ކުޅިވަރު

ފައިނަލް މެޗަށް ޓީސީ އޮތީ ފުރިހަމައަށް ތައްޔާރުވެފަ - ކަޅޭ


ކުޅުންތެރިންތިބީ ޤައުމު ފަޙްރުވެރިކޮށްދޭން، ފައިނަލް މެޗުން މޮޅުވުމަށް، ނުގުޑާ ފަދަ އަޒުމެއްގައި ކަމަށް ޓީސީ ސްޕޯޓްސްގެ ކެޕްޓަން އަލީ ނާފިޢު ބުނެފިއެވެ.

ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ކްލަބް ޗެމްޕިއަންޝިޕް ފައިނަލްގައި އަންނަ ހުކުރުދުވަހު ސައުތް ކޮރެޔާގެ ޕޮޗެއޮން އެފްސީއާ ވާދަކުރާ މެޗުގެ ކުރިން ޓީވީއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން އަލީ ނާފިޢު (ކަޅޭ) ބުނީ މިކަހަލަ މުބާރާތަކަށް ޓީސީ ސްޕޯރޓްސް ކިތަންމެ އާ ނަމަވެސް މި ފައިނަލް މެޗަށް ނިކުންނާނީ މެޗު ކާމިޔާބުކޮށް، މުޅި ޤައުމު ފަޙްރުވެރިކޮށްދިނުމަށް ކަމަށެވެ. ޓީމުގައި ތިބި ކުޅުންތެރިން ގައިގައި އެ ހިތްވަރު އެބަހުރިކަމަށް ކަޅޭ ބުންޏެވެ. އޭނާ ބުނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާ ތަޖުރިބާ ހުރި ކުޅުންތެރިންނާއެކު ޓީމު މިވަގުތު އޮތީ ފައިނަލް މެޗަށް ވަރަށް ފުރިހަމަޔަށް ތައްޔާރުވެގެން ކަމަށާއި، މިއީ ޓީސީގެ ނަން އަދި ދިވެހި ރާއްޖޭގެ ނަން ބޭރުގައި ފަވާލަން ލިބޭ ރަނުގެ ފުރުޞަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ. 

ދިވެހިންގެ ފުރިހަމަ ސަޕޯޓާއި، ހެޔޮދުޢާ އަބަދުވެސް ބޭނުންވާނެކަމަށާއި، ކުޅުންތެރިންގެ ހިތްވަރަކީ ދިވެހި ސަޕޯޓަރުންގެ ފަރާތުން ލިބޭ ސަޕޯޓުކަމަށް ކަޅޭ ބުންޏެވެ. 

"ފައިނަލް މެޗަށް ކުޅުންތެރިން މި ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން. ﷲ އިރާދަފުޅާއެކު މި ތަށި ދިވެހި ފަސްގަނޑަށް ގެންނަން ކުޅުންތެރިންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. ކުޅުންތެރިން ބޭނުންވަނީ ދިވެހި ސަޕޯޓަރުންގެ ފަރާތުން ލިބޭ ހިތްވަރާ ސަޕޯޓަރުންގެ ފަރާތުން ހެޔޮ ދުޢާ " ކަޅޭ ބުންޏެވެ.

 ޓީސީ ސްޕޯޓްސް ކްލަބް ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ކްލަބް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާޙަގަކޮށްލެވެއެވެ. އަދި މިއީ މިފަދަ މުބާރާތެއްގެ ފައިނަލަށް ޓީސީ އަދި ދިވެހި ކްލަބެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ.