ކުޅިވަރު

ކްލަބްތަކަށް ފައިސާދޭނެ ކުންފުނިތައް ކަނޑައަޅައިފި


ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ފައިސާދޭނެ ކުންފުނިތައް މިއަދު ކަނޑައަޅައިފިއެވެ. ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް ފައިސޭދޭނެ ސަރުކާރު ޙިއްސާވާ ބޮޑު އަށް ކުންފުންޏެއް ކަނޑައަޅާފައެވެ. އެގޮތުން ކުންފުނިތަކުން ހަވާލުވި ޓީމްތައް ނަގާފައިވަނީ ގުރުއަތުންނެވެ. 

މިއަހަރު ގަދަބާރެއްގެ ގޮތުގައި ފެންނާނެ ކަމަށް ގިނަބަޔަކު ޤަބޫލުކުރާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގުރުއަތުން ދިމާވީ އެލައިޑް އިންޝިއުރެންސްއެވެ. މާޒިޔާއަށް އެހީވާނީ އެމްޓީޑީސީއެވެ. ކްލަބް ވެލެންސިޔާއަށް ދިމާވީ ފިއުލް ސަޕްލައި މޯލްޑިވްސްއެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބަށް ފައިސާގެ އެހީތެރިކަން ދޭނީ މޯލްޑިވްސް ގޭސްއެވެ. ކްލަބް އީގަލްސް ކުރިޔަށްދާނީ އެމްޑަބްލިޔުއެސްސީއާއެކުއެވެ. ޓީސީއަށް ދިމާވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ. ޔުނައިޓެޑް ވިކްޓްރީއަށް ދިމާވީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއެވެ. ފުރަތަމަ ޑިވިޝަންގައި މިއަހަރު އަލަށް ވާދަކުރާ ކްލަބް ގްރީން ސްޓްރީޓް ކުރިޔަށްދާނީ މޯލްޑިވިއަންއާއެކުއެވެ.

 މިއީ ރާއްޖޭގެ ކްލަބްތަކަށް ދިމާވެފައިވާ މާލީ ޙާލަތުން އަރައިގަތުމަށް ލިބިގެންދާނެ ވަރަށްބޮޑު ފުރުޞަތެއްގެ ގޮތުގައި އެފްއޭއިންދެކެއެވެ. މި ރަސްމިއްޔާތުގައި ކުންފުނިތަކުގެ ފަރާތުން ވާހަކަ ދައްކަވަމުން މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫން ވިދާޅުވީ މިއީ ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީ ކުރުމަށް ޚާއްސަކޮށް ކުޅިވަރު ތަރައްޤީ ކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުންފުނިތަކުން ފެއްޓެވި މަސައްކަތެއް ކަމަށެވެ. މިކަން ކާމިޔާބު ކުރެއްވުމަށް އެފްއޭއެމްގައި މިވަގުތު ތިއްބެވި އިސްވެރިން ކުރެއްވި މަސައްކަތް މާނު ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު ކްލަބްތަކުގެ ހިންގުން މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

" ދެން ކްލަބްތަކުން ނުޖެހޭނެ ސަލާން ޖަހަން ދާކަށް. މިކުންފުނިތަކުން ކްލަބްތަކަށް އެހީވާނެ. އެހީވާނީވެސް ދެމެހެއްޓެނިވި ގޮތެއްގައި" މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މަޢުމޫން ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ކްލަބްތައް ހިންގުމަށް ކޮންމެ ކްލަބަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށާއި މިއީ އަދި ފެށުމެއް ކަމަށެވެ. މާލޭ ލީގުގައި ވާދަކުރާ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ދެ މިލިއަން ރުފިޔާ އަދި ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާ ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމްގެ ތެރެއިން ކޮންމެ ޓީމަކަށް އިތުރު އެއް މިލިއަން ރުފިޔާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. މިފައިސާ ދެއްވާނީ ޝަރުތުތަކަކާއެކުއެވެ. އޭގެ ތެރޭގައި ފުލްޓައިމް ޖެނެރަލް ސެކެޓްރީއެއް ހުރުމާއި، އަންހެން ޓީމެއް އޮތުމާއި، ވައިޑީޕީ ޕްރޮގްރާމް ކުރިއަށް ގެންދެވުން ހިމެނެއެވެ. މީގއިތުރުން ކްލަބްތަކުން މާލީ ހިސާބުތައްވެސް ހުށައަޅަން ލާޒިމްވާނެއެވެ.

ވަރަށް އަވަހަށް ކްލަބާތަކާ ކުންފުނިތަކާމެދު އެއްބަސްވުމެއްގައި ސޮއިކުރެވި ކްލަބްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ތަފާތު ހަރަކާތްތަށް ހިންގާނެ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ.