ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގައި ފުރަތަމަ ފަހަރަށް ޕީ.އެޗް.ޑީ ޕްރޮގްރާމް މިއަދު ފަށްޓަވައިފިއެވެ.
ޕީ.އެޗް.ޑީ ޕްރޮގްރާމް ފަށްޓަވާފައި ވަނީ މެލޭޝިޔާގެ ޕްރައިވެޓް ޔުނިވަރސިޓީ ތަކުގެ ތެރެއިން މަތީ ފަންތީގެ ޔުނިވަރސިޓީއެއް ކަމަށްވާ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީ، އެމް.އެސް.ޔޫއާ ގުޅިގެނެވެ. މި ޕްރޮގްރާމްގައި 11 ދަރިވަރުން ބައިވެރިވެފައިވެއެވެ. ޕީއެޗް.ޑީ ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ މެލޭޝިޔާގެ އެމް.އެސް.ޔޫ އާއި ގުޅިގެން ޖޮއިންޓް ޕްރޮގްރާމްތަކެއް ފެށުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި ޖޮއިންޓް ޕްރޮގްރާމް ތެރޭގައި ބޮޑަށް އިސްކަންދެއްވާނީ ހަޔަރ ޑިގްރީއަށް ކަމަށް ފަވާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބިޒްނަސް އޭރިޔާއިން ފެށުނު ފުރަތަމަ ޕީ.އެޗް.ޑީ.. އެހެންނަމަވެސް މިހާރުވެސް އެމް.ޔޫގައި ހިނގާނެ އެޑިޔުކޭޝަން ޕީ.އެޗް.ޑީއާއި އެޕްލައިޑް ލިއުންގިސްޓިން ޕީ.އެޗް.ޑީ، މި ދެދާއިރާ އަޅުގަނޑުމެންގެ އަމިއްލަ ޕީ.އެޗް.ޑީތައް މިހާރުވެސް ހިނގަމުންދާނެ" ފަވާޒު ވިދާޅުވިއެވެ.
ޕީއެޗްޑީ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ މެލޭޝިޔާގެ ލެކްޗަރާއިންކަމަށް އެމް.އެސް.ޔޫއިން ވިދާޅުވެއެވެ. ރާއްޖެގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް ފެންވަރު ތަފާތު ނުވާނެކަމަށް އެމް.އެސް.ޔޫ އިން ވިދާޅުވެއެވެ. މިއީ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގައި ޕީ.އެޗް.ޑީ ޕްރޮގްރާމް ފެށްޓެވި ފުރަތަމަ ފަހަރެވެ.
ގައުމީ ޔުނިވަރސިޓީން ދަނީ މިއަހަރުގެ ތެރޭގައި ޝަރީޢާއިންނާއި އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ޕީ.އެޗް.ޑީ ޕްރޮގްރާމް ފެށްޓެވުމަށް މަސައްކަތް ކުރައްވަމުންކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.