ޚަބަރު

ޖޮއިން ޓީމް އެމް.ޓީ.ސީ.ސީ ކެމްޕެއިން ރަސްމީކޮށް ފަށައިފި


ޖޮއިން ޓީމް އެމް.ޓީ.ސީ.ސީ ކެމްޕެއިން ރަސްމީކޮށް ފަށައިފިއެވެ. 

މިކެމްޕެއިނަކީ އެމް.ޓީ.ސީ.ސީއާއި ގުޅޭ މަޢޫލޫމާތު ރައްޔިތުންނަށް ޙިއްޞާކޮށް، އެކުންފުނީގައި ހުރި ވަޒީފާގެ ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިން ކުރިޔަށްދާނީ މިރޭ ދިހައެއް ޖެހުމާއިހަމަށް ސޯޝަލް ސެންޓަރުގައެވެ. 

މިފެއަރ ރަސްމީކޮށް ހުޅުއްވާ ދެއްވީ އެމްޓީސީސީގެ ޗެއަރމަން އަޙްމަދު ނިޔާޒާއި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ އަޙްމަދުއެވެ. ޖޮއިންޓް ޓީމް އެމް.ޓީ.ސީ.ސީގެ ނަމުގައި އެމް.ޓީ.ސީ.ސީ ކުރިޔަށްގެންދާ ކެމްޕެއިނަކީ، އެކުންފުންޏާއި ގުޅޭ މަޢުލޫމާތާއި މިހާރު ކުރަމުންގެންދާ މަސައްކަތް ރައްޔިތުންނަށް ޙިއްޞާކުރުމުގެ ގޮތުން ކުރިޔަށްގެންދާ ކެމްޕެއިނެކެވެ.

އެކުންފުނީގައި މިވަގުތު ހުރި ވަޒީފާގެ ފުރުޞަތާއި ބެހޭ މަޢުލޫމާތު ވީހާވެސް ގިނަ ބަޔަކަށް އަންގައިދިނުމަކީ މިކެމްޕެއިން ކުރިއަށްގެންދިއުމުގެ މަޤްޞަދުކަމަށް އެމްޓީސީސީން ބުނެއެވެ. މި ކެމްޕެއިންނާއި ގުޅޭ މަޢުލޫމާތު މީޑިއާ ޙިއްޞާކުރައްވަމުން އެކުންފުނީގެ ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓްގެ އެގްޒެކެޓިވް ޢަބްދުﷲ ފާއިދު ވިދާޅުވީ އެކުންފުނީގައި މިވަގުތު ހުޅުވާލާފައިވާ ވަޒީފާތަކާއި ގުޅޭ މަޢުލޫމާތާއި އެ ވަޒީފާއަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު މި ކެމްޕެއިންގެ ތެރެއިން ލިބިގެންދާނެކަމަށެވެ.

img:http://s3.psmnews.mv/images/660x400/14886405310744.jpg|ޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިންގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

"މި ފޯކަސް ކުރަނީ ޔޫތް މިނިސްޓްރީއާއި ގުޅިގެން މިއަދުގެ ޒުވާނުންނަށް މިތަނުން ފެނިގެންދާނެ. އެމްޓީސީސީގެ މިވަގުތު އޯޕަންވެފައި އޮތް 700 އެއްހާ ވަޒީފާގެ މަޢުލޫމާތުތައް. މިތާންގައި ވަޒީފާގެ މައުލޫމާތު ހޯދައިގެން ވަޒީފާއަށް އެޕްލައި ކުރުމުގެ ފުރުސަތުވެސް އޮންނާނެ. އެޕްލިކޭޝަން ފޯމްވެސް ސަބްމިޓް ކުރެވެނެ. ވަގުތުން ވަގުތަށް އިންޓަރވިއުވެސް ކުރެވޭނެ" ޢަބްދުﷲ ފާއިދު ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީން ދަނީ އެކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން އިތުރަށް ތަމްރީން ކުރުމުގެ ސިޔާސަތުގެ ދަށުން ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. އެގޮތުން ކުރިޔަށް އޮތްތާނގައި އެކުންފުނިން 33 ސްކޮލަޝިޕް ފުރުޞަތު ހުޅުވާލާނެކަމަށް އެކުންފުނިން ބުނެއެވެ. 

މި ސްކޮލަޝިޕްގެ ފުރުޞަތުތަކަށް އެކުންފުނިން އެކަށީގެންވާ މީހުން ހޯދުމުގައި ދަތިވާނަމަ، ޢާންމުނަށް އެ ފުރުޞަތު ހުޅުވާލާނެކަމަށްވެސް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން އެކުންފުނިން ދަނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން މެރިން މެކޭނިކާއި ހައިޑްރޯލިކް އަދި އޮޓޯމޯބައިލް މެކޭނިކް ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފެށުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. 

މި ޕްރޮގްރާމްގެ ދަށުން ކުންފުނީގައި ވަޒީފާ އަދާކުރުމަށް ހޮވޭ މުވައްޒަފުންނަށް ޙާއްސަ އެލަވަންސާއި އެކަމަޑޭޝަން ދިނުމަށް ހަމަޖެހިފައިވާކަމަށް އެމް.ޓީ.ސީސީން ވިދާޅުވެއެވެ.