ޚަބަރު

ފުލުހުން އެމްޑީޕީ ހަރުގެ ބަލާ ފާސްކުރަން ފަށައިފި


ރާއްޖެ ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަންތައްތަކެއް ރާވަމުންދާކަމުގެ ތުހުމަތުގައި އިދިކޮޅު އެމްޑީޕީގެ ހަރުގެ ފުލުހުން ބަލައި ފާސްކުރަންފަށައިފިއެވެ.

ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެމްޑީޕީގެ ހަރުގެ ހުންނަ ހ. ވެޔޮވިލާ، ބަލައި ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އެތަން ފާސްކުރަނީ ދިވެހިރާއްޖެ އަށް ވަޑައިގަންނަވަން ނިންމަވާފައިވާ އިއްޒަތްތެރިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަންތައްތަކެއް ރާވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުންގެ ޓްވީޓުގައި ބުނެފައިވެއެވެ. މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން މިރޭ އެމްޑީޕީ ހަރުގެ ފާސްކުރަން ފަށާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ބޭރު ޤައުމުތަކުގެ ވެރިންނާއި، ޢިއްޒަތްތެރިންގެ ޤަދަރަށް އުނިކަން ލިބޭފަދަ އެއްވެސް ކަމެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވަނީ ކުރިން ބަޔާނެއްވެސް ނެރުއްވާފައެވެ.

ފުލުހުން މިއަދު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ބޭރުގެ އެކިއެކި ޤައުމުތަކުގެ ވެރިންނާއި، ޢިއްޒަތްތެރިން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކާ ދިމާކޮށް އެޤައުމުތަކުގެ ސިޔާދަތާއި، އެ ޢިއްޒަތްތެރިންގެ ޝަރަފާއި، ޢިއްޒަތާއި ޤަދަރަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ރާވަމުންދާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިވަޑައިގެންފައިވާކަމަށެވެ.

ރާއްޖޭގެ އެއްވެސް ޞަރަޙައްދެއްގައި އެފަދަ އެއްވެސް ޢަމަލެއް ހިންގުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެފަދަ ޢަމަލެއް ހިންގާ ކޮންމެ ފަރާތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށްވެސް މޯލްޑިވްސް ޕޮލިސްސަރވިސުން ވިދާޅުވެއެވެ.

ފުލުހުންގެ އިދާރާއިން މިގޮތަށް އަންގަވާފައި މިވަނީ، ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު  ސަލްމާނު ބިން އަބްދުލްޢަޒީޒް އަލް ޞަޢޫދު އޭޝިއާގެ ބައެއް ޤައުމުތަކަށް މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގައި ދިވެހިރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.