ސިއްހަތު

އދގެ އޮފީސްތަކުން މީސަލްސް ވެކްސިން ޕްރޮގްރާމްގައި ބައިވެރިވެއްޖެ


މީސަލްސް ނައްތާލުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ހުންނަ އ.ދގެ އެޖެންސީތަކުގެ މަސައްކަތް ކުރައްވާ އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދު ފަށްޓަވައިފިއެވެ. 

ރޯޝަނީ ބިލްޑިނގްގައި ކުރިޔަށްގެންދިޔަ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމްއެވެ. މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ މީސަލްސް ނައްތާލުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ކަމާއި ގުޅުންހުރި ދާއިރާތަކުން ކުރައްވާ މަސައްކަތްތަކަށް މިނިސްޓަރ ޝުކުރު އާދަކުރެއްވިއެވެ.

"ހުރިހާ ބޭފުޅުން ވެސް ގައުމީ ވާޖިބެއްގެ ގޮތުގައި މިކަންދެކިވަޑައިގެން އިންޑިވިޖުއަލް ޒިންމާ، އަމިއްލަ ފަރުދީ ޒިންމާ މިކަމުގައި ނަންގަވައި ދެއްވާށޭ.. އަޅުގަނޑުމެން މިވެކްސިން ޖަހާ އުމުރުފުރައިގެ ކުދިންނަށް ހިއްވަރުދެއްވާ އާއިލާތަކުންވެސް އޮފީސްތަކުންވެސް ކުންފުނިތަކުންވެސް ހިއްވަރުދެއްވާ މި ދެހަފްތާގެ ތެރޭގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ހުރިހާ ބޭފުޅުންވެސް އެހީތެރިކަން ދެއްވާށޭ." މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14881990872118.jpg|ރާއްޖޭގައި ހުންނަ އދގެ އެޖެންސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މީސަލްސް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މީސަލްސް ނައްތާލުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން، ވެކްސިން ޖެހުމުގެ އިންތިޒާމު މާލޭގެ 11 ސަރަޙައްދެއްގައި އެޗްޕީއޭއިން ވަނީ ޤާއިމްކުރައްވާފައެވެ. އޭގެ ތެރޭގައި، އައިޖީއެމްއެޗާއި ސެނެހިޔާ، ވެލާނާގޭ، އެމްއެންޔޫ ބިޒްނަސް ސްކޫލް، ނޯތު ހާބަރ، ރޯޝަނީ ބިލްޑިންގ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖަމަންޓް ސެންޓަރ، އޮލިމްޕަސް، ޔޫތް ސެންޓަރ، އާރޓިފިޝަލް ބީޗް އަދި ރަސްފަންނު ހިމެނެއެވެ.

މި ކެމްޕެއިންގެ ދަށުން ވެކްސިން ޖަހާނީ އުމުރުން 8 އަހަރާ 14 އަހަރާ ދެމެދުގެ ކުދިންނާއި، 15 އަހަރާ 25 އަހަރާ ދެމެދުގެ ކުދިންނާ ޒުވާނުންނަށެވެ. އަދި މިސަލްސްގެ އެއްޑޯޒު ޖަހާފައިވާ ކުދިންނަށްވެސް މިކެމްޕެއިންގެ ދަށުން ވެކްސިން ދެވޭނެއެވެ.