ކުޅިވަރު

ތުނޑިއާއި ގަން، ބަށި މުބާރާތުގެ ފައިނަލާ ގާތަށް


ފަސްޑްލޭޑީ ބަށިބޯޅަ ޗެންޕިއަންޝިޕްގައި ލ.އަތޮޅުގެ ތުނޑިއާއި، ގަން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. 

ބަށި ބޯޅަ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފަސްޑް ލޭޑީ ބަށި ބޯޅަ ޗެންޕިއަންޝިޕްގެ ލ.އަތޮޅުގެ ފުރަތަމަ މެޗް އެއަތޮޅު ގަން ކާމިޔާބުކުރީ ފޮނަދޫ ބަށި ޓީމާ ވާދަކޮށް 5 ލަނޑުގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ދެ އިނިންގްސް ނިމުނުއިރު، ގަމް ޓީމުން ވަނީ 14 ލަނޑު ހަދާފައެވެ. އަދި ދެ އިނިންގްސް ނިމުނުއިރު ފޮނަދޫ ޓީމަށް ހެދުނީ 9 ލަނޑު، 8 ފޯއްޔެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ގަމް ބަށި ޓީމްގެ އައިޝަތު ލުބުނާއެވެ.

މިމުބާރާތުގައި މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުވެސް ގަމް ޓީމް ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗް ގަމް ޓީމް ކާމިޔާބުކުރީ މުންޑޫ ޓީމާ ވާދަކޮށް 6 ލަނޑުގެ ތަފާތުންނެވެ. މެޗްގެ  ދެ އިނިންގްސް ނިމުނުއިރު، ގަމް ޓީމުން ވަނީ 16 ލަނޑާއި، 5 ފޯލި ހަދާފައެވެ. މުންޑޫ ޓީމަށް ހެދިފައިވަނީ 10 ލަނޑާއި، 6 ފޯއްޔެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ގަމް ޓީމްގެ އައިޝަތު ލުބްނާއެވެ.

ލ.އަތޮޅުގެ ދެވަނަ މެޗް ކާމިޔާބުކުރީ ތުނޑި ޓީމެވެ. މުންޑޫއާ ވާދަކޮށް ތުނޑި މެޗު ކާމިޔާބުކުރީ 5 ލަނޑު 5 ފޯލީގެ ތަފާތުންނެވެ. މެޗްގެ ދެ އިނިންގްސް ނިމުނުއިރު، މުންޑޫ ޓީމަށް ހެދުނީ 10 ލަނޑު، 6 ފޯއްޔެވެ. ތުނޑި ޓީމުން ވަނީ 15 ލަނޑާއި، 11 ފޯލި ހަދާ މެޗު ކާމިޔާބުކޮށްފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ތުނޑި ޓީމްގެ ހަފީޒާ އަލީއެވެ. މިދެ މެޗުވެސް ކުޅެފައިވަނީ އިއްޔެ ހަވީރުއެވެ.

img:http://s2.psmnews.mv/images/660x400/14885264652361.jpg|ފަސްޑްލޭޑީ ބަށިބޯޅަ ޗެންޕިއަންޝިޕްގައި ލ.އަތޮޅު މުބާރާތުގެ ތެރެއިން (ފޮޓޯ: އެންބީއޭ)

މިމުބާރާތުގައި މިއަދު ހެދުނު ކުޅުނު ދެ ވަނަ މެޗުވެސް ކާމިޔާބުކުރީ ތުނޑި ޓީމުންނެވެ.  މެޗްގެ 2 އިނިންގްސް ނިމުނުއިރު، ފޮނަދޫ ޓީމަށް  ހެދުނީ 12 ލަނޑާއި، 11 ފޯއްޔެވެ. މެޗު ކާމިޔާބުކުރި ތުނޑި ޓީމުން ވަނީ 13 ލަނޑު، 3 ފޯލި ހަދާފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ތުނޑި ޓީމްގެ އާމިނަތު ހުސެއިންއެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ގަމާއި ތުނޑިއެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ ފޮނަދޫއާއި މުންޑޫއެވެ.