ޚަބަރު

2020ގެ ތަޢުލީމީ ހުރިހާ ލަނޑުދަޑިތަކެއް ގާތްގަނޑަކަށް ޙާޞިލްވެއްޖެ


ވިހިވިހީގެ ތަޢުލީމީ ހުރިހާ ލަނޑުދަޑިތަކެއް ގާތްގަނޑަކަށް ޙާޞިލްވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެސެސްމެންޓް އޮފް ލާރނިންގެ އައުޓްކަމްސްގެ ނަތީޖާ ޢާމުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ ތަޢުލީމީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ސަރުކާރުން ހޯއްދަވަމުން ގެންދަވާ ކަމަށެވެ. މިގޮތުން މިލީނިއަމް އަދި ސާސްކަފް ޑިވެލޮޕްމަންޓް ލަނޑުދަޑިތައް ޙާޞިލްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ދާއިރާއިން އިތުރު ކާމިޔާބީތައް ހޯއްދެއްވުމަށް ދުނިޔޭގެ ފެންވަރުގައި ނަން ހިނގާ އިމްތިޙާނުތަކުގައި ދިވެހި ދަރިވަރުން ބައިވެރިވުމުގެ ފުރުޞަތު ފަހިކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ގްރޭޑް 10 އަދި 12 ނިންމާ ދަރިވަރުން ހަދާ ކޭމްބްރިޖް އަދި އެޑެކްސެލް އިމްތިހާނުތަކުގެ އިތުރަށް ޕިސާ ފަދަ ދުނިޔޭގެ ފެންވަރުގައި ނަންހިގާ ޓެސްޓްތަކުގައި އަޅުގަނޑުމެން ދަރުވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހި ކުރުމުގެ މަސައްކަތް ކުރުމުގެ ވަގުތު ޖެހިއްޖެކަން އަޅުގަނޑު ގަބޫލުކުރަން. އެހެންކަމުން ވޯލްޑް ބޭންކްފަދަ އެހީދޭ ޖަމްޢިއްޔާތަކާއި އެކު އަޅުގަނޑުމެންގެ މުސްތަޤްބަލުގައި މަސައްކަތް ކުރާއިރު މިދާއިރާތަކުން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރަން" އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދުވެލި ދައްކައިދޭ އެންމެ މުހިންމު މިންގަނޑުތަކަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ ހޯދަމުން ގެންދާ ކާމީޔާބީތައް ކަމަށާއި އެގޮތުން މިދިޔަ އަހަރު ޘާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން 79 އިންސައްތަ ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެއީ ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނިމުނު އަހަރުގެ ޘާނަވީ އިމްތިޙާނުގެ ނަތީޖާއަށް ބަލާއިރު 79 އިންސައްތަ ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވެފައިވެއެވެ.

2015 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނު ރާއްޖޭގެ 5،110 ދަރިވަރުން ހަދާފައިވާއިރު، މީގެތެރެއިން 504 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ވަނައިގެ ތެރޭގައި ހިމެނިފައިވެއެވެ. އަދި މީގެތެރެއިން 40 ކުދިންނަކީ ދުނިޔޭގެ އެންމެމޮޅު 10 ވަނައިގެ ތެރޭގައި ހިމެނޭއިރު 5 ކުއްޖަކުވަނީ 4 މާއްދާއަކުން ދުނިޔޭގެ 1 ވަނައިގައިވެސް ހިމެނިފައެވެ.