ކުޅިވަރު

ވިކްޓްރީ ބަލިކޮށް، ނިއުރޭޑިއަންޓަށް ރަނގަޅު ފެށުމެއް


އާސީޒަނަށް ބޮޑު ހޭދައެއްކޮށް ވަރުގަދަކުރި ނިއުރޭޑިއަންޓް ސީޒަންގެ ފުރަތަމަ މެޗުގައި ވާދަވެރި ވިކްޓްރީގެ މައްޗަށް ކުރި ހޯދާ ފެށުން ރަނގަޅުކޮށްފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ ވިކްޓްރީގެ މައްޗަށް ވާދަވެރި ނިއުރޭޑިއަންޓް މިރޭ ކުރި ހޯދީ 3-1 ނެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ މެދުތެރެއަށް ކުޅުނު އަކްރަމް އަބުދުލްޣަނީއެވެ. އޭނާ ވިކްޓްރީގެ ގޯލް ހުޅުވާލީ ޑީ އޭރިޔާގެ ބޭރުން ތިރިތިރިން ފޮނުވާލި ބޯޅަ ގޯލްގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. ނިއުގެ ދެވަނަ ލަނޑު ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކުރީ ބިދޭސީ ފޯވާޑް ގިލާޑޯ އެޑްރިއަންއެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ އަލީ ފާސިރު (ސެންޓޭ) ނެގި ކޯނަރު އޭރިޔާ ތެރޭގައި ހުރެ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެވަނަ ލަނޑު ޖެހީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ. 

ވިކްޓްރީގެ ހަމައެކެނި ލަނޑު ކެރިކް ޖެހީ ނިއުއިން ދެ ލަނޑު ޖަހާފައުވަނިކޮށް 83 ވަނަ މިނިޓްގައެވެ. މިސީޒަންގައި ވިކްޓްރީއަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި އޭނާ ލަނޑުޖެހީ އޭރިޔާތެރޭގައި ހުރެ ބޮލުންނެވެ. 

މެޗުގައި ލަނޑު ޖަހާނެ އެންމެ ގިނަ ފުރުޞަތު ލިބުނީ ދެ ލަނޑު ޖެހި އެޑްރިއަންއަށެވެ. ފުރަތަމަ ހާފްގައި އޭނާ ފޮނުވާލި ބޯޅަ ގޯލް ކުރިމަތިން ހުރަސްވެގެންދިޔައިރު، އަކްރަމް ލަނޑުގެ ކުރިން ސެންޓޭ މުޅިން ހުސްކޮށްލާފަ ދިން ބޯޅަ ގޯލްގެތެރެއަށް ފޮނުވާލުމުގެ ކުރިން ވިކްޓްރީ ކީޕަރު ދިފާއުކުރިއެވެ. ދެވަނަ ހާފްގައި އޭރިޔާ ބޭރުން ފޮނުވާލި ބޯޅަވެސް ދިފާއުކުރީ ވިކްޓްރީގެ ސީރިޔާ ކީޕަރެވެ. އޭގެ ފަހުންވެސް ސެންޓޭ ދިން ރީތި ބޯޅައެއް އެޑްރިއަން ފޮނުވާލުމުން ދިޔައީ ގޯލްގެ މަތީ ކަނާ ދިމާލުން ކުޑަތަންކޮޅެއް ބޭރަށެވެ. އޭރު ކީޕަރުވެސް ހުރީ ކުރިއަށް ނިކުމެއެވެ. ވިކްޓްރީ ހާފްގެ މެދާ ހިސާބުން އޭނާ ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ހަމަލާ 10 ވަނަ މިނިޓްގައި ފޮނުވާލީ ސެންޓޭއެވެ. އޭރިޔާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ މަތަކުރީ ވިކްޓްރީގެ ކީޕަރެވެ. އޭގެ ފަހުން އޭރިޔާ ތެރެއަށްވަދެ ދެ ކުޅުންތެރިން ގައިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒެއް ނުވިއެވެ. 

img:http://s3.psmnews.mv/images/660x400/14885660435763.jpg|މެޗަށްފަހު ނިއުގެ ކުޅުންތެރިން ސަޕޯޓަރުންނާއެކު އުފާ ފާޅުކުރަނީ: ފޮޓޯ-ޕީއެސްއެމް

ވިކްޓްރީގެ އަދުހަމްއަށް ނިއުގެ ޑިފެންޑަރ ފާރޫޤް ފައުލްކުރުމުން އޭރިޔާ ބޭރުން ރެފްރީ ދިން ޖެހުން ރިލްވާން ވަހީދު ފޮނުވާލުމުން އަމާޒުވީ ގޯލްގެ ކަނާދިމާލުން ދަނޑިއަށެވެ. ދެވަނަ ހާފްގައި ހަސަން އަދުހަމް (ސަޑޭ) އަށްވެސް މުޅިން ހުސް ފުރުޞަތެއް ލިބި ބޭކާރުވިއެވެ. 

މެޗުގައި ވިކްޓްރީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ކުރީކޮޅު ބަލްގޭރިޔާގެ އިސްކޮޅުން ދިގު ޑިފެންޑަރ ވެލިޗްކޯއަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. މިިދޔަ އަހަރު ނިއުއަށް ކުޅުނު ޑިފެންޑަރ ކުޅެން އެރީވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއްގަ ހުރެއެވެ.

މާލޭ ލީގު ފުރަތަމަ ބުރުގައި މާދަމާ ހަވީރު ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއި ކްލަބް އީގަލްސްއެވެ. މިއީ ޔުނައިޓެޑް ވިކްޓްރީ މިސީޒަންގައި ކުޅޭ ފުރަތަމަ މެޗެވެ. އީގަލްސް ވަނީ ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވެފައެވެ.