ވިޔަފާރި

މިދިޔަ އަހަރު 2.14 ބިލިއަން ޑޮލަރުގެ ޢާމްދަނީ ޓޫރިޒަމުން ލިބުނު !


ޓޫރިޒަމް ސިނާޢަތަކީ މައިގަނޑުގޮތެއްގައި ރާއްޖޭގެ އިޤްތިޞާދު އޭގެމައްޗަށް ބިނާވެފައިވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ. މި ސިނާޢަތު އިތުރަށް ކުރިއަރުވައި ފުޅާކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

މިދިޔަ އަހަރު ކުރިމަތިވި ހުރަސްތަކާއިއެކުވެސް ޓޫރިޒަމް ސިނާއަތުން ވަނީ، 2.14 ބިލިއަން ޑޮލަރުގެ ޢާމްދަނީއެއް ހޯދާފައެވެ. 

މިއީ 2015ވަނަ އަހަރު ޓޫރިޒަމް ސިނާޢަތަށް ލިބުނު ޢާމްދަނީއަށްވުރެ 87.8 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. މިދިޔަ އަހަރު ޓޫރިޒަމް ސިނާއަތަށް ޢާމްދަނީގެ ގޮތުގައި 2.23 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މި ސިނާޢަތަށް މިދިޔަ އަހަރު ލިބުނު ޢާމްދަނީ ހިސާބުކޮށްފައިވަނީ، އެމުއްދަތުގައި ޓޫރިޒަމް ސިނާއަތުގެ ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު ޢާމްދަނީ އަސްލަށް ބަލައިގެންނެވެ. 

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔައަހަރު ޓޫރިޒަމް ސިނާޢަތުގެ ޖީއެސްޓީގެ ގޮތުގައި 256.9 މިލިއަން ޑޮލަރު ލިބިފަވެއެވެ. މިއީ 2015 ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ޢާމްދަނީއަށްވުރެ 10.5 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު 2015ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ، 267.5 މިލިއަން ޑޮލަރެވެ.

2016ވަނަ އަހަރު ޓޫރިޒަމް ސިނާއަތަށް ލިބުނު ޢާމްދަނީ، 2.14 ބިލިއަން ޑޮލަރަށް ދަށަށްގޮސްފައިވާއިރު، އެ އަހަރުގެ ތެރޭގައި ޓޫރިޒަމް ސިނާޢަތަށް ވަނީ އެތައް ހުރަސްތަކަކާއި ކުރިމަތިވެފައެވެ. 

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިގޮތުގައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޔޫރަޕްގެ މުހިއްމު މާކެޓްތަކަށް މިދިޔަ އަހަރު ވަނީ ބައެއް މައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ. 

މީގެ ތެރޭގައި ޓެރަރިޒަމްގެ މައްސަލަތަކާއި، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާގުޅިގެން އެސަރަޙައްދުގެ ޤައުމުތަކުގެ އިޤްތިޞާދަށް ކުރިމަތިވި މައްސަލަތައް ފަދަ ކަންތައްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މެދުއިރުމަތީގެ މައްސަލަތަކުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ބައެއް ފަރާތްތަކުން ކުރި ކެމްޕެއިންތަކުގެ ސަބަބުން އެކަމުގެ އަސަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކޮށްފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއަށް މިދިޔަ އަހަރުވަނީ އެކެއް ޕޮއިންޓް ދޭއް އަށެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް ސިނާއަތަށް ލިބޭ ޢާމްދަނީ އިތުރުކޮށް، އެސިނާޢަތުގެ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

މީގެ ތެރެއިން އެންމެބޮޑަށް ފާހަގަކޮށްލެވެނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް މިހާރު ކުރިއަށްދާ ބިޔަ މަޝްރޫޢާއި، އިތުރު ރިސޯޓުތައް މާކެޓަށް ނެރުއްވުމަށް އަމިއްލަ ފަރާތްތަކާއިއެކު ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކެވެ. ޓޫރިޒަމް ސިނާއަތް ފުޅާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އަހަރަކު މަދުވެގެން 11 ރިސޯޓް މާކެޓަށް ނެރުއްވުމަށް ވަނީ އަމާޒް ހިފާފައިެވެ. މިގޮތުން މިއަހަރުގެ ތެރޭގައި 20 ރިސޯޓް ހުޅުވާނޭކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް 2018ވަނަ އަހަރު ނިމުމުން، އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތްދެވޭނެކަމަށެވެ. މިއާއެކު ފަތުރުވެރިކަމުގެ ސިނާޢަތުން އަހަރެއްގެ މައްޗަށް މިހާރު ލިބެމުން އަންނަ 2 ބިލިއަން ޑޮލަރުގެ ޢާމްދަނީ، 8 ބިލިއަން ޑޮލަރަށް އިތުރުވާނޭކަމަށް ސަރުކާރުން ލަފާކުރައްވައެވެ.