ކުޅިވަރު

ޓީސީ ބޭރު މުބާރާތެއް ކާމިޔާބުކޮށް ތާރީޚްގެ ތެރެއަށް


ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކަޕްގައި ވަރަށް ހިތްވަރުކޮށް، މޮޅަށް ކުޅެ ރާއްޖޭގެ ޓީސީ ތާރީޚުން ޖާގަ ހޯދާ ރާއްޖޭގެ ފުޓްބޯޅައަށް ދިރުން ގެނެސް ދީފިއެވެ. 

 ބަނގްލަދޭޝްގައި މިރޭ ނިމުނު ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކަޕް ޓީސީ ކާމިޔާބުކުރީ ފައިނަލްގައި ކޮރެއާގެ ޕޮޗެއަންގ ސިޓިޒެން ކްލަބާ ވާދަކޮށް މެޗުގެ 90 މިނިޓް ހަމަވިއިރު ދެޓީމް 2-2 ން އެއްވަރުވުމުން ކުޅުނު 15 މިނިޓްގެ ދެހާފްގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 ން ކުރި ހޯދައިގެންނެވެ.

ޓީސީން ޖެހި ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. ޓީސީގެ ޕެނަލްޓީތައް ކާމިޔާބުކުރީ ބިދޭސީ ޑިފެންޑަރާއި، ނާއިޒު ހަސަންއާއި، ކުރީގެ ކެޕްޓަން ޔާމީންއާއި، ގޯލްޑް ކެޕްޓަން އަސްއަދުގެ ދަރި އަރަޝްއެވެ. 

ކޮރެއާ ޓީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ނޭޕާލްގެ ޤައުމީ ކީޕަރު ވަނީ ދެ ޕެނަލްޓީ މަތަކޮށް ޓީސީއަށް އިތުބާރު ހޯދައިދީ ރާއްޖޭގައި ކުޅުނު ފުރަތަމަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. 

img:http://s1.psmnews.mv/images/660x400/14885559909811.jpg|ޗެމްޕިއަން ޓީސީ ތައްޓާއެކު އުފާފާޅުކުރަނީ: ފޮޓޯ- ޓީވީ ސްކްރީން

މެޗުގެ 90 މިނިޓްގެ ތެރޭގައި ފުރަތަމަ ލަނޑު ޖަހާ ޓީސީއަށް ކުރި ހޯދައިދިނީ މިސީޒަންގައި ނިއުއިން ގެންދިޔަ އަބުދުﷲ ހަނީފެވެ. 18 ވަނަ މިނިޓްގައި ބެންޖޯ ލަނޑު ޖެހީ ނެގި ކޯނަރެއް ބޮލުން ޖަހާ، ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ. އޭގެކުރިން މެޗުގެ 6 ވަނަ މިނިޓްގައި އޭރިއާ ބޭރުން އިބްރާހީމް މަހުދީ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ. ޓީސީގެ ލަނޑުގެ ފަހުންވެސް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އިބްރާހީމް މަހުދީއަށެވެ. ގޯލް އޭރިޔާތެރެއަށް ވަދެ ފޮނުވާލަން އުޅުނު ބޯޅަ ސަލާމަތްކުރީ ކޮރެއާ ޓީމްގެ ކީޕަރެވެ. 

ކޮރެއާ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަަ ހާފް ނިމެން މިނިޓަކަށް ވެފައިވަނިކޮށެވެ. ޖެން ޔޮންގ ނަތީޖާ ހަމަހަމަކޮށްދިނީ ކޯނަރަކުން އޭރިޔާތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. ކޮރެއާ ޓީމުން މެޗުގެ ލީޑް ހޯދީ 54 ވަނަ މިނިޓްގައި ޕާރކް ސެއުންގ ނެގި ކޯނަރު ގޯލްގެތެރެއަށް ވަދެގެންނެވެ. އެބޯޅަ ގޯލްގެތެރެއަށް ވަނީ ޓީސީގެ ފައްރާހު ބޮލުގަ ޖެހިފައެވެ.

އޭގެފަހުން 65 ވަނަ މިނިޓްގައި ކޮރެއާ ކުޅުންތެރިން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ދެފަހަރެއްގެ މަތީން ގޯލަށް ފޮނުވާލި ބާރު ދެބޯޅަ މަތަވީ ޓީސީގެ ކުޅުންތެރިން ގައިގަ ޖެހިފައެވެ.

ޓީސީއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ މުޙައްމަދު އައްޒާމެވެ. އޭނާ ލަނޑުޖެހީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލްގެތެރެއަށް ވައްދާލައިގެންނެވެ. ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގެ 10 ވަނަ މިނިޓްގައ ކޮރެއާ ކުޅުންތެރިން ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވާ ރޮނގުމަތިންވެސް އައްޒާމް ވަނީ ދިފާއުކޮށްފައެވެ. 

ޓީސީ ވަނީ ގްރޫޕް ސްޓޭޖްގައި ދެ މެދުން މޮޅުވެ، އެއް މެޗުން އެއްވަރުކޮށް 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ސެމީފައިނަލް މެޗު ކާމިޔާބުކޮށް ފައިނަލަށް ދިއުމުން ޓީސީން މުބާރާތް ކާމިޔާބުކުރާނެކަމާމެދު ކުރާ އުއްމީދު ބޮޑުވިއެވެ.  މިދިޔަ ސީޒަންގައި އެފްއޭކަޕާއި، ޕްރެޒިޑެންޓްކަޕް ފައިނަލްގައިވެސް ވާދަކޮށް ނާކާމިޔާބުވެ، އަދި ލީގުގެވެސް ދެވަނަ ހޯދި ޓީސީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވިފަހުން ތައްޓަކަށް ކުރަމުން އައި އުއްމީދުވެސް ވަނީ ހާޞިލްވެފައެވެ.

މިދިޔަ ދެ އަހަރުވެސް ޓީސީއަށް އިރުޝާދުދިނީ ކޯޗު މުޙައްމަދު ނިޒާމެވެ. ފުރަތަމަ ޑިވިޝަނަށް ޓީސީ ކޮލިފައިކޮށްދިނީވެސް ނިޒާމެވެ. ބޭރު މުބާރާތެއްގައި ރާއްޖޭގެ ކްލަބަކަށް ފުރަތަމަ ތަށި ހޯދައިމިދިނީވެސް ޓީސީއާއެކު މުޙައްމަދު ނިޒާމެވެ. އޭނާއަކީ އެފްއޭއެމްއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗެވެ.