ޚަބަރު

ރައީސްގެ އަނބިކަނބަލުން ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރެއްވުން


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށްޓާއި، ވިލިނގިއްޔަށް ވަޑައިގެން އެދެރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ވިލިނގިލީގިލީގެ އިސްރަށްވެހިންގެ ފަރާތުން ރައީސްގެ އަނބިކަނބަލުންނަށް ޚާއްޞަ ހަދިޔާއެއް ވަނީ އަރުވާފައެވެ.

ވިލިނގިއްޔަށް ވަޑައިގެން އެކަމަނާ ވަނީ ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ޙާލު ވަނީ ބައްލަވާލައްވާފައެވެ.

img:http://s3.psmnews.mv/images/660x400/14886426147339.jpg|ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވިލިނގިއްޔަށް ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދަންނަވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހުވަދުއަތޮޅު އުތުރުބުރީ ބައެއް ރަށްރަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީ.ޕީ.އެމަށް ނިޞްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތީން ފަށްޓަވާފައިވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ގޭގެއަށް ވަޑައިގެން، އެމީހުންގެ ޙާލު ބައްލަވައި، މިހާރުން މިހާރަށް ބޭނުންވާކަންކަން ދެނެގަތުމުގެ މަސައްކަތް އެޑްވާންސް ޓީމްތަކެއް ފޮނުވައިގެން ގެންދަވަނީ ބައްލަވަމުންނެވެ. އަދި އަތޮޅުތަކުގައި އެހީތެރިކަން ބޭނުންވާ މީހުންނާ އެކަމަނާ ބައްދަލުކުރައްވައި އަމިއްލަފުޅަށްވެސް އެހީވެދެއްވައެވެ.