ވިޔަފާރި

އެންމެ ބޮޑެތި 50 ޓެލެކޮމް ކުންފުނީގެ ތެރޭގައި އުރީދޫ


ބްރޭންޑް ފައިނޭންސުން ހޮވާ ދުނިޔޭގެ އެންމެ ބޮޑެތި 50 ޓެލެކޮމް ކުންފުނީގެ ތެރޭގައި ޤަތަރުގެ ޓެލެކޮމް ކުންފުނި އުރީދޫ ހިމެނިއްޖެއެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތައް ގިންތިކުރާ ކޮންސަލްޓަންސީ ފާމެއް އެއްކަމަށްވާ އިނގިރޭސިވިލާތުގެ ބްރޭންޑް ފައިނޭންސުން ހޮވި، މުއާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑެތި ފަންސާސް ކުންފުނީގެ ލިސްޓްގައި އުރީދޫ މައި ކުންފުނި، ހިމެނިފައިވަނީ، ލިސްޓްގެ 47 ވަނައިގައެވެ.

ފަންސާސް ކުންފުނީގެ ލިސްޓުން ޤަތަރުގެ އުރީދޫ ޓެލެކޮމްއިން ޖާގަ ހޯދާފައިމިވަނީ ސްޕެއިންގެ ބާސެލޯނާގައި މިހަފްތާ ފެށި ވަރލްޑް މޮބައިލް ކޮންގްރެސް 2017 ގައި އެކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލާފައިވަނިކޮށެވެ.

މިކަމާ ގުޅިގެން އުރީދޫއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ކަސްޓަމަރުން ބަލައިގަންނަކަމުގެ ހެއްކެއްކަމަށެވެ. އުރީދޫއިން މެދުއިރުމަތީގެ 8 ޤައުމެއްގައި މުއާސަލާތީ ޚިދުމަތް ދެމުންގެންދާއިރު، އެކުންފުނިން ގެންދަނީ އެފްރިކާ، އަދި ދެކުނު އޭޝިއާގައި މުއާސަލާތީ ޚިދުމަތް ދެމުންނެވެ.

އޫރީދޫއަކީ ރާއްޖޭގައި ފުޅާދައިރާއެއްގައި މުއާސަލާތީ ޚިދުމަތް ދެމުން އަންނަ އެއް ކުންފުންޏެވެ.