ކުޅިވަރު

ވިކްޓްރީއާއި ނިއު، ސްޕެއިންގައި ނަމަ ރިއަލްއާއި ބާސާ


ވިކްޓްރީއަށް ނިސްބަތްވާ ވިކްޓްރީގެ އަލީ ސުޒޭން މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ބުނީ އަމާޒަކީ ނިއުރޭޑިއެންޓް ބަލިކުރުން ކަމުގައެވެ. އަދި މި ސީޒަންގައި އަލުން ވިކްޓްރީގެ ކޯޗުކަމާ ހަވާލުވުމަށްފަހުގައިވެސް ސުޒޭން ވަނީ އެ މޭރުމުން ވާހަކަދައްކާފައެވެ. ނިއުރޭޑިއަންޓާ އަރާ ހަމަކުރުން އެއީ ކުރަންޖެހޭ މަސައްކަތެއްކަމަށް ބުނެފައެވެ. ފުޓްބޯޅައިގެ ދަނޑުގައި އެންމެ ވާދަވެރި އަދި އެންމެ ސަޕޯޓަރުން ގިނަ ދެ ކްލަބަކީ ވިކްޓްރީ ސްޕޯޓްސް ކްލަބާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބޭ ބުނުމަކުން މުޅިން ދޮގޮކަށް ނުވާނެއެވެ. އަދި މި ދެ ޓީމުގެ ވާދަވެރިކަން އަބަދުވެސް މި ދެ ޓީމުގެ ކުރިމަތިލުންތަކުގައި އަންނަނީ ފެންނަމުންނެވެ. ދަނޑުމަތީގައި ދެޓީމު ބައްދަލުކުރާ މެޗްތަކުގައި އޮންނަ ވާދަވެރިކަމާއި، ތަށީގެ ގޮތުން އޮންނަ ވާދަވެރި ކަމުގެ އިތުރުން ސަޕޯޓަރުންގެ މެދުގައިވެސް ޒަމާނުއްސުރެ ވާދަވެރިކަން އޮވެއެވެ. މިދިޔަ ހަތަރު ފަސް އަހަރު އެވާދަވެރިކަން ފަނޑުވެގެންދިޔައީ ވިކްޓްރީގެ ސްކޮޑް މާބޮޑަށް ބަލިކަށިވުމުންނެވެ.

ދެޓީމްގެ ސްކޮޑްވެސް އަލުން ވަރުގަދަވުމުން އިހު އޮތް ވާދަވެރިކަން މިސީޒަންގައި ފެންނާނެކަމުގެ ހުރިހާ ނިޝާންތަކެއް ދަނީ ފެންނަމުންނެވެ. މިފަހަރު ދެ ޓީމުންވެސް ބޮޑު ހޭދައެއް ކޮށް، މާލޭ ލީގާ ކުރިމަތިލާއިރު އަނެއްކާވެސް ވިކްޓްރީގެ ކޯޗުކަމުގައި ސުޒޭން ހުރުމަކީ މި ސީޒަންގައި ނިއުރޭޑިއެންޓާ ވިކްޓްރީގެ ވާދަވެރިކަން އިތުރަށް ބޮޑުވެގެން ދާނެ ސަބަބެކެވެ. މި ސީޒަންގައި ވިކްޓްރީގެ ކޯޗުކަމާ ސުޒޭން ހަވާލުވުމަށްފަހު މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ގްރީން ސްޓްރީޓް އަތުން ބަލިވެފައެވެ. އެހެންނަމަވެސް ސުޒޭން ބުނީ އެއީ މައްސަލައެއް ނޫންކަމަށާއި، ޓީމުގެ ކުޅުން ކުރިއަށް އޮތްތާގައި އަންނާނީ ރަނގަޅު ވަމުން ކަމަށެވެ. މާލޭ ލީގުގައި މާދަމާރޭ ނިއުރޭޑިއެންޓްގެ ފުރަތަމަ މެޗުގައި ވިކްޓްރީއާ ދެކޮޅަށް ނުކުންނައިރު މިއީ ވިކްޓްރީގެ ދެވަނަ މެޗެވެ. ވިކްޓްރީގެ ފުރަތަމަ މެޗުން އެޓީމް ބަލިވެފައިވާތީ ނިއުއާ ދެކޮޅަށް ނިކުންނައިރު ކުރަން ޖެހޭ މަސައްކަތް އިތުރުވެ، ޕްރެޝަރވެސް އިހުނަށްވުރެ ބޮޑެވެ. މެޗްގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ ޓީމުގެ ފިޓްނަސް ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭކަން ފާޙަގަކޮށްފައެވެ. އަދި ޓީމުގައި މިހާރު ތިބި ކުޅުންތެރިންނާއެކު ނިއުރޭޑިއަންޓަށް ރަނގަޅު ޗެލެންޖެއް ދޭނެކަމުގެ ޔަޤީންކަން ސުޒޭން ވަނީ ސަޕޯޓަރުންނަށް ދީފައެވެ.

 "ވިކްޓްރީން އަބަދުވެސް ނިއުރޭޑިއަންޓާ ދެކޮޅަށް ނުކުންނާނީ ދެ ޓީމުގެ ދެމެދުގައި އޮންނަ ވާދަވެރިކަން ދެކިގެން. ޓީމު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗަކަށް ނިއުރޭޑިއެންޓާ ދެކޮޅަށް ކުޅެން ލިބުމަކީ އެ ޓީމު ބަލިކުރަން ލިބިގެންދިޔަ ފުރުޞަތެއް. މިވަގުތު ޓީމުގައި ތިބި ކުޅުންތެރިންގެ ފިޓްނަސް އަދި ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ. އެކަން ކުރަން ދުވަސް ނަގާނެ. މިހާރު އޮތް ޓީމާއެކު ރަނގަޅު ހިސާބަކަށް ވިކްޓްރީ ގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތް" ސުޒޭން ބުންޏެވެ.

ވިކްޓްރީއެކޭ އެއްފަދައިން ނިއުރޭޑިއަންޓަށްވެސް މި މެޗް ވެގެންދާނީ ހުރިހާ ގޮތަކުންވެސް މުހިންމު މެޗަކަށެވެ. ދެ ޓީމުގެ ވާދަވެރިކަމުގެ ތެރެއިން މެޗް ކާމިޔާބުކުރަން މަޖުބޫރުވެފައި އޮތުމާ މި ސީޒަންގައި ނިއުރޭޑިއެންޓްގެ މެނޭޖްމަންޓުން ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްފައިވުމަކީ މެޗަށް ނިކުންނައިރު އެ ޓީމަށް މޮޅުވާން މަޖުބޫރުވާ ސަބަބެކެވެ. ނިއުރޭޑިއެންޓްގެ އާ ކޯޗް ބެނާޑޯ ޓަވަރޭޒްވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ފާހަގަކޮށްފައެވެ. މި މެޗް އޭނާ ސިފަކޮށްފައިވަނީ ސްޕެއިންގައި ނަމަ ބާސެލޯނާއާއި ރިއަލް މެޑްރިޑްގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.

"އަހަންނަށް އެނގިފައި އޮތް ގޮތުން މި ދެ ޓީމަކީ އަބަދުވެސް ވަރަށް ވާދަވެރި ދެ ކްލަބް. މިއީ ސްޕެއިންގައި ނަމަ ބާސެލޯނާއާ ރިއަލް މެޑްރިޑް ކަހަލަ ދެ ޓީމުގެ ކުރިމަތިލުމެއް. ޓީމުގެ ޕްރެކްޓިސްތައް ދިޔަ ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭ. ސީޒަންގެ ފުރަތަމަ މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރަށް. ކްލަބުން ބޭނުންވާ ޓާގެޓަށް ވާސިލްވާން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. ފުރަތަމަ ބޭނުންވަނީ ފުރަތަމަ މެޗް ކާމިޔާބުކުރަން. އޭގެ ފަހުން އިތުރު ހިސާބަކަށް ދެން ދެވޭނީ" ޓަވަރޭޒް ބުންޏެވެ.

ފުޓްބޯޅަ ދަނޑުގައި އަބަދުވެސް ވާދަވެރިކަން އޮންނަ މި ދެ ޓީމުގެ ކުރިމަތިލުން އަނެއްކާވެސް މި ސީޒަންގެ ލީގުގައި ފުރަތަމަ ފަހަރު މާދަމާރޭ ފެންނައިރު މި މެޗަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ގޮސް ސަޕޯޓްކުރުމަށް ދެ ޓީމުންވެސް ވަނީ ސްޕޯޓަރުންގެ ކިބައިން އެދިފައެވެ. އަދި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވެން އޮތީ ސަޕޯޓަރުންގެ ސަޕޯޓު ކުރިން ލިބެމުންދިޔަ ގޮތަށް ލިބިގެންކަމަށް ދެ ޓީމުންވެސް ފާހަގަކުރެއެވެ.