މިމަހުގެ 25 ވަނަ ދުވަހު ހަވީރު ކުޅުނު އެމްބީއޭކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗަށްފަހު ހޮވި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ނަޝްފާ އާމިރާ، އައިމިނަތު ހަލީމް ހިމެނެއެވެ. މިމަހުގެ 26 ވަނަ ދުވަހުގެރޭ ކުޅުނު އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށްފަހު ހޮވި މޮޅު ކުޅުންތެރިންގެ ތެރޭގައިވެސް އެދެ ކުޅުންތެރިން ހިމެނެއެވެ. އެދެ ފައިނަލްގައިވެސް އައިމިނަތު ޝިއުރާއާއި، ފާޠިމަތު ރިޝްމާއާއި ހުސްނާ މުޙައްމަދާއި، އަދިވެސް އިތުރު ކުޅުންތެރިން ހިމެނެއެވެ.
26 ވަނަ ދުވަހުގެރޭ ކުޅުނު ނެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލު މެޗުގައި ބާސްކެޓް ބޯޅައިގެ ދެ ހުސެއިން ހަލީމެއް ފެނުނެވެ. ބާސްކެޓް ކުޅުންތެރިޔާ ޒަކަރިއްޔާ އަބުދުއްލަތީފް ފެނުނެވެ. ރޭ ނިމިގެން ދިޔަ އެމްބީއޭކަޕްގެ ފައިނަލުންވެސް ހަމަ އެ ކުޅުންތެރިން ފެނުނެވެ. ވިދިވިދިގެން ދެ ދުވަހު ވަރުގަދަ ދެ ފައިނަލެއްގައި އެއް ކުޅުންތެރިންތަކެއް ވާދަކޮށްފިއެވެ. މާނައަކީ އެކުއެކީގައި ވަރުގަދަ ދެ މުބާރާތް އެ ކުޅުންތެރިން ނިންމާލުމެވެ. މުބާރާތުގެ ނަމާއި، ކުޅޭ ތަނާއި، ޖަޒީއާއި ޓީމް ބަދަލުވި ނަމަވެސް އެކުއެކީގައި ކުރިއަށްގެންދާ މުބާރާތްތައް ލީޑް ކުރުމުގައި އެއް ކުޅުންތެރިންތަކެއް ފެންނަމުން ދިއުމަކީ ވިސްނާލަން ޖެހޭކަމެއް ނޫންބާއެވެ؟
" އެއީ ހަމަ ސުއިސައިޑް. ކުޅިވަރުގަ އަމިއްލައަށް މަރުވުން އެއީ. ކެރިއަރ ގެއްލުވާލަނީ އެ. އަނިޔާވުމުގެ ފުރުޞަތު ބޮޑު. " ސްޕޯރޓްސް ފިޒިކަލް ޓްރޭނަރ މުޙައްމަދު ފަޔާޒު (ފިއްޓޭ) ގެ މިކަންބޮޑުވުން ނުހަނު ބޮޑެވެ.
އޭނާގެ ކަންބޮޑުވުން އޮތްކަން އިނގެނީ ހޭންޑްބޯޅައިގެ ވާހަކަވެސް ގެނައިނަމަ ފެންނާނެ މަންޒަރާމެދު އޫނާ ސުވާލުކުރުމުންނެވެ. ފިއްޓޭ ބުނީ ކޮންމެ ކުޅިވަރަކީވެސް ތަފާތު ކުޅިވަރެއްކަމަށާއި، މޫވްމަންޓްތައްވެސް ތަފާތުވުމުން މައްސަލަ ނިކުންނަނީ ރިކަވަރީއަށް މަސައްކަތްކުރަންޖެހޭ ވަރަށް ނުކުރެވޭތީކަމަށެވެ. އޭނާގެ ކަންބޮޑުވުމަކީ ދިވެހި ގިނަ ކުޅުންތެރިން ނުވަތަ އެތްލީޓުން ތަފާތު ގިނަ ކުޅިވަރުތައް ކުޅޭއިރު ޑިސިޕްލިންގ ނުވުމެވެ. ރިކަވަރިއަށް މަސައްކަތް ނުކުރެވުމެވެ.
" ކެއުންވެސް ރަނގަޅެއްނޫން. ނިދުންވެސް ރަނގަޅެއްނޫން. ޕްރޮޓީންސް ލޯޑެއްނުކުރެވޭ. ސުވާލަކީ ބޮޑީ ތައްޔާރުތޯ؟ ބޮޑީ ތައްޔާރުކުރެވޭތޯ؟ އެތްލީޓުންނަށް މިހާރުވެސް އެހީވަމުން އަންނަ ފިއްޓޭ ކަންބޮޑުވުންތައް އިންތިހާއަށް ގިނައެވެ.
img:http://s2.psmnews.mv/images/660x400/14882666146035.jpg|އެއް ކުޅިވަރަށްވުރެ ގިނަ ކުޅިވަރުން ފާހަގަކުރެވުނު ދެ ކުޅުންތެރިން
އެކުއެކީގައި ދެ މުބާރާތް ނިންމާލި ކުޅުންތެރިންގެ އިތުރުންވެސް އެހެން ކުޅިވަރުތައް ކުޅޭ ކުޅުންތެރިން ނެޓްބޯޅަ މުބާރާތުން ފެނިގެން ދިޔައެވެ. ރާއްޖޭގެ އެއްވަނަ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ފަދުވާ ޒާހިރާއި، ފުޓްބޯޅަ ކުޅުންތެރިޔާ ހުސެއިން ޝުއައިބު ފަދަ ކުޅުންތެރިން ފެނުނެވެ. އެހެން ނަމަވެސް މި ކުޅުންތެރިން ނެޓްބޯޅަ މުބާރާތުގައި ތަމްޘީލްކުރީ މަސައްކަތްކަތްކުރާ އޮފީސް ޓީމްކަންވެސް ފާހަގަކުރަންޖެހެއެވެ. އޮފީސް ތަމްޘީލްކުރަން އޮފީހުގެ މުވައްޒަފުންގެ ބައިވެރިވުންވެސް ބޭނުންވާނެއެވެ. ނަމަވެސް ރިކަވަރީއާއި، ކުޅިވަރުގައި ކުރިއަށް ދެވޭނެ ގޮތްތަކަށްވެސް ވިސްނުން ބެހެއްޓުން މުޙިއްމެވެ.
" ރާއްޖޭގެ އެތްލީޓުންގެ މައްސަލައަކީ މިއީ. މިހެންވީމަ ކުރިއަށްދާން އުނދަގޫވޭ " މިދިޔަ ތިން ދުވަހު ކުޅުނު ތިން ފައިނަލްގެ ތެރެއިން ފައިނަލް މެޗެއް ބަލަން ގޮސްހުރި ކުޅިވަރުގެ ތަޖުރިބާ ހުރި ބޭފުޅަކު ވިދާޅުވިއެވެ.
ކުޅިވަރުގައި ކުރިއަށް ދިއުމަށް އެއް ކުޅިވަރު އިޚްތިޔާރުކުރުން މުޙިއްމުކަމަށް ކުޅިވަރުގެ ތަޖުރިބާހުރި ބޭފުޅުން ޤަބޫލުކުރައްވައެވެ. އެޑިއުކޭޝަން މިނިސްޓްރީންވެސް މިހާރު ވަނީ ސްކޫލް ދައުރުގައި ކުޅޭ ކުޅިވަރުތަކުގައިެވސް އެއް ދަރިވަރަކަށް ގިނަވެގެން ބައިވެރިވެވޭނީ 3 ކުޅިވަރެއްގައިކަމަށް ނިންމަވާފައެވެ. މިއީވެސް އެއް ދަރިވަރުންތަކެއް ގިނަ ކުޅިވަރުތަކުގައި ވާދަކުރަމުންދާ ދިއުމަށް ހައްލެއް ގެނެސް ގިނަ ކުދިންނަށް ފުރުޞަތުދީ، ސްކޫލް ނިންމުމަށްފަހުވެސް އެންމެ ރަނގަޅު އެއް ކުޅިވަރެއް އިޚްތިޔާރުކުރުމަށް ބާރު އެޅުމުގެ ގޮތުން ގެންނެވި ބަދަލެކެވެ.