ކުޅިވަރު

ކެމްޕޭނެއްގެ ދަށުން އެސޯސިއޭޝަންތަކުގެ ދަތިތައް ތަޖުރިބާ ކުރަނީ


އައި ލައިވް ސްޕޯރޓްސް ކެމްޕެއިންގެ ދަށުން ސްޕޯރޓްސް ކޯޕަރޭޝަނުން ކުޅިވަރު އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތައް ދެނެގަތުގެ މަސައްކަތްތަކެއް ފައްޓަވައިފިއެވެ.

މިއަހަރު ސްޕޯރޓްސް ކޯޕަރޭޝަނުން ފެއްޓެވި އައި ލަވް ސްޕޯރޓްސް ކެމްޕެއިންގެ ދަށުން ގެންދަވަނީ ވަކިވަކިން ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކުރައްވައި، ދަތިތައް އަމިއްލައަށް ތަޖުރިބާކުރައްވަމުންނެވެ. އެގޮތުން އިއްޔެ ސްޕޯރޓްސް ކޯޕަރޭޝަނުން ވަނީ ދެ ވަނަ ކުޅިވަރު އެސޯސިއޭޝަނާ ބައްދަލުކުރައްވާފައެވެ. ދެ ވަނަ އެސޯސިއޭޝަންގެ ގޮތުގައި ބައްދަލުކުރެއްވީ ނެޓްބޯޅަ އެސޯސިއޭޝަނާއެވެ. 

ދަތިތަކާއި ގޮންޖެހުންތައް ކޯޕަރޭޝަންގެ ބޭފުޅުން އަމިއްލައަށް ތަޖުރިބާކުރައްވައި، މަޝްވަރާތައްވެސް ކުރިއަށްގެންދެވިކަމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ސީނިއަރ ކޮމިއުނިކޭޝަން އޮފިސަރ އައިޝަތު އިޝްފާ ވިދާޅުވިއެވެ. އިޝްފާ ވިދާޅުވީ މި ކެމްޕެއިންގެ ތެރެއިން ކޯޕަރޭޝަންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތައް ދެނެގަންނަމުންދާކަމަށެވެ. ނެޓްބޯޅަ އެސޯސިއޭޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކަށް ފާހަގަކުރެއްވުނީ މަސައްކަތް ކުރަމުންގެންދާ އޮފީސްގެ މައްސަލަ ކަމަށް އިޝްފާ ވިދާޅުވިއެވެ. ނެޓްބޯޅަ އެސޯސިއޭޝަންގެ ރަސްމީ އޮފީސް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހުންނައިރު، ޒުވާނުންގެ މަރުކަޒުގެ ތެރެއިން އެސޯސިއޭޝަނަށް ދީފައިވާ އޮފީހުގެ ޖާގަައިގެ ދަތިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނުކަމަށް އިޝްފާ ވިދާޅުވިއެވެ.

"ނެޓްބޯޅައިގެ ރަސްމީ އޮފީސް މި ހުންނަނީ ގަލޮޅު ދަނޑުގަ، އެހެންނަމަވެސް އެސޯސިއޭޝަންގެ މުބާރާތްތައް ކުރިއަށްގެންދަނީ ޔޫތް ސެންޓަރުގައާއި، ޔޫތް ސެންޓަރުގެ ބޭރު ކޯޓްގަ. ކޯޓް ދުރުވުމުން އޮފީސް ބަދަލުކުރަން ޖެހުމުން އެއީވެސް އެސޯސިއޭޝަނަށް ދިމާވި ވަރަށް ބޮޑު ދަތިކަމެއް. އަދި ޒުވާނުންގެ މަރުކަޒުގެ ތެރޭގައި ހުންނަ އޮފީސްވެސް ވަރަށް ކުޑަ، އެހެންކަމުން އެކަހަލަ ޕޮއިންޓްތަށް މިހާރު މިދަނީ ނޯޓް ކުރަމުން." އިޝްފާ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14883545283248.jpg|މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަނާ ނެޓްބޯޅަ އެސޯސިއޭޝަނާއެކު ކުޅުނު މެޗްގެ ތެރެއިން (ފޮޓޯ: ނެޓްބޯޅަ އެސޯސިއޭޝަން)  

ނެޓްބޯޅަ އެސޯސިއޭޝަންގެ ނައިބް ރައީސާ އާމިނަތު ނިމާ ވިދާޅުވީ ކޯޕަރޭޝަންގެ ފަރާތުން މިފަދަ ކަންތައްތައް ކުރުމަށް އިސްނެންގެވުމަކީވެސް ކުޅިވަރުތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. ހާއްސަކޮށް ނެޓްބޯޅަ އެސޯސިއޭޝަނުން މިކަން ވަރަށް ބޮޑަށް ބަލައިގަނެ، ކޯޕަރޭޝަނާއެކު ވަރަށް ފައިދާކުރުވަނިފި މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންދެވުނުކަމަށް ނިމާ ވިދާޅުވިއެވެ.

" އޮފީހުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ކޯޕަރޭޝަންއާއެކު އަޅުގަނޑުމެންވަނީ ހިއްސާކޮށްފަ. އަދި މިހާރު ބޭނުންކުރާ އޮފީހަށްވުރެ ޖާގަ ބޮޑު އޮފީހެއް ހަމަޖައްސަައިދިނުމަށްވެސް އަޅުގަނޑުމެންވަނީ ކޯޕަރޭޝަންގަ އެދިފަ. އަދި ޒުވާނުންގެ މަރުކަޒުގެ ބޭރު ކޯޓްގެ ހާލަތު މިހާރު ކޯޕަރޭޝަނަށް ވަރަށް ރަނގަޅަށް އެނގިގެންދާނެ. ކޯޕަރޭޝަނުން މިކަންކަމަށް ސަމާލުކަންދީ، އެދެވޭ ބަދަލުތަކެއް ގެނެސްދޭނެކަމަށް އުއްމީދު ކުރަން " ނައިބް ރައީސާ އާމިނަތު ނިމާ ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން މަޢުލުމާތުދެއްވި ގޮތުގައި މިބައްދަލުވުންތަކުން ލިބޭ މައުލޫމާތުތައް ކޯޕަރޭޝަންގެ ބިޒްނަސް ޕެލޭން ހެދުމަށްވެސް އެހީވެދޭނެއެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަންގަވައިގެން އެސޯސިއޭޝަންތަކާ ބައްދަލުކުރުމުގެ ސިލްސިލާގެ ދަށުން މިދިޔަމަހު ވަނީ ބެޑްމިންޓަން އެސޯސިއޭޝަނާ ބައްދަލުކުރައްވާ، އެތަނުގައި ހުރި ދަތިތައް ތަޖުރިބާ ކުރައްވާފައެވެ. މި ކެމްޕެއިންގެ ދަށުން މިމަހުވެސް ސްޕޯރޓްސް ކޯޕަރޭޝަނުން އެސޯސިއޭޝަނަކާ ބައްދަލުކުރައްވާނެއެވެ.