ވިޔަފާރި

މަސްވެރިކަން ކުރިއެރުވުމަށް ދެކުނު އެފްރިކާއާ މަޝްވަރާކޮށްފި


މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ދެކުނު އެފެރިކާއާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި ވަޒީރުންގެ ފެންވަރުގައި މަޝްވަރާކުރައްވައިފިއެވެ. 

ދެޤައުމުގެ ދެމެދު މަސްވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވީ، ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ދެކުނު އެފްރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ފިޝަރީޒް މިނިސްޓަރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދެޤައުމުގެ ފިޝަރީޒް މިނިސްޓަރުންގެ ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ހެނދުނު ދެކުނު އެފްރީކާގެ ފިޝަރީޒް މިނިސްޓްރީގައެވެ.

ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ސައުތު އެފްރިކާގެ ކޭޕްޓައުނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދެކުނު އެފްރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ 'ވޫލް ވޯރތު" ގެ ފިހާރަތަކަށް ދިވެހި މަސްދަޅު ތަޢާރަފްކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

މި ދަތުރުފުޅުގެ ތެރެއިން ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ ވަނީ ސައުތު އެފްރިކާގެ ފިޝަރީޒް މިނިސްޓަރ ސެންޒެނީ ޒޮކްވާނާ އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ މިބައްދަލުވުމުގައި ރާއްޖެއާ ގުޅިގެން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ދެކެނު އެފްރިކާގެ ފިޝަރީޒް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ.

އަދި މިއަހަރުގެ އޭޕްރީލްމަހު ރާއްޖޭގައި ބާއްވާ ޖަލްސާއެއްގައި ބައިވެރިވުމުގެ ދައުވަތު މިނިސްޓަރ ޝައިނީ ވަނީ ދެކުނު އެފްރިކާގެ ފިޝަރީޒް މިނިސްޓަރަށް އަރުއްވާފައެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ މި ދައުވަތު ދެކުނު އެފްރިކާގެ ފިޝަރީޒް މިނިސްޓަރ ޤަބޫލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޗެއަރމަން ޖޯން ބަރޓަންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.