ޚަބަރު

ސައުތު އެފްރިކާގެ ބާޒާރަށް ދިވެހި މަސްދަޅު ތައާރަފްކޮށްފި


ސައުތު އެފްރިކާގެ ބާޒާރަށް ދިވެހި މަސްދަޅު ތައާރަފްކޮށްފިއެވެ. ދިވެހި މަސްދަޅު ސައުތު އެފްރިކާގައި ވިއްކަން ފަށާފައިވަނީ އެޤައުމުގެ އެންމެ ކުރި އަރާފައިވާ ރީޓެއިލް ޝޮޕިންގ ޗެއިންތަކުގެ ތެރޭގައި ހިމެނޭ ވޫލްވަތުސްއުންއަށެވެ. މިއީ އެމްއެސްއީ ސެޓްފިކެޓު ލިބިފައިވާ މަސްދަޅު ސައުތުއެފްރިކާގައި ވިއްކަން ފަށާ ފުރަތަމަ ފަހަރެވެ. 

ސައުތު އެފްރިކާގެ ކޭޕްޓައުންގައި ބޭއްވި މި ހަފްލާގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ. މި ހަފްލާގެ ތެރެއިން ޕީއެސްއެމްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ޝައިނީ ވިދާޅުވީ، ސައުތު އެފްރިކާއަށް ދިވެހި މަސް ތައާރަފްވުމާއި އެކު، މުޅި އެފްރިކާ ބައްރަށްވެސް ދިވެހި މަސްދަޅުގެ ވިޔަފާރި ފުޅާވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރަގަޅު އަގު ލިބޭ ބާޒާރުތަކަށް ދިވެހި މަސްދަޅު ތައާރަފްކުރުން ކަމަށާއި އެގޮތުން ވޫލްވަރތްސްއަކީވެސް ރަގަޅު ފެންވަރުގެ އުފެއްދުންތައް ބަލައިގަންނަ ކުންފުންޔެއްކަމަށް މިނިސްޓަރ ވިދާޅުވެވެ. 

މި ހަފްލާގައި ވާހަކަދައްކަވަމުން ވޫލްވަރތްސް ފުޑްސްގެ މެނޭޖިންގ ޑިރެކްޓަރ ސްޕެންސަރ ސޮން ވިދާޅުވީ އެމްއެސްއީ ސެޓްފިކެޓު ލިބިފައިވާ ދިވެހި މަސްދަޅުތައް އެކުންފުނީގެ ފިހާރަތަކުން ލިބެން ހުރުމަކީ ކަސްޓަމަރުންނަށް ވޫލްވަރތްސްއާ މެދު އޮންނަ އިތުރުބާރު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. 

ވޫލްވަރތުސް ކުންފުނީގެ ހެޑް ކުއަރޓަރގައި ބޭއްވި ހަފްލާގައި، ސައުތު އެފްރިކާގެ ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންނާއި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޗެއަރމަން ޖޯން ބަރޓަންގެ އިތުރުން ވޫލްވަރތްސް ކުންފުނީގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.