ޚަބަރު

މީޑިއާ ކައުންސިލުން ނެރުނު ބަޔާނާމެދު ކަންބޮޑުވޭ- ޑރ.ޚަލީލް


މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިންކަމަށް ބުނެ، ދެމީހަކު ފ. އަތޮޅު ނިލަންދުއަށް ކުރި ދަތުރެއްގައި އެ ދެފަރާތަށް އެރަށުން ނުރައްކާތެރި ޚާދިސާއެއް ކުރިމަތިވީކަމަށް ބުނެ، މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނާމެދު ކަނބޮޑުވާކަމަށް ރައްޔިތުން މަޖިލީހުގެ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ފ. އަތޮޅުގައި ފެށްޓެވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ އިޤްތިޞާދީ ބޮޑު މަޝްރޫޢަކާ ބެހޭގޮތުން އެއަތޮޅުގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ކަމަށް ބުނެ، މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިންކަމަށް ބުނެ ފ. ނިލަންދުއަށް ކުރި ދަތުރުގައި އެ ދެފަރާތްތަކަށް ނުރައްކާތެރި ޙާދިސާތަކެއް ކުރިމަތިކުރުވިކަމަށް ފާހަގަކޮށް މީޑިއާ ކައުންސިލުން ނެރުނު ބަޔާނާ ބެހޭގޮތުން ރައްޔިތުން މަޖިލީހުގެ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މީޑިއާ ކައުންސިލުގެ އެ ބަޔާނަކީ ކަން ހިނގިގޮތް ރަނގަޅަށް ނުބަލައި ނެރެފައިވާ ނޫސްބަޔާނެއްކަމަށެވެ. އަދި އެބަޔާން ނެރެފައިވަނީ އެއްފަރާތަކުން އިއްވާފައިވާ ދޮގު މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.

މީޑިއާކައުންސިލްގެ މި ބަޔާނުގެ ސަބަބުން ނިލަންދޫގެ ރައްޔިތުންގެ މެދުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާކަން ބަޔާންކުރައްވަމުން، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއީ ޚިޔާލީ ކަންތައްތަކެއްގެ މައްޗަށް ނިލަންދޫ ރައްޔިތުން ބަދުނާމުކުރުމުގެ ނިޔަތުގައި ނެރުއްވާފައިވާ ބަޔާނެއްކަމަށެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިންކަމަށް ބުނެ، ދެ ފަރާތެއް ފ. އަތޮޅު ނިލަންދުއަށް ކުރި ދަތުރުގައި މީހުންނާ ބައްދަލުކުރުމުގެ ތެރޭގައި އެމީހުންނަކީ ނޫސްވެރިންކަން ކަށަވަރުކުރާނީ ކިހިނެތްތޯ ސުވާލުކުރުމުން އެމީހުނަށް ނޫސްވެރިންކަން އަންގައިދޭ އެއްވެސް ލިއުމެއް ދެއްކިފައިނުވާކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެމީހުންގެ ވާހަކަތައް ބައްޓަންކޮށްފައިވަނީ ވަކިކަހަލަ ކަމެއް ޙާސިލްކުރުމަށް ކަމަށާއި، ރައީސް ޔާމިން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގެނެސްދެއްވާ ތަރައްޤީއާ ދެކޮޅު ފިކުރުތަކަށް ބާރުލިބޭ ގޮތަށް ވާހަކަނުދެއްކުމަށް އެތައް ބަޔަކު ތަކުރާރުކޮށް އެދުން ފިޔަވައި އެމީހުންނާ ދިމާކުރުމުގެ ގޮތުން ނިލަންދޫގެ ރައްޔިތަކު އެއްވެސް ބަހެއް ބުނެފައިނުވާކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުން ފ. އަތޮޅަށް ގެންނަވަން ތައްޔާރުވެވަޑައިގަންނަވާ ބިޔަ މަޝްރޫޢަށް އިދިކޮޅު ފަރާތްތަކުން އެކި ސިފަސިފައިގައި ފާޑުކިޔަމުންދާއިރު، އެ މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރައްވަންޖެހޭ ހިސާބުން ޢާއްމުކުރައްވާނޭކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.