ކުޅިވަރު

ޓީސީ ހޯދި ކާމިޔާބީއަށް ރައްޔިތުން ފަޚްރުވެރިވޭ - ޔޫތް މިނިސްޓަރ


ރާއްޖޭގެ ޓީސީ ސްޕޯރޓްސް ކްލަބް ރާއްޖެއިން ބޭރުގައި ހޯދި ފަޚްރުވެރި ކާމިޔާބީއަށްޓަކައި ހުރިހާ ދިވެހި ރައްޔިތުންވެސް ފަޚްރުވެރިވާކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ބަނގްލަދޭޝްގައި އޮތް ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން ޓީސީ އެނބުރި އައުމުން އެޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓަށް ވަޑައިގެން މިނިސްޓަރ ވިދާޅުވީ ޓީސީއަކީ ޒުވާން ޓީމެއް ކަމަށާއި، ޒުވާން ކުޅުންތެރިން ހޯދި ކާމިޔާބީއަކީ ފަޚްރުވެރި ކާމިޔާބީއެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓީސީއަކީ ވަރަށް ކާމިޔާބު ޓީމެއްކަމަށެވެ.

" ވަރަށް ޒުވާން، ވަރަށް ކާމިޔާބު ޓީމެއް ޓީސީއަކީ. މިހާ ޒުވާން ޓީމަކުން މިފަދަ ކާމިޔާބީއެއް ހޯދުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ފަޚްރުވެރިވާކަމެއް " މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން އެކަމަނާ ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއަށްގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ. ޓީސީ ސްޕޯރޓްސް ކްލަބްގެ ކުޅުންތެރިންނާއި، ކޯޗާއި، މެނޭޖްމަންޓަށްވެސް ރައީސުލްޖުމްހޫރިއްޔާ ހިތްވަރުދެއްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ވިދާޅުވީ ޓީސީގެ މިކާމިޔާބީއަށް ސަރުކާރުން ވަރަށް ބޮޑަށް މަރުހަބާ ދަންނަވާކަމަށެވެ.

ބަނގްލަދޭޝްގައި އޮތް މުބާރާތް ޓީސީ ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ފައިނަލްގައި ކުރި ހޯދީ ކޮރެއާގެ ޕޮޗެއޮންގއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މިއީ ރާއްޖޭގެ ކްލަބެއް ބޭރު މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.