ކުޅިވަރު

ބޭނުންވަނީ ވެލެންސިޔާ އަތުން ބޮޑު މޮޅެއް - މޯހަން ބަގާންގެ ކޯޗް


ވެލެންސިޔާއާ ދެކޮޅަށް މިއަދު ކުޅޭ އޭއެފްސީ ކަޕް ޕްލޭއޮފް ދެވަނަ ލެގުގެ މެޗުން ބޮޑު ތަފާތަކުން މޮޅުވާން ބޭނުންކަމަށް މޯހަން ބަގާންގެ ކޯޗް ސަންޖޯއި ސެން ބުނެފިއެވެ.

ފުރަތަމަ ލެގުގައި ރާއްޖޭގައި ކުޅުނު މެޗުން މޯހަން ބަގާން 1-0 ން މޮޅުވާންދަނިކޮށް ވެލެންސިޔާއިން ނަތީޖާ އެއްވަރުކުރީ މެޗް ނިމެން ކައިރިވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. 

ކުރީގެ މެޗުގެ ނަތިޖާއޮތް ގޮތުން ފައިދާ ބޮޑީ މޯހަން ބަގާންއަށެވެ. އެއީ އަވޭ ގޯލެއް ޖަހާފައި އޮތުމުންނެވެ. އެހެންކަމުން މިއަދު ކުޅޭ މެޗް ގޯލެއް ނުޖެހި އެއްވަރުވިޔަސް މޯހަން ބަގާންއަށް ގްރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުވާނެއެވެ.

މޯހަން ބަގާންގެ ކޯޗް ސެން ބުނީ މީ މުޅިން އާ މެޗެއްކަމަށާއި، މި މެޗުން މޮޅުވުން ކޮންމެހެން މަޖުބޫރުކަމަށެވެ. އަދި މި މެޗުން ތަފާތުބޮޑު ނަތީޖާއަކުން މޮޅުވާން ބޭނުންކަމަށާ އޭރުން ކުރިޔަށްހުރި މެޗްތަކަށް އޭގެ ފައިދާ ކުރާނެކަމަށެވެ.

"އަހަރުމެން މެޗުގައި ކުރީކޮޅު ގޯލެއްޖެހިނަމަވެސް އެމީހުން ވަނީ ބުރަ މަސައްކަތްކޮށް މެޗް އެއްވަރުކޮށްފައި. އަހަރުމެންނަށް މި މެޗް މާ ފަސޭހަކޮށްލެވޭކަށް ނެތް" ސެން ބުންޏެވެ.

މި މެޗާބެހޭގޮތުން ވެލެންސިޔާގެ ކޯޗް އަޙުމަދު މުޖުތަބާ(ފެސްކޯ) ބުނީ އަމިއްލަ ދަނޑުގައި ރަނގަޅު ކުޅުމެއް ދައްކާ މެޗް އެއްވަރުކުރެވިފައިވާއިރު، އިންޑިޔާގައި ކުޅޭ މެޗުގައިވެސް ރަނގަޅު ފައިޓެއް ދޭން ބޭނުންވާކަމަށެވެ.

މިދެޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އިންޑިޔާގައި ފަށާނީ މިއަދު ރާއްޖެ ގަޑިން 15:30 ގައެވެ.