ދީން

"ގޮންޖެހުންތައް ނައްތާލަން ހުރިހާ ވަސީލަތްތައް ބޭނުންކުރާނަން"


އިސްލާމް ދީނަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގައި އެންމެ ކުރީ ސަފުގައި ސަޢޫދީ ޢަރަބިއާ ދެމިއޮންނާނެކަމަށް ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖެ ހިމެނޭ ގޮތަށް އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި މެލޭޝިޔާއަށް ވަޑައިގެން، އެޤައުމުގެ ރިޔާސީ ގަނޑުވަރުގައި ކުރިއަށްދިޔަ ޙަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު ވިދާޅުވީ މުސްލިމުންގެ އާބާދީއަށާއި މުސްލިމް ދައުލަތްތަކަށް ދިމާވާ ދަތިތަކާއި، ގޮންޖެހުންތައް ނައްތާލުމަށް ސަޢޫދީ އަރަބިއާގެ ހުރިހާ ވަސީލަތްތައް ބޭނުންކުރައްވާނެކަމަށެވެ. އަދި އިސްލާމް ދީނަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގައި އެންމެ ކުރީ ސަފުގައި ސަޢޫދީ ޢަރަބިއާ އަބަދުވެސް ދެމިއޮންނާނެކަމަށް ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14881955439561.jpg|ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މެލޭޝިޔާގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ސަޢޫދީ ޕްރެސް އެޖެންސީ

މެލޭޝިޔާގެ ރަސްގެފާނާއި، ބޮޑުވަޒީރާއި، އެޤައުމުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ މެލޭޝިއާއި ސަޢޫދީ ޢަރަބިއާއާމެދު ޤާއިމުވެފައިވާ އުޚުއްވަތްތެރި ގުޅުމުގެ މައްޗަށް ސައުދީ ރަސްގެފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ސަޢޫދީ ރަސްގެފާނުގެ އޭޝިއާ ކުރައްވާ މި ދަތުރުގައި ދެން ވަޑައިގަންނަވާނީ މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިއާއަށެވެ. ރަސްގެފާނުގެ މި ދަތުރުފުޅުގައި ޖަޕާން، ބަޚްރެއިން އަދި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެންމެ ފަހު ޤައުމަކަށް ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ. ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ރަސްމީބައި ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއިން އެނބުރި ވަޑައިގަންނަވާނީ ރާއްޖޭގައި ޗުއްޓީއެއްވެސް ހޭދަކުރެއްވުމަށްފަހުއެވެ. 

ސަޢޫދީ ރަސްގެފާނު ދަތުރުފުޅުކުރައްވަމުން ގެންދަވަނީ ސަޢޫދީ ކެބިނެޓްގެ ވަޒީރުން ހިމެނޭގޮތަށް 1500 އަށްވުރެ ގިނަ އޮފިޝަލުންނާއެކުގައި ކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެއެވެ.