީ ގާތްގަނޑަކަށް ކްލަބްތަކުން ބޭކާރުކޮށްލާފަ ތިބި ކުޅުންތެރިންތަކެއް ގޮވައިގެންކަމަށެވެ. އޭގެ އެއް ސަބަބަކީ ނިޒާމް އަބަދުވެސް ދަސްކުރަން މަސައްކަތްކުރުމާއި، ކޮމިޓްމަންޓްކަމަށް މަރުޒޫޤް ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14887748003721.jpg|ނިޒާމްގެ ދެބެންއާއި މަންމަ: ފޮޓޯ-ޕީއެސްއެމް

" އޭނާއަކީ އަބަދުވެސް ދަސްކުރާ "އެލް" ބޯޑް ޖަހައިގެން އުޅޭ މީހެއް. މާމޮޅުވެގެން އުޅޭ މީހެއްނޫން. އެހެން ނަމަވެސް މިހާރު ރާއްޖޭގެ އެންމެ މޮޅު ކޯޗު. އެކަން ސާބިތުކޮށްދީފި. އަޅުގަނޑު ހަމަ ވަރަށް ފަޚްރުވެރިވާ އެއީ ދޮންބެއަށްވީމަ " މަރުޒޫޤް ބުންނެވެ.

މުބާރާތުގެ ތެރެއިންވެސް ކުޅިވަރުގެ މައިދާނަކުން ދިމާވުމުން މަރުޒޫޤް ބުނީ މުބާރާތުގެ ފުރުޞަތު ލިބުނު ހިސާބުންވެސް މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ މައުލޫމާތުތައް ހޯދާ، އެޓީމްތަކުގެ ކުޅުން ދިރާސާކުރަން ފަށައިފިކަމަށެވެ. މުބާރާތަށް ފުރުމުގެ ކުރިންވެސް ވަރަށްގިނަ ވަގުތުތައް އެކަމަށް ހޭދަކޮށް، ދިޔައީވެސް ސީދާ ތަށި ހޯދަންކަމަށް މަރުޒޫޤް ކުރިންވެސް ބުންޏެވެ. 

މިދިޔަ ދެ އަހަރުވެސް ނިޒާމް ވަނީ ރާއްޖޭގެ މުބާރާތްތަކުން ތައްޓަކާ ވަރަށް ކައިރިއަށް ޖެހިލާފައެވެ. ނަމަވެސް މިދިޔަ އަހަރުވެސް ތިން ފަހަރެއްގެ މަތީން ކުރިމަތިވީ ނާކާމިޔާބެވެ. އެހެންކަމުން އޭނާ ހުރީ ރަން މެޑެއްޔެއް ނުވަތަ ތައްޓެއް ހޯދަން ވަރަށް ބޮޑަށް ބޭނުންވެފައެވެ.

" އިރާދަކުރެއްވިއްޔާ ނިޒާމް އަބަދުވެސް ކުރަމުން އައި އުއްމީދެއް މިއަދު މިއޮތީ ހަޤީޤަތަކަށްވެފަ. އަބަދުވެސް ބުނަމުން ދިޔައީ ބައްޕަ އެވީ ޤުރުބާނީ ބައްޕަ ހޯދި ގޯތަށް ހޯދާނަމޭ. އަބަދުވެސް އުއްމީދެއް މިދިޔަ ތިން ފައިނަލް ފެއިލްވުމަށްފަހު ބުނަމުން ދިޔައީ ތިމަންނަ އަދި އިރާދަކުރެއްވިއްޔާ ގޯލްޑެއް ހޯދާނަމޭ. އަޅުގަނޑަކަށް ހިޔެއްނުވޭ މިއަށްވުރެ ބޮޑު ފަޚްރެއް ލިބޭނެހެނެއް " ނިޒާމްގެ އަންހެނުން އަދި އެފްއޭއެމްގެ ނައިބުރައީސް އައިޝަތު ނާޒިމާ ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14887747708897.jpg|ނިޒާމް އަންހެނުން ނާޒިމާ އަދި މްނަމައާއެކު: ފޮޓޯ-ޕީއެސްއެމް

މިއީ އަދި ނިޒާމްގެ ކާމިޔާބީގެ ފެށުމެކެވެ. އެގޮތުގައި ކުރިއަށް ދިއުމަކީ އޭނާގެ މަންމަގެވެސް އުއްމީދެވެ.

" އެންމެން ލޯބިވާ ކުޅިވަރު ކުރިއަރުވަން އެކުރާ މަސައްކަތަކީ އަޅުގަނދު ވަރަށް ހިތްއެދޭ، ޤަބޫލުކުރާކަމެއް " ނިޒާމްގެ މަންމަގެ އެންމެ ފަހު ވާހަކައަކީވެސް މިއީއެވެ.