ކުޅިވަރު

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް ވަންލީ ޝޯޓްލިސްޓްކޮށްފި


އެފް.އޭ.އެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމު ހަމަޖެހިގެންދާނެކަމުގެ އުންމީދުގައިހުރިކަމަށް ކުރިން ރާއްޖޭގެ ވީބީއަށް  ކޯޗްކޮށްދިން ކޭން ވަންލީ ބުނެފިއެވެ.

މީގެ ހަ އަހަރެއް ކުރިން ރާއްޖޭގެ ވީބީއަށް ކޯޗްކޮށްދިން ވަންލީ ވަނީ ވީބީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ރާއްޖޭގައި ކޯޗް ކޯށްދިނުމަށްފަހު ވަންލީ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވީ ލުބުނާނުގައެވެ. ލުބުނާނުގެ އިތުރުން ގާނާގައިވެސް ވަންލީ ވަނީ މަސައްކަތްކޮށްފައެވެ.

އެފް.އޭ.އެމްއަށް ދާދި އަވަހަށް ޓެކްނިކަލް ޑައިރެކްޓަރެއް ހަމަޖެހިގެންދާނެކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ނިމިދިޔަ އެފް.އޭ.އެމްގެ ކޮންގްރެސްގައި ވިދާޅުވެފައެވެ. 

އެފް.އޭ.އެމްއިން މިއަދު ބުނީ އެ އިދާރާއިން ތިން ފަރާތެއް ޝޯޓްލިސްޓްކޮށްފައިވާއިރު ވަންލީގެ ނަމަކީ ތިން ނަމުގެ ތެރެއިން އެއް ނަން ކަމަށެވެ. އަދި އެފް.އޭ.އެމް އިން ބޮޑަށް ބޭނުންވަނީ ރާއްޖޭގެ ފުޓްބޯޅަ އިނގޭ ފަރާތަކަށް އިސްކަންދިނުމަށްކަމަށް އެ އިދާރާއިން މަޢުލޫމާތުދިނެވެ. މިދިޔަ ހޮނިހިރު ދުވަހު ބައްސާމް ވިދާޅުވީ އެފްއޭއެމްއަށް ގެންނަ ޓެކްނިކަލް ޑައިރެކްޓަރަކީ ރާއްޖޭގެ ފުޓްބޯޅައާއި، އޭޝިޔާގެ ފުޓްބޯޅަވެސް ދަންނަ ތަޖުރިބާ ހުރި ފަރާތެއްކަމަށެވެ.

 ޝޯޓްލިސްޓްކޯށްފައިވާ އަނެއް ދެ ކޯޗުންނަކީ ޕޯޗުގަލްގެ ދެ ކޯޗުންކަމަށް އެފް.އޭ.އެމް އިން މައުލޫމާތުދެއްވައެވެ.