ކުޅިވަރު

ރަނގަޅު ވަގުތު ޓީސީ ހޯދި ކާމިޔާބީގެ ރަނގަޅު އަސަރު ފުޓްބޯޅައަށް


މިއަހަރުގެ ފުޓްބޯޅަ ސީޒަނަކީ މިފަހަކަށް އައިސް އެންމެ ފޯރިގަދަވާނެކަމަށް ފުޓްބޯޅަ އާއިލާ އުއްމީދުކުރާ ސީޒަނެވެ. އެންމެ ބޮޑު އެއް ސަބަބަކީ ފުރަތަމަ ޑިވިޝަންގެ 8 ކްލަބްވެސް ވަރުގަދަވެ، ވާދަވުރެވޭ ވަރުގެ ޓީމްތަކެއްގެ ގޮތުގައި އޮތުމެވެ. ޒަމާންވީ ބޮޑަތި ހުރިހާ ނަމެއްގައިވެސް ރަނގަޅު ކުޅުންތެރިން ތިބެ، ފަހުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ޓީމްތައްވެސް ވަރުގަދަވުމެވެ.

ސަޕޯޓަރުންގެ ތެރޭގައިވެސް އޮތް ފޯރިއާއެކު، މިދިޔަ ފަސްވަރަކަށް އަހަރަށް ބަލާއިރުވެސް މިއަހަރުގެ ސީޒަންގެ ފެށުން ރަނގަޅެވެ. އިހު އޮތް ފޯރި އަދި ނެތް ނަމަވެސް ސަޕޯޓަރުންގެ އަދަދު އިތުރުވެ، ކްލަބްތައް ވާދަވެރިވާތަން މިދިޔަ ތިން މެޗުންވެސް ފެނިއްޖެއެވެ. މިދަނޑިވަޅުގައި ދިވެހި ފުޓްބޯޅައަށް، ޚާއްޞަކޮށް ކްލަބް ފުޓްބޯޅައަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ ކްލަބް ޓީސީ ހޯދި ބައިނަލްޤްވާމީ ތައްޓެވެ. ބަނގްލަދޭޝްގައި ރޭ ނިމުނި ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ޓީސީ ހޯދުމުން ކްލަބްތަކަށް ދިވެހި ސަޕޯޓަރުން ކުރާ އިތުބާރު އެތައް ތަނަކުން ބޮޑުވެގެންދާނެކަމަށް ފުޓްބޯޅަ ކޯޗުންވެސް ޤަބޫލުކުރެއެވެ. ރާއްޖޭން ބޭރުގައި ދިވެހި ކްލަބަކުން ހޯދި ފުރަތަމަ ތައްޓާއެކު ރާއްޖޭގެ ކްލަބްތަކުގެ އަގު ސަޕޯޓަރުންގެ ކުރިމަތީ ބޮޑުވެ، ފުޓްބޯޅައަށް އޮތް ލޯތްބާއި ޝައުޤު އިތުރުވެގެންދާނެއެވެ. ފޯރިގަދަކޮށް ފެށި ރާއްޖޭގެ ސީޒަންގެ ފޯރި އިތުރަށް ގަދަވުމުގެ ފުރުޞަތު ބޮޑެވެ.

" ކްލަބް ފުޓްބޯޅައިގެ ފޯރި ގަދަވެ، ކްލަބްތައް ވަރުގަދަކޮށްފައި މިވާ ދަނޑިވަޅުގައި ޓީސީ މިހޯދި ކާމިޔާބީއަކީ ދިވެހި ފުޓްބޯޅައަށް ހެޔޮ ފާލެއް. ޚާއްޞަކޮށް ކްލަބް ފުޓްބޯޅައަށް ވަރަށބޮޑު ރަނގަޅެއް. ކްލަބްތައް އަޑިއަޅާލާ، ކްލަބްތަކަށް ގެއްލިފައި އޮތް ރެސްޕެކްޓް ލިބިގެންދާނެކަމަށް ޤަބޫލުކުރެވެނީ. ރާއްޖޭގެ ކްލަބެއް ގޮސް އެކަހަލަ މުބާރާތެއް ކާމިޔާބުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. " ކްލަބް ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާ، ޤައުމީ ޓީމާއެކު ރަން މެޑަލް ހޯދުމަށްފަހު މިއަހަރު ގްރީން ސްޓްރީޓަށް އިރުޝާދުދެމުންދާ ޞަބާހު މުޙައްމަދު ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14886108284109.jpg| ޓީސީ ހޯދި ކާމިޔާބުން ސަޕޯޓަރުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑު: ފޮޓޯ-ޕީއެސްއެމް

ޓީސީގެ ކާމިޔާބީއާއެކު ދިވެހި ކޯޗުންނާއި، ޒުވާން ކުޅުންތެރިންނަށް ކުރެވޭ އިތުބާރުވެސް ބޮޑުވެގެންދާނެއެވެ. ޓީސީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނީވެސް ކޯޗު މުޙައްމަދު ނިޒާމެވެ. މިދިޔަ ދެ އަހަރު ދިވެހި ލީގުގެ ދެވަނަ ޓީސީއަށް ހޯދައިދީ، މިދިޔަ އަހަރު ޕްރެޒިޑެންޓްކަޕާއި، އެފްއޭކަޕް ފައިނަލްގައި ޓީސީ ގޮވައިގެން ނިކުތީ ނިޒާމެވެ. ތައްޓެއް ނުލިބުނަސް ޓީސީގެ މެނޭޖްމަންޓްގެ އިތުބާރު ފުރިހަމައަށް ނިޒާމަށް އޮތެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗަށް އެއިތުބާރު ކުރިމުގެ ނަތީޖާއަކީ މިއަހަރު ލިބުނު ފުރަތަމަ ފުރުޞަތުގެ ބޭނުން ހިފައި ދިވެހި ކޯޗުންގެ އިތުބާރުވެސް ހޯދާ ދަމަހައްޓައި ދިނީއެވެ. ދިވެހި ކޯޗުންގެވެސް ކޮލިޓީ ހުރިކަން ނިޒާމް ސާބިތުކޮށްދީފިއެވެ.

ޓީސީގެ މުޅި ޓީމަށް ބަލާއިރުވެސް ވުޒާން ކުޅުންތެރިންތަކެއް ހިމެނެއެވެ. ނާއިޒު ހަސަންއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގެވެ. އިބްރާހީމް ވަހީދަކީ އަރަމުން އަންނަ އުއްމީދީ ކުޅުންތެރިއެކެވެ. ފޭދޫ ޓީމުން ގެނައި އިބްރާހީ މަހުދީ ފުރަތަމަ މުބާރާތުންވެސް ދައްކައިދިނީ ރާއްޖޭގެ އަތޮޅު ތަކުގައި ހުނަރު އޮތް މިންވަރެވެ. އޭނާއަކީ ޤައުމީ ފުޓްބޯޅަ ޓީމްގެ މުޙިންމު ކުޅުންތެރިއަކަށް ވެވިދާނެ ކުޅުންތެރިއެއްކަން ސާބިތުކޮށްދިނެވެ. އަބުދުﷲ ހަނީފާއި، މުޙައްމަދު އައްޒާމްފަދަ ކުޅުންތެރިންވެސް ސާބިތުކޮށްދިނީ ޤައުމީ ސްކޮޑުގައި ނުހިމެނޭ ކޮލިޓީ ހުރި ކިތަންމެ ކުޅުންތެރިންނެއް ތިބިކަމެވެ. އެކުޅުންތެރިންނަށް ފުރުޞަތާއި އިރުޝާދު ލިބުމުން ފުޓްބޯޅައިން ޤައުމު ހިނިތުންވުން ކުރެވިދާނެކަމެވެ. މިހުރިހާކަމަކުންވެސް ދިވެހި ފުޓްބޯޅައަށް އޮތް އުފާވެރިކަން ބޮޑެވެ.

img:http://s4.psmnews.mv/images/660x400/14886108610894.jpg|ސަޕޯޓަރުންގެ އަދަދު އިތުރުކުރުމަށް ޓީސީގެ ކާމިޔާބީ އެހީވެދޭނެ: ފޮޓޯ-ޕީއެސްއެމް

" ފުޓްބޯޅައިގެ ހައިޕް ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގައި މިކަހަލަ ކާމިޔާބީއެއް ކްލަބަކުން ހޯދީމަ ސަޕޯޓަރުންނަށްވެސް ހިތްވަރު ލިބޭނެ. ދިވެހި ފުޓްބޯޅައަށް ކުރާ އިތުބާރާއި، އުއްމީދު ބޮޑުވާނެ. ޝައުޤު އިތުރުވެ، ދަނޑަށްދާ މީހުންގެ އަދަދު އިތުރުވާނެ. މިއަހަރުގެ ސީޒަން މާބޮޑަށްވެސް ފޯރިގަދަވާނެ މީގެ ސަބަބުން " ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިއީއެވެ.

މިއީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ޓީސީ ހޯދި ފުރަތަމަ ތައްޓެވެ. އެތަށި ވެގެން މިދިޔައީ ބޭރުގެ މުބާރާތަކުން ރާއްޖޭގެ ކްލަބެއް ހޯދި ފުރަތަމަ ތާރީޚީ ތައްޓަށެވެ. އުމުރުން ހަގު، ފުރަތަމަ ޑިވިޝަންގެ ތިން ވަނަ އަހަރު ފަށާފައިވާ ޓީސީން ދިވެހި ފުޓްބޯޅައަށް މިދިނީ އަގުބޮޑު ހަދިޔާއެކެވެ.