ކުޅިވަރު

ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ސްކޮޑް ފައިނަލްކޮށްފި


މިއަހަރުގެ މޭމަހު ކޮރެއާގައި އޮންނަ އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމްގެ ސްކޮޑް ފައިނަލްކޮށްފިއެވެ.

މުބާރާތަށް ކޮރެއާއަށްދާ ސްކޮޑްގައި ހިމަނާފައިވަނީ 16 ކުޅުންތެރިންނެވެ. އައިމިނަތު ހަލީމް (ދިލް)ގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ކުރަމުން އައި ސްކޮޑް 16 އަށް މަދުކުރީ ސްކޮޑް ފައިނަލްކުރުމަށް ރޭ ބޭއްވި ބައްދަލުވުމެއްގައެވެ. ޖެނުއަރީ މަހުން ފެށިގެން ޓީމް ފަރިތަކުރަމުން އައިސްފައިވަނީ 23 ކުޅުންތެރިންނާއެކުގައެވެ.

ކޯޗު އައިމިނަތު ހަލީމްއާއި، އެސިސްޓެންޓް ކޯޗު އައިޝަތު ލޫނާ މޫސާއާއެކު ނެޓްބޯޅަ އެސޯސިއޭޝަނުން ވަނީ ރޭ އެއްބަސްވުމުގައި ސޮއިކޮށް، ކޯޗުންގެ ގޮތުގައި ރަސްމީކޮށް ހަމަޖައްސާފައެވެ.

ޓީމް ފައިނަލްކުރުމަށްފަހު ލޫނާ ބުނީ ޓީމް ފައިނަލް ކުރުމުގައި މައިގަނޑު ތިންކަމަކަށް ބެލިކަމަށެވެ. އަދި މިހާރު ތިބި ކުޅުންތެރިންވެސް ފަރުވާކުޑަވެ، ނުވަތަ ޕާފޯމް ނުކުރެވިއްޖެ ނަމަ މުބާރާތަށް ދިއުމުގެ ކުރިން ސްކޮޑުން އުނިކޮށް އެހެން ކުޅުންތެރިންނަށް ފުރުޞަތު ދޭނެކަމަށެވެ.

" ޓީމް ފައިނަލްކުރުމުގައި ކޯޗުމެން ބެލީ މަިއގަނޑު ތިންކަމަކަށް. އެއީ އެޓެންޑެންސް، ކޮލިޓީ، އަދި ޑިސިޕްލިންގ. ވަރަށް މޮޅު ކުޅުއްޖަކުވެސް ޑިސިޕްލިންގ ނެތިއްޔާ ޓީމުން ބާލީވެދާނެ " ކުޅުންތެރިންނާ މުޚާތަބުކޮށް ލޫނާ ބުންޏެވެ.

ކޮރެއާގައި މުބާރާތް އޮންނާ މޭމަހުގެ 6 ން 13 އަށެވެ. މުބާރާތުގައި ވާދަކުރާނީ 21 އަހަރުން ދަށުގެ ޓީމެވެ.