ވިޔަފާރި

އައްޑޫ ސިޓީ - ކެފޭ، ރެސްޓޯރަންޓް ވިޔަފާރި ދަނީ ކުރިއަރަމުން


މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަޙައްދަކީ އައްޑުސިޓީއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުން، މިސިޓީއަށް މީހުން ޒިޔާރަތްކުރެއެވެ. މާލެއާއި އެއްގޮތަށް އައްޑޫސިޓީގައިވެސް ކެފޭ ރެސްޓޯރަންޓު ގިނަ ޢަދަދަކަށް ހުރިކަން ފާހަގަކޮށްލެވެއެވެ. 

ކެފޭ ރެސްޓޯރަންޓުތައް އިތުރުވަމުން އަންނައިރު، އެފަދަ ތަންތަން ޢިމާރާތްކޮށް ފަރުމާކުރުމާއި، ދޭ ޚިދުމަތްވެސް އަންނަނީ ޒަމާނީވަމުންނެވެ. ހަމައެއާއެކު ތަފާތު ރަހަތައްވެސް ފެންވަރު ރަނގަޅު ޚިދުމަތާއެކު ލިބެންހުރެއެވެ. ބައެއް ރެސްޓޯރަންޓުތަކުގެ މާޙައުލު ރިސޯޓްތަކާއި އެއްފެންވަރަކަށް ފެންނަން އެބަހުއްޓެވެ. 

img:http://s4.psmnews.mv/images/660x400/14881982624426.jpg|އައްޑޫ ސިޓީގެ ރެސްޓޯރެންޓެއް / ފޮޓޯ: އަކުއަވެންޗަރ

ކެފޭ ރެސްޓޯރަންޓް ވިޔަފާރިކުރާ ފަރާތްތަކުން ބުނީ، އައްޑޫސިޓީގައި ކެފޭ ރެސްޓޯރަންޓް ވިޔަފާރިން ރަނގަޅު ޢާމްދަނީއެއް ލިބޭކަމަށެވެ. ޒަމާނީ ޚީދުމަތްތަކާއެކު އެފަދަ ތަންތަން އިތުރުވަނީވެސް އެހެންވެކަމަށް ވިޔަފާރިކުރާ ފަރާތްތަކުން ދެކެއެވެ. ކުރިން ކުދި ކެފޭ ރެސްޓޯރަންޓުގެ ޚިދުމަތް ދެމުން އައި ބައެއް ވިޔަފާރިތަކުންވެސް ޒަމާނީ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 

ކެފޭ ރެސްޓޯރަންޓް، އައްޑޫގެ ބޮޑެތި މަގުތަކާއި ލިންކު ރޯޑުގައި ހުޅުވުމަށް ވިޔަފާރިވެރިން އިސްކަންދޭކަން ފާހަގަކޮށްލެވެއެވެ.

img:http://s4.psmnews.mv/images/660x400/14881982479712.jpg|އައްޑޫ ސިޓީގެ ރެސްޓޯރެންޓެއްގައި ތައްޔާރުކޮށްފައިވާ ކާނާތަކެއް / ފޮޓޯ: އަކުއަވެންޗަރ

އައްޑޫސިޓީގައި މިފަދަ ތަންތަން އިތުރުވަމުން އަންނައިރު، ފޯރުކޮށްދޭ ޚިދުމަތްވެސް ރަނގަޅުކަމަށާއި، ނަމަވެސް ބޭރު ޤައުމުތަކުގެ ރަހަތައް އަދިވެސް މަދުކަމަށް ބައެއް ޢާންމުން ބުނެއެވެ. މާލޭގައި ބައެއް އަވަށްޓެރި ޤައުމުތަކުގެ ކެއުންތައް ލިބެންހުންނައިރު އައްޑުއިން އެފަދަ ރަހަތައް ލިބެން ހުންނަލެއް މަދުކަމަށް ބައެއް މީހުން ބުންޏެވެ.

އައްޑޫސިޓީގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވިގޮތުގައި، 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައްޑޫސިޓީގައި 28 ކެފޭ، ރެސްޓޯރަންޓް އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ.