ބޭރުގެ މުބާރާތަކުން ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ފުރަތަމަ ފުޓްބޯޅަ ކްލަބް، ޓީސީ ތައްޓާއެކު އެނބުރި ޤައުމަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ރޭ ބަނގްލަދޭޝްގައި ނިމުނު ޝައިޚް ކަމާލް އިންޓަރނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ހޯދައި، ދިވެހިން ފަޚްރުވެރިކޮށްދިން ޓީސީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓުން މަރުހަބާ ވިދާޅުވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އިރުތިޝާމް އާދަމްއާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ކުޅިވަރުގެ ދާއިރާގެ އެހެން އިސް ބޭފުޅުންނެވެ.
ޖުމްހޫރީ މައިދާނުން ޓީމަށް މަރުހަބާ ކިޔުމަށް ޓީމްގެ ކުޅުންތެރިންނާއި، އޮފިޝަލުންގެ އާއިލާގެ މެމްބަރުންނާއި، ރަޙުމަތްތެރިންނާއި، ފުޓްބޯޅަ ޢާއިލާގެ ގިނަ މެމްބަރުންނާއި ސަޕޯޓަރުން ތިބީ ތައްޔާރަށެވެ. އަދި ކްލަބްގެ ފަރާތުން ޓީމަށް މަރުހަބާކިޔުމަށް ސޯސަން މަގުގައި ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. ޖުމްހޫރީ މައިދާނުން ޓީމްގެ ކުޅުންތެރިންނާއި، އޮފިޝަލުން ދާނީ ސޯސަން މަގުގެ ޓީސީ ނިސްބަތްވާ ޞަރަހައްދު ( ދިވެހިބަހުގެ އެކަޑަމީ) ކައިރިއަށެވެ.
ފައިނަލްގައި ކޮރެއާގެ ޕޮޗެއޮންގ ސިޓިޒެން ކްލަބް އަތުން މޮޅުވެ ޓީސީ ޗެމްޕިއަންކަން ހޯދުމާއެކު އެކްލަބް ވެގެން ގޮސްފައިވަނީ ކްލަބް މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ ޓީމަށެވެ.
img:http://s3.psmnews.mv/images/660x400/14886444600377.jpg|ޓީސީ ޓީމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު މަރުޙަބާ ވިދާޅުވަނީ - ފޮޓޯ: ޕީއެސްއެމް
ޕެނަލްޓީގައި ކޮރެއާ ޓީމް ބަލިކޮށް ޗެމްޕިއަންކަން ހޯދި ޓީސީ މުބާރާތް ނިންމާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ގްރޫޕް ސްޓޭޖްގައި ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ސެމީފައިނަލް ކަށަވަރުކުރިއެވެ. ގްރޫޕް ސްޓޭޖް ތިންވަނަ މެޗުން ޓީސީ އެއްވަރުވިއިރުވެސް ޓީސީ އޮތީ ސެމީފައިނަލްގައެވެ. އަދި އެމެޗަށް ނިކުތީ އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިން ނުލައެވެ. ޓީސީ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ނޭޕާލްގެ މަނަންގއާއި ވާދަކޮށް 1-0 ން ކުރި ހޯދައިގެންނެވެ.
މިއީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވިފަހުން ޓީސީ ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ. 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ، ދެވަނަ ޑިވިޝަންގައި މިދިޔަ ދެ އަހަރު ވާދަކުރި އިރުވެސް ޓީސީން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. 2015 ވަނަ އަހަރު ދިވެހި ލީގުގެ ދެވަނަ ހޯދާ 2016 ވަނަ އަހަރު އެމަޤާމް ދިފާއުކުރިއެވެ. 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްކަޕާއި، އެފްއޭކަޕްގެ ފައިނަލުންވެސް ބަލިވުމުން އެޓީމަށް މަދުވީ ހަމައެކަނި ތައްޓެވެ. މިއަހަރުގެ ސީޒަނާ އެޓީމް ކުރިމަތިލީވެސް އެކަން ހާޞިލްކުރުމަށެވެ.
ރާއްޖޭގެ މުބާރާތްތައް ފެށުމުގެ ކުރިން މިމުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު އެފްއޭއެމްއިން ދިނީ ލީގުގެ ދެވަނަ ޓީމްގެ ހައިޞިއްޔަތުންނެވެ. އެއީ ލީގު ޗެމްޕިއަން މާޒިޔާ އޭއެފްސީކަޕްގައި ވާދަކުރާތީއާއި، އެފްއޭކަޕް ޗެމްޕިއަން ވެލެންސިޔާ އޭއެފްސީކަޕް ޕްރެލިމިނަރީ ބުރާއި، ޕްލޭއޯފްގައި ވާދަކުރަން ޖެހޭތީއެވެ. މިއީ ބަނގްލަދޭޝްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެޤައުމުގެ ފުޓްބޯޅަ ކުރިއެރުވުމަށް ބާއްވަމުން އަންނަ އިންވިޓޭޝަނަލް ކްލަބް މުބާރާތެކެވެ. ޓީސީއަށް މުބާރާތުގައި ވާދަކުރަން ފުރުޞަތު ދިނުމުންވެސް ކޯޗު މުޙައްމަދު ނިޒާމް ބުނީ މުބާރާތަށް ތައްޔާރުވާނީ ތަށި ހޯދަން ކަމަށެވެ. ޓީސީގެ މިކާމިޔާބީއާއެކު ބޭރުގެ މުބާރާތަކުން ރާއްޖޭގެ ކްލަބަކަށް ޗެމްޕިއަންކަން ހޯދައިދިން ފުރަތަމަ ކޯޗަކަށް ވުމުގެ ޝަރަފް މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗު މުޙައްމަދު ނިޒާމަށް ލިބުނީއެވެ. މިއީ ނިޒާމްވެސް މަތީ ފަންތީގައި ކޯޗެއްގެ ގޮތުން ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.
ބަނގްލަދޭޝްގެ ތިން ޓީމާއެކު މުބާރާތުގައި 8 ޓީމް ވާދަކުރިއެވެ. ޓީސީއާއެކު ޤައުމުން ބޭރުގެ 5 ޓީމް މުބާރާތުގައި ވާދަކުރިއެވެ. ޓީސީގެ އިތުރުން މުބާރާތުގައި ވާދަކުރި ޓީމްތަކަކީ ބަނގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީ، ދެވަނަ ޝިޓަގޮންގ އަބަހާނީ، މުޙައްމަދީން އެސްސީ، ނޭޕާލްގެ ޗެމްޕއިަން މަނަން މަޝިޔަންޑީ، ކިރްގިސްތާންގެ އަލްގާ ބިޝްކެކް، އަފްޣާނިސްތާނުގެ ޗެމްޕިއަން ޝަހީން އަޝްމައީ އަދި ފައިނަލްގައި ވާދަކުރި ކޮރެއާގެ ޕޮޗެއޮންގއެވެ.
މުބާރާތުގައި ޓީސީ ވާދަކުރި މެޗުތައް:
1- ޓީސީ ސްޕޯރޓްސް ކްލަބް 1 - 0 ޑާކާ އަބަހާނީ ( ބަނގްލަދޭޝް )
2- ޓީސީ ސްޕޯރޓްސް ކްލަބް 2 - 1 އެފްސީ އަލްގާ ( ކިރްގިސްތާން )
3- ޓީސީ ސްޕޯރޓްސް ކްލަބް 1 - 1 ޕޮޗެއޮންގ ( ކޮރެއާ )
4- ޓީސީ ސްޕޯރޓްސް ކްލަބް 1 - 0 މަނަންގ ( ނޭޕާލް ) ސެމީފައިނަލް
5- ޓީސީ ސްޕޯރޓްސް ކްލަބް 4 - 2 ޕޮޗެއޮންގ ( ކޮރެއާ ) ޕެނަލްޓީ. ( ފައިނަލް މެޗު ) ފުރިހަމަ ވަގުތު ހަމަވިއިރު 2-2