ޚަބަރު

ސަޢޫދީން މެލޭޝިޔާގައި 7 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ


މެލޭޝިއާއިން މިހާތަނަށް ތެޔޮ ސާފު ކުރުމަށް ފަށާ އެންމެ ބޮޑު މަޝްރޫޢަށް އެހީތެރިވުމަށް ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި އަރަމްކޯއިން 7 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މެލޭޝިޔާގެ ޤައުމީ ތެޔޮކުންފުނި ޕެޓްރޮނާސްއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަތާވީސް ބިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢަށް އަރަމްކޯއިން އިންވެސްޓް ކުރުމަށް ނިންމާފައިވަނީ ދެކުންފުނީގެ އިސް އޮފިޝަލުންގެ ދެމެދު ބޭއްވި ބައްދަލުވުންތަކަކަށްފަހުއެވެ.ތެޔޮ ސާފު ކުރުމާ ޕެޓްރޯލިއަމްގެ އުފެއްދުންތައް އުފެއްދުމަށް ކުރިއަށްގެންދާ މިމަޝްރޫޢަށް 7 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމާގުޅޭ އެއްބަސްވުމުގައި އަރަމްކޯއާއި ޕެޓްރޮނާސްއިން ސޮއިކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. 

ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށްފަހު މިމަޝްރޫޢު ދެހާސް ނަވާރަވަނަ އަހަރުގެ ކުރިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. ތެޔޮ ސާފުކުރުމުގެ މިމަޝްރޫޢުގެ ދަށުން މެލޭޝިއާއިން ދުވާލެއްގެ މައްޗަށް ތިންސަތޭކަ ހާސް ފީފާގެ ތެޔޮ އުފެއްދޭނެ ކަމަށް އެޤައުމުގެ ޤައުމީ ތެޔޮ ކުންފުނިން ބުނެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނިން ހަތް ބިލިއަން އެމެރިކާ ޑޮލަރު މެލޭޝިއާގައި އިންވެސްޓު ކުރުމަށް ނިންމާފައިވާ މިވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒު މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.