ސިޔާސީ

ފ.އަތޮޅު - ރާއްޖޭގެ ވިޔަފާރީގެ މައިމަރުކަޒަށް !


ފ.އަތޮޅަށް ގެންނަން ސަރުކާރުން މަސައްކަތްކުރައްވާ ބިޔަ މަޝްރޫޢާއެކު ރާއްޖޭގެ އިޤްތިސާދުގެ މިސްރާބު މުޅިން އެހެން ދިމާލަކަށް ބަދަލުވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފައެވެ. މިއީ ފ.އަތޮޅުގެ ރައްޔިތުންނާއި އަދި މުޅި ރާއްޖެ ފަޚްރުވެރިވާނެ ފަދަ މަޝްރޫއެއްކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެއެވެ. 

ރާއްޖޭގެ އިގްތިޞާދު މިހާރު ބަރޯސާވެފައި އޮތީ މައިގަނޑުގޮތެއްގައި ފަތުވެރިކަމުގެ ސިނާއަތަށެވެ. ފަތުރުވެރިކަމަކީ، ދުނިޔޭގެ އެހެންޤައުމުތަކުގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމާއި، އެމީހުން މިތަނުގައި ކުރާ ޚަރަދުތަކުގެ މައްޗަށް ބިނާވެފައިވާ ކަމަށްވާތީ، ފަތުރުވެރިކަމުގެ ކުރިއެރުމާއި، އެހެން ޤައުމުތަކުގެ އިޤްތިޞާދާއި، މަސްރަޙު ބަދަލުވެގެންދާގޮތާ ވަނީ ވަރަށްބޮޑަށް ގުޅިފައެވެ. އެހެންކަމުން މިފަދަ ނާޒުކު ސިނާޢަތަކަށް ޤައުމުގެ މުޅި އިޤްތިޞާދު ބަރޯވެފައި އޮތުން ބަދަލުކޮށްލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސިޔާސަތެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމާއެކު މިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. 

ސަޢުދީ އަރަބިއްޔާއިން ފ. އަތޮޅުގައި ފަށަން އުޅޭ މަޝްރޫޢަކީ މިފަދަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ. މިޝްރޫޢުގެ ސަބަބުން އިޤްތިޞާދީގޮތުން ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. ފ.އަތޮޅު މަޝްރޫޢަކީ، އެތައް ހާސް ވަޒީފާ އުފެދި އިޤްތިޞާދީގޮތުން ރާއްޖެއަށް އިންޤިލާބެއް ގެނުވާނެ މަޝްރޫއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/14882547304703.jpg|ފ.ހިމިތި، މި ރަށާ ގުޅިފައިވާ ފަޅާއެކު މިރަށް ތަރައްޤީކޮށް ބިޔަ މަޝްރޫޢެއް ހިންގެވުމަށް ސަޢުދީ ރަސްގެފާނު ޝައުޤުވެރިވާކަމަށް މަޢުލޫމާތުލިބޭ

ދުނިޔޭގެ އެހެން ޤައުމުތަކަށްބަލާއިރު އެމެރިކާގެ ނިއުޔޯކާއި އިންޑިއާގެ މުމްބާއީ، ޕާކިސްތާނުގެ ލާހޫރު، މިސްރުގެ އިސްކަންދަރިއްޔާފަދަ ސަރަހައްދުތަކަކީ އެޤައުމުގެތަކުގެ ވިޔަފާރީގެ މަރުކަޒުތަކުގެ ގޮތުގައި މުޅިދުނިޔެއަށް މަޝްހޫރު ސަރަހައްދުތަކެވެ. މިފަދަ ސަރަހައްދެއް ރާއްޖޭގައި އޮތުމަކީ ރާއްޖޭގެ ވިޔަފާރިތަކަށް އަންނާނެ ބޮޑު ކުރިއެރުމެކެވެ. ފ.އަތޮޅަކީ މެދުރާއްޖެތެރޭގެ މުހިންމު ސަރަޙައްދަކަށްވުމާއެކު، އެއަތޮޅުގައި ފަށަން އުޅޭ ބިޔަ މަޝްރޫޢާއިއެކު އެއީ ރާއްޖޭގެ ވިޔަފާރީގެ  މައި ހަބަކަށް ވެގެންދާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއަކީ މަދުވެގެން 150 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫޢެއްކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. ތާރީޚުގައިވެސް މިހާ ބިޔަ މަޝްރޫއެއް ރާއްޖޭގެ ސަރަހައްދެއްގައި ފަށަން ތައްޔާރުވާ މިއީ ފުރަތަމަ ފަހަރެވެ. މި މަޝްރޫއުއަކީ ފްރެންޗް ރިވިއެރާގެ ތަރައްގީކޮށްފައިވާ ގޮތަށް ފަރުމާކުރާ މޮޑެލެއްކަމަށް ރާއީސްޔާމީން ވަނީ ވިދާޅުވެފައެވެ. ފްރެންޗް ރިވިއެރާ އަކީ ފްރާންސްގެ އިރުދެކުނު އައްސޭރި ފަށުގައި، ތަފާތު އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ސަރަޙައްދެކެވެ. އެތަނުގައި ބޮޑެތި ޔޮޓްމެރީނާތަކާއި ރިސޯޓްތަކާއި، ޔުނިވަރސިޓީތައް ޤާއިމްކޮށްފައިވެއެވެ. މިފަދަ ޚާއްސަ އިޤްތިޞާދީ ސަރަޙައްދެއްގެ ގޮތުގައި ފ.އަތޮޅުގައި ތަރައްޤީކުރާ ސަރަޙައްދަކީ ރާއްޖޭގެ ފުރިހަމަ ސިޔާދަތާއި، ބާރު ހިނގާ، ރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ކުރިއަށްނާގެ ތަނެއްކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައެވެ. އަދި އެގޮތަށް ޤާނޫނުތަކާއި، އުސޫލުތައް ސަރުކަރުން އެކަށައަޅުއްވާފައިވެއެވެ. 

ސަރުކާރުގެ އަމާޒަކީ ކޮންމެ ދިވެއްސެގެ ބޮލަށް ޖެހޭ އާމްދަނީގެ މިންވަރު މިހާރު އޮތް ވަރު ދެ ގުނަ ކުރުމެވެ. އެގޮތުން މިހާރު ކޮންމެ ދިވެއްސެއްގެ ބޮލަކަށް ޖެހޭ މިންވަރު 8000 ގައި ހުރިއިރު މިޢަދަދު 10000 ނުވަތަ 12000 އަށް އިތުރުކޮށް މެދުފަންތީގެ ޢާމްދަނީއެއް ލިބޭ އިޤްތިޞާދަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް ފ. އަތޮޅުގެ ބިޔަ މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.