ތަޢުލީމު

"ނޭޝަނަލް އެސެސްމެންޓް އޮފް ލާރނިންގ އައުޓްކަމްސް" ރިޕޯޓް ނެރެފި


ރާއްޖޭގެ ސްކޫލްތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަން ކުރިޔަށް ގެންދެވި "ނޭޝަނަލް އެސެސްމެންޓް އޮފް ލާރނިންގ އައުޓްކަމްސް" ގެ ނަތީޖާ ރިޕޯޓް ޢާއްމުކުރައްވައިފިއެވެ. ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިޔާތެއްގައި މި ރިޕޯޓް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްއެވެ.

ނޭޝަނަލް އެސެސްމެންޓް އޮފް ލާރނިންގެ އައުޓްކަމްސްގެ ނަތީޖާ ރިޕޯޓަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3 އަދި ގްރޭޑް 6 ނިންމި ދަރިވަރުންނަށް، އެ ގްރޭޑްތަކުގެ މުޤައްރަރުން ޙާޞިލްވި މިންވަރު ދެނެގަތުމުގެ ގޮތުން ތައްޔާރު ކުރައްވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓްގެ ސަބަބުން ތަޢުލީމީ ގޮތުން ދަރިވަރުންނަށް ޙާޞިލްވާ މިންވަރު ދެނެގަތުމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ތަޢުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އެގެނުމާއި އުންގަންނައިދިނުން ހަރުދަނާކުރުމަށް ކުރަންވީ ކަންތައްތައް ދެނެގަނެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި އެސެސްމެންޓްގައި ގްރޭޑް 4 ކާއި ގްރޭޑް 7 ގެ ދަރިވަރުން ކިޔަވާ މާއްދާގެ ތެރެއިން ހިސާބާއި އިގެރޭސިއާއި ދިވެހި މާއްދާއިން ދަރުވަރުން ޙާޞިލްކުރި މިންވަރު ދެނެގަތުމުގެ އިތުރުން ނަތީޖާއަށް އަސަރުކުރާފަދަ ބައެއްކަންތައް ހޯދައި، ދަރިވަރުންގެ ނަތީޖާއާއި މިފަދަ ކަންތަތަކާއި ގުޅުންހުރި މިންވަރު ހޯދިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ގްރޭޑްތަކުގައި ކިޔަވައިދެއްވި ޓީޗަރުންގެ ފެންވަރާއި ކިޔަވައިދެއްވުމުގެ ވައްޓަފާޅިއާއި ސްކޫލްގެ މާޙައުލުން ދަރުވަރުންގެ އުނގެނުމަށް އަސަރުކުރާ ކަންތަތަކާއި އެކަންތައްތަކުން ނަތީޖާއަށް ގުޅުން ހުރި މިންވަރު ހޯދިފައިވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ނެރު ރިޕޯޓުން، ދިވެހި މި މާއްދާއިން ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި ކުދިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާ އަތޮޅަކީ މ. އަތޮޅެވެ. ގްރޭޑް 7 ގެ ދިވެހި މި މާއްދާއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ ބ. އަތޮޅެވެ. ގްރޭޑް 4 ގެ ހިސާބު މިމާދާއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ އައްޑޫސިޓީ، ވ. އަދި ބ. އަތޮޅެވެ.

އިނގިރޭސި މި މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައި ވަނީ މާލެ ސިޓީއާއި އައްޑޫސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއެވެ. ހުރިހާ މާދާއަކުން ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިންގެ ނަތީޖާ ރަނގަޅު ކަމަށް މި ނަތީޖާއިން ދައްކައެވެ. އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމާއި ގުޅުންހުރި ބައެއް ކަންތައްތަކުގެ ތެރޭގައި ކުދިން ކިޔެވުމަށް ހޭދަކުރާ ވަގުތާއި ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން ވަނީ ފާހަގަކުރައްވާފައެވެ.

ނޭޝަނަލް އެސެސްމެންޓް އޮފް ލާރނިންގެ އައުޓްކަމްސް ގެ ނަތީޖާ ރިޕޯޓް ނެރެދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ތަޢުލީމީ ނަވު ދުއްވަމުންދަނީ ރަނގަޅު މިސްރާބުކަން ޔަޤީންކޮށްދޭ ސަމުގާއަކީ ދަރިވަރުންގެ ފެންވަރު ކަމަށެވެ.

"މިފަދަ އިމްތިހާންތަކުން ހޯދޭ ހޯދުންތަކުގެ ސަބަބުން ތަޢުލީމީ ދާއިރާގެ ކަންތަތައް ތަރައްޤީ ކުރުމަށް ބޭނުންވާ ނިންމުންތައް ނިންމުމާއި ބަދަލުތައް ގެންނަން ފަސޭހަވެގެން ދިއުމުގެ އިތުރުން ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށް ސުކޫލްތަކުގެ އަމާޒުތައް ބަދަލުވުމާއި މުވައްޒަފުން ޒިންމާދާރުކުރުން ފަދަ ކަންތައްތަކުގެ މަގު ފަހިވެގެންދޭ. އަދި ސްކޫލާއި ގޭގެ މާހައުލުން އުނގެނުމަށް ފަހި ގޮތްތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހާމަވެގެންދޭ. މީގެ އިތުރުން ކިޔަވައިދޭ މުޤައްރަރުގެ އެކިއެކި ކަންތައްތައް ވަޒަންކުރުމާއި މުދައްރިސުންގެ ކިޔަވައިދިނުމުގެ ފެންވަރު ބެލުމުގެ ވަސީލަތްތައް މިފަދަ އިމްތިހާނުތަކުގެ ނަތީޖާ ވެގެންދޭ." މިނިސްޓަރ ވިދާޅުވިއެވެ.

ނޭޝަނަލް އެސެސްމެންޓް އޮފް ލާރނިންގެ އައުޓްކަމްސްގެ ނަތީޖާ ރިޕޯޓްގައި ހިމަނުއްވާފައި ވަނީ 2015 ވަނައަހަރާއި 2016 ވަނަ އަހަރު، ރާއްޖޭގެ 112 ސްކޫލެއްގައި، ގްރޭޑް 4 ކާއި 7ގެ ކިޔަވަމުންދިޔަ 5،400 އަށްވުރެ ގިނަ ދަރިވަރުންނަ، ހިސާބާއި އިނގިރޭސި އަދި ދިވެހި މާއްދާއިން ކުރެވުނު އިމްތިޙާނުގެ ނަތީޖާއެވެ.