ޚަބަރު

ރައީސްގެ އަނބިކަނބަލުން ހުވަދު އަތޮޅު އުތުރުބުރިއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫއާއި ނިލަންދޫއަށް ވަޑައިގެން އެރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚައްސަ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކާއި ބައްދަލުކުރައްވައި އެފަރާތްތަކުގެ ހާލު ބައްލަވައިފިއެވެ.

ގއ އަތޮޅުގައި ބައެއް ރަށްތަކަށް ފާތިމަތު އިބްރާހިމް ކުރައްވާ މި ދަތުރުފުޅަކީ "އެންމެ ގާތުން" ނަމުގައި އެކަމަނާ ފަށްޓަވާފައިވާ ކެމްޕެއިންގެ ދަށުން ކުރައްވާ  ދަތުރުފުޅެކެވެ.

މުޖުތަމަޢުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ މިހުންނާއި، އިޖްތިމާޢީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ އެހީތެރިވެދެއްވުމުގެ ގޮތުން "އެންމެ ގާތުން" މިނަމުގައި ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާއީމް ފައްޓަވާފައިވާ ކެމްޕެއިނަކީ މީގެ ދެމަހެއްހާ ދުވަސްކުރިން ފެއްޓެވި ކެމްޕެއިނެކެވެ.

މިކެމްޕެއިންގެ ދަށުން ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ. އަދި މި ދަތުރުތަކުގައި އެރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ބައްދަލަކުރައްވާ އެ ފަރާތްތަކުގެ ހާލު ބައްލަވާ ހައްދަވައެވެ.

މި ކެމްޕެއިންގެ ދަށުން ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިއަދުވަނީ ހުވަދުއަތޮޅު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައެވެ.

މިދަތުރުފުޅުގައި އެކަމަނާ އެންމެ ފުރަތަމަ ވަޑައިގަތީ ގއ. މާމެންދޫއަށެވެ. އެކަމަނާ އެރަށަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ މީހުން ނުކުމެ އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ފާތިމަތު އިބްރާހިމް މާމެންދޫއަށް ވަޑައިގެން އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ސިއްޙީއެކިއެކި ބަލިތަކަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި ބައްދަލުކުރައްވައި އެމީހުންގެ ހާލުބައްލަވާފައިވެއެވެ.

މާމެންދޫއަށް ފަހު ރައީސްގެ އަނބިކަނބަލުން ދެން ވަޑައިގަތީ އެއަތޮޅު ނިލަންދޫއަށެވެ. އެރަށުންވެސް އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެރަށަށް ވަޑައިގެން އެކަމަނާވަނީ އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބައްދަލުކުރައްވާ އެމީހުންގެ ހާލު ބައްލަވާލައްވާފައެވެ.

ރައީސްގެ އަނބިކަބަލުންގެ މި މިދަތުރުފުޅާއި ގުޅޭ މައުލޫމާތު ދެއްވަމުން ރައީސް ޔާމީން 2018 ކެމްޕެއިން އޮފީހުގެ ފަރާތުން އަދްލީ އިސްމާއީލް ވިދާޅުވީ، ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަކީ ވަރަށް ގިނަ އިޖްތިމާޢީ ހަރަކާތްތަކެއް ހިންގަވާ ކަނބަލެއްކަމަށެވެ. އަދި އެކަމަނާ ބޭނުންފުޅުވަނީ އަތޮޅުތަކުގައި ތިބި ބޭނުންޖެހިފައިވާ ފަރާތްތަކަށް ވީހާވެސް ގާތުން އެހީ ފޯރުކޮށްދެއްވުމަށްކަމަށެވެ.

އަދްލީ ވިދާޅުވީ އެޑްވާންސް ޓީމްތައް އެކި ރަށްރަށަށް ގޮސް އެހީތެރިކަން ބޭނުންވާ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށާއި އެމީހުންނަށް ރައީސްގެ އަނބިކަނބަލުން އަމިއްލަފުޅު ގޮތުންނާއި، ކަމާގުޅުހުރި އިދާރާތަށް މެދުވެރިކުރައްވާ އެހީތެރިކަން ދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

ބައެއް އާއްމުން ބުނީ، ރައީސްގެ އަނބިކަނބަލުން އެރަށް ރަށަށް ވަޑައިގެން އެމީހުންގެ ހާލު ކައިރިން ބައްލަވާ އެހީތެރކަން ފޯރުކޮށްދެއްވުމަކީ ލިބޭ އުފަލެއްކަމަށެވެ.

ރައީސްގެ އަނބިކަނބަލުން ގއ އޮތަޅަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންންނާއި، ސިއްޚީ މަރުކަޒުތަކުގެ މުއައްޒަފުންނާއިވެސް ބައްދަލުކުރައްވާފައިވެއެވެ. މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށްރަށުން ވާދަކުރައްވާ ކެނޑިޑޭޓުންނާއިވެސް ބައްދަލުކުރެއްވިއެވެ.